ސްޕާ ހިންގަން ހަރުކަށި ގަވައިދެއް ހަދައި އަލުން ރަޖިސްޓްރީކުރަން އަންގައިފި

ސްޕާ ހިންގަން ހަރުކަށި ގަވައިދެއް ހަދައި އަލުން ރަޖިސްޓްރީކުރަން އަންގައިފި

ގުޅުންހުރި

ރާއްޖޭގެ ސްޕާތައް ހިންގާ ބަލަހެއްޓުމާއި އިޝްތިހާރުކުރާނެ ގޮތް ކަނޑައަޅާ ޤަވާއިދެއް އިކޮނޮމިކް މިނިސްޓްރީން އެކުލަވާލައިފިއެވެ. އިކޮނޮމިކް މިނިސްޓްރީން ވަނީ މި ޤަވާއިދު ގެޒެޓްކޮށްފައެވެ.

މަސާޖުކޮށްދޭ ތަންތަނުގައި ހަށިވިއްކުމާއި ބަދުއަހުލާގީ އަމަލު ހިންގުމާއި އެކަން އިސްތިހާރުކުރުމުގެ މައްސަލަ ބޮޑުވެފައިވަނިކޮށް، އިކޮނޮމިކް މިނިސްޓްރީން ނެރުނު ގަވައިދުގައި، ސްޕާ ހިންގާ ތަންތަނުގައި ހުންނަން ޖެހޭ މިންގަނޑުތަކާއި އެ ތަންތަނުގައި ދެވޭނެ ހިދުމަތްތައް ތަފްސީލުކޮށްފައިވެއެވެ. މިހާރު ހިންގާ މިފަދަ ތަންތަން މި ގަވައިދުގެ ދަށުން 90 ދުވަހުގެ ތެރޭގައި އަލުން ރަޖިސްޓްރީކުރަން ޖެހޭނެއެވެ.

އިކޮނޮމިކް މިނިސްޓްރީގެ ޤަވާއިދުގައި ބަޔާންކޮށްފައިވާގޮތުން، ރާއްޖޭގައި ހިންގާ ސްޕާތަކުގައި މަސައްކަތް ކުރާ މުވައްޒަފުން، އެސްޕާއެއްގެ ފޮޓޯ، ވީޑީއޯ އަދި އޯޑިއޯ އަމިއްލަ ގޮތުން އާންމުކުރުމަކީ މަނާކަމެކެވެ.

އިކޮނޮމިކް މިނިސްޓްރީގެ ޤާވާއިދުގައި ވަނީ ސަޕާތައް އިޝްތިހާރުކުރާނެ ގޮތުގެ މިންގަނޑުވެސް ބަޔާންކޮށްފައެވެ. އެގޮތުން، ސްޕާތައް އިޝްތިހާރުކުރުމުގައި މުޖުތަމަޢުގެ އިޖުތިމާޢީ އަޚްލާގީ މިންގަނޑުތަކަށް ފެތޭގޮތައް އިޝްތިހާރުކުރުމަށް ބަޔާންކޮށްފައިވެއެވެ. އަދި މި އިޝްތިހާރުތަކުގައި އެއްވެސް މީހެއް ނުހިމެނުމަށް އިކޮނޮމިކް މިނިސްޓްރީގެ ޤަވާިއދުގައި ވަނީ މަޖުބޫރުކޮށްފައެވެ.

ސްޕާތައް އިޝްތިހާރުކުރުމަށް ޤަވާއިދެއް އެކުލަވާލުމުގެ އިތުރުން، ސްޕާތައް ރަޖިސްޓްރީކުރުމާއި، ހިންގުން އަދި އިންސްޕެކްޓްކުރުމަށްވެސް ވަނީ ގިނަ އުސޫލުތަކެއް އެކުލަވާލާފައެވެ. އެގޮތުން، މިމަހުގެ 21 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ސްޕާގެ ވިޔަފާރިކުރެވޭނީ އިކޮނޮމިކް މިސްޓްރީގެ ބިޒްނަސް ޕޯޓަލްގެ ދަށުން ވިޔަފާރި ހަރަކާތެއްގެ ގޮތުގައި ރަޖިސްޓްރީ ކުރުމަށްފަހުކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.

