މީހެއްގެ ޙައްޤެއް ގެއްލިއްޖެނަމަ އެއީ މަޢާފު ކުރެވޭނެކަމެއް ނޫން: އުއްތަމަ ފަނޑިޔާރު

މީހެއްގެ ޙައްޤެއް ގެއްލިއްޖެނަމަ އެއީ މަޢާފު ކުރެވޭނެކަމެއް ނޫން: އުއްތަމަ ފަނޑިޔާރު

Author
ޢަލީ އާދަމް
21 ފެބްރުއަރީ 2023 12:38
0

ފަރުވާކުޑަވުމުގެ ސަބަބުން ނުވަތަ އަތުން ބީވެގެންދާ ކުޑަ ކުޑަ ކަމެއްގެ ސަބަބުން މީހެއްގެ ޙައްޤެއް ގެއްލިއްޖެނަމަ އެއީ މަޢާފު ކުރެވޭނެކަމެއް ނޫން ކަމުގައި އުއްތަމަ ފަނޑިޔާރު އަލް އުޘްތާޒު އަހުމަދު މުއުތަސިމް އަދުނާން ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ ފަރާތުން ބޭއްވި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ވަކީލުކަމުގެ މަސައްކަތް ކުރައްވާއިރު އެންމެ ހިނދުކޮޅަކަށްވެސް ރޮނގުން ކައްސާލައިގެން ނުވާނެކަމަށެވެ. އަބަދުވެސް މަސައްކަތް ކުރައްވަންވާނީ ކަމަށް ކަމޭ ހިތައިގެން ކަމަށެވެ.

ފަރުވާކުޑަވުމުގެ ސަބަބުން ނުވަތަ އަތުން ބީވެގެންދާ ކުޑަ ކުޑަ ކަމެއްގެ ސަބަބުން މީހެއްގެ ޙައްޤެއް ގެއްލިއްޖެނަމަ އެއީ މަޢާފު ކުރެވޭނެކަމެއް ނޫން. އަދި އެކަންކަމާ މެދު އެމީހަކާ ސުވާލުކުރެވޭނެ ކަން އަބަދުވެސް ހަނދުމަފުޅު ބަހައްޓަވަންވާނެ.

– އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ޤާނޫނީ ފަންނު ތަރައްޤީވެ ކުރިއެރުވުމަ ކީ އެންމެން ގުޅިގެން ކުރަންޖެހިފައިވާކަމެއް ކަމަށެވެ. ޤާނޫނީ ވަކީލުންނަކީ އެކަކު އަނެކަކަށް އިޙްތިރާމްކުރާ ބަޔަކަށްވާންޖެހޭ ކަމަށެވެ. މި ދާއިރާ އާ އަލަށް ގުޅިވަޑައިގަންނަވާ ވަކީލުންގެ ކިބައިން އެދެނީ ދާއިރާގައި ދުވަސްވީ ތަޖުރިބާކާރު ވަކީލުންނަށް އިޙްތިރާމް ކުރެއްވުމަކީ އިސްކަމެއް ކަމުގައި ދެކެ ވަޑައިގަތުމަށް ކަމުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރުމަކީ ފަސޭހަ ކަމެއްނޫން ކަމަށެވެ. ހުކުރެއް ހޮނިހިރެއް ނޯންނަ، ވަގުތު ފަހާ ދުވަންޖެހޭ މަސައްކަތެއް ކަމަށެވެ. އަދި މިއީ ފަރުވާތެރިކަމާއެކު ކުރަންޖެހޭ ޒިންމާ ބޮޑު، މީހުންގެ ޙައްޤުތަކާ ގުޅިލާމެހިފައިވާ ޚިދުމަތެއްކަމަށެވެ.

ޤާނޫނީ ވަކީލެއްގެ ކުޑަކުޑަ އިހުމާލަކުންވެސް މީހެއްގެ ނުވަތަ ބައެއްގެ ޙައްޤު ގެއްލި ދިޔުމުގެ ފުރުޞަތު އޮވެދާނެ. ޒިންމާއަދާނުކޮށް ފަރުވާކުޑަކުރެވިއްޖެނަމަ، އިޢާދަކުރަން ދަތި ގެއްލުންތައް ކުރިމަތިވުމުގެ ފުރުޞަތު އެބައޮތް. އަދި މި މަސައްކަތަކީ އުޖޫރުއަކާނުލައި ދާއިމީ ގޮތެއްގައި ކުރެވޭނެ މަސައްކަތެއް ވެސްނޫން. އެހެންނަމަވެސް، އަޅުގަނޑުމެން ހަނދާނުގައި ބަހައްޓަންވީ، ޤާނޫނީ ވަކީލުންގެ ޚިދުމަތަށް ގަބޫލު ކުރެވޭ ފީ އެއް ނެގިކަމުގައިވިޔަސް، އަބަދުވެސް އިންސާފަށްވުރެ ފައިސާ އިސްނުކުރުމަށް، އަދި މުވައްކިލުގެ މަޞްލަޙަތުގެ ކުރިޔަށް އުޖޫރަ އިސްނުކުރުމަށް.

– އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

އަލަށް މި ފަންނާ ގުޅިގެންދާއިރު ހަނދާނުގައި ބަހައްޓަންޖެހޭ އަނެއް ކަމަކީ، ބައެއް ފަހަރު ޢަމަލީ މައިދާނަށް ނިކުމެ ކާމިޔާބީ ޙާޞިލުކުރުމަށް ކޮންމެވެސް ވަރެއްގެ އިންތިޒާރެއް ކުރަން ޖެހިދާނެކަން ކަމުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ. ނަމަވެސް މާޔޫސް ވުމެއްނެތި ހިއްމަތާއެކު މަސައްކަތުގައި ދެމިތިބު މަކީ ކަމުގެ ފަރުވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ޤާނޫނީ ދާއިރާގައި މަސައްކަތްކުރައްވާ ހުރިހާ ވަކީލުންނަކީވެސް ޤާނޫނީ ޢިލްމުގެ ދާއިރާއިން ކޮންމެ ދުވަހަކު އާ ތަޖުރިބާތަކެއް ކުރައްވައި، އާ ކަންތައްތަކެއް ދަސްކުރަން މަސައްކަތް ކުރައްވާ ބަޔަކަށް ވެސް ވާންޖެހޭ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.