ރަޖިސްޓަރީނުކޮށް ސްޕާ ހިންގާނަމަ 10،000ރ. އިން ޖޫރިމަނާކޮށް، އެ ވިޔަފާރިއެއް ވަގުތުން ހުއްޓާލުމަށް އެންގުމުގެ ބާރު މިނިސްޓްރީއަށް މިގަވާއިދުގެ ތެރެއިން ލިބިދެވޭނެއެވެ. އަދި ސްޕާ ހިންގަން ރަޖިސްޓަރީކުރުމަށް ފަހު، އެ ވިޔަފާރި ހަރަކާތް ހިންގުމުގައި، މި ގަވާއިދުގައި ކަނޑައަޅާފައިވާ ޝަރުތަކާ ނުވަތަ މިންގަނޑަކާ އެއްވެސް ފަރާތަކުން ހިލާފުވެއްޖެނަމަ ވަކި މުއްދަތެއްގެ ތެރޭގައި އިސްލާހުކުރުމަށް އެންގުމާއި، ސްޕާގެ ވިޔަފާރި ހަރަކާތް ޖޫރިމަނާކުރުމާއި، ވިޔަފާރި ހަރަކާތް ރަޖިސްޓްރޭޝަން ބާތިލްކުރުމާއި، ވިޔަފާރި ހަރަކާތް ހިންގާ ތަން ވަގުތުން ބަންދުކުރުމަށް އެންގޭނެއެވެ.

މުވައްޒަފުންނާ ގުޅޭ މިންގަނޑުތަކާ ހިދުމަތް ދިނުމުގައި އަމަލުކުރަންޖެހޭ މިންގަނޑުތަކާ ހިލާފުވާ ފަރާތްތަކާއި އިސްލާހުކުރަން އަންގާ އެންގުންތަކާ އެއްގޮތަށް އަމަލުނުކުރާ ފަރާތްތަކާއި ތަކުރާރުކޮށް މިންގަނޑުތަކާ ހިލާފުވާ ފަރާތްތައް 6،000-8،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމަށް ގަވާއިދުގައި ހިމަނާފައިވެއެވެ.

ސްޕާ ހިންގާ އިމާރަތްތައްވެސް މިވަގާއިދުގެ ދަށުން ހުންނަ ޖެހެނީ ވަކި ޝަރުތުތަކެއް ހަމަވާ ގޮތަށެވެ. އެގޮތުން ސްޕާގެ ހިންގާ އިމާރާތާއި ހިދުމަތް ދޭ ތަނުގެ ބޭރުގައި އެ ތަނުގެ ނަން ލިޔެފައި އޮންނަން ޖެހެއެވެ. އަދި ރަޖިސްޓްރީކޮށްގެން ހިންގާ ތަނެއްކަން އެނގޭ ގޮތަށް "ރަޖިސްޓަޑް ސްޕާ" ލިޔަން ޖެހެއެވެ.

ސްޕާގެ ވިޔަފާރި ރަޖިސްޓްރީކޮށް ހިދުމަތް ދެވޭނީ ހެނދުނު 8:00 އިން ރޭގަނޑު 11:00 އަށެވެ. އަދި ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ހުކުރު ދުވަހު ހެނދުނު 11:00 އިން މެންދުރު 2:00 އަށް އެ ތަނުގައި ހިދުމަތް ދިނުމަކީ މަނާކަމެކެވެ. ނަމަވެސް ޓޫރިޒަމް ހިދުމަތް ދޭ ތަންތަން މި ކަމުން އިސްތިސްނާވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