އެސްޓީއޯގެ މެނޭޖިން ޑިރެކްޓާ ހުސެއިން އަމްރު ގެންދަަވަނީ ރޯމާ ދުވާލު ދިވެހި ރައްޔިތުންގެ ފައިސާ ލޫޓުވަމުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޔައުގޫބް ވިދާޅުވީ އެސްޓީއޯއަކީ ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ވާއިރު އެތަނުގެ އެމްޑީއާއި ޑީއެމްޑީއާއި، ބޯޑަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ބައެއް ކަމަށެވެ. ސިޔާސީ މަގުސަތުތަކަށްޓަކައާއި އަމިއްލަ މަންފާއަށް އެސްޓީއޯގެ އެމްޑީ އަމްރު އިސްކޮށް ހުންނަވައިގެން މިއަދު ހިންގަވާ ކަންކަމަކީ ނަލަންޖެހޭ ކަންތައްތަކެއްކަމަށް ޔައުގޫބް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ނިމިދިޔަ އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕެއިންގައިވެސް އަމްރުގެ އޯޑަރަށް އެސްޓީއޯގައި ވަޒީފާ އަދާކުރާ މުވައްޒިފުން އުސޫލުން ބޭރުން ކެމްޕެއިނަށްވެސް ފޮނުވައި އަމްރު އެމަޤާމަށް އައްޔަންކުރި ރައީސް ޞާލިހާއި ދެކޮޅަށް ކެމްޕެއިން ކުރިކަމަށެވެ. ނަމަވެސް ރައީސް ޞާލިހު މިހާތަނަށްވެސް އޭނާއަށް ފިޔަވަޅު އަޅާފައި ނުވާކަމަށެވެ.
އެސްޓީއޯގެ އެމްޑީ އަކީވެސް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކޮށްފައިވާ ފަރާތެއް. އޭނާ ދިޔައީ ރައީސް ޞާލިހަށް ތާއީދިކޮށް އެކެމްޕޭނަކު ނޫން ދިޔައީ. އެކަމު އެސްޓީއޯ އެމްޑީވެސް އެހެރީ ފިޔަވަޅެއްވެސް އެޅީކީ ނޫން.
– ޔައުގޫބް ވިދާޅުވިއެވެ.
ޔައުގޫބް ވިދާޅުވީ މިހާރު އެސްޓީއޯ އެމްޑީ އަމްރުއަށް ފިޔަވަޅު އަޅަންޖެހޭ ބައިވަރު ކަންކަން ފާހަވެފައިވާކަމަށެވެ. އެގޮތުން ޔައުގޫބް ވިދާޅުވީ އެސްޓީއޯއިން މުވައްޒިފުންގެ ރިޑެންޑެންސީ ޕޮލިސީ އެތަނުން ފައިނަލް ކުރިއިރު، އޭގެ ތެރެއަށް ސިޔާސީ ގޮތުން އައްޔަން ކުރެވުނު އެމްޑީ އަމްރުގެ ނަންވެސް ހިމަނައި ވަޒީފާއިން ވަކިކޮށް، ނުވަތަ އިސްތިއުފާ ދޭންޖެހޭ ހާލަތެއްގައިވެސް އެއްމިލިޔަން ރުފިޔާ ދޭންޖެހޭ ގޮތަށް އުސޫލު ބަދަލު ކޮށްފައިވާކަމަށެވެ.
މުވައްޒިފުންގެ ރިޑެންޑެންސީ ފައިނަލް ކުރިއިރު، އެސްޓީއޯގެ އެމްޑީވެސް އޭގެ ތެރެއަށް ލައިގެން އެސްޓީއޯގެ އެމްޑީ އެއްވެސް ހާލަތެއްގައި މަޤާމުން ވަކިކޮށްފި ކަމަށްވަންޏާ އަދި މަޤާމުން އިސްތިއުފާ ދިނަސް އެއްމިލިޔަނަށް ވުރެ ގިނަ ރުފިޔާ ލިބޭ ގޮތަށް އެޕޮލިސީ ފާސްކޮށް ނިންމާފައި އެއޮތީ. މިއީ ރޯމާ ދުވާލު ދިވެހި ރައްޔިތުންގެ ފައިސާ ލޫޓުވުން.
– ޔައުގޫބް ވިދާޅުވިއެވެ.
ޔައުގޫބް ވިދާޅުވީ މިމައްސަލައަކީ ބަލަންޖެހޭ މައްސަލައެއް ކަމަށެވެ. އޭނާ ވިދާޅުވީ މަޖިލީހުގެ އެސްއޯއީ ކޮމިޓީން މިމައްސަލަ ބަލަންޖެހޭ ކަމަށެވެ. ނަމަވެސް މިކަން އެސްއޯއީ ކޮމެޓީން މިކަން ނުބަލައި މިއީ ނުވާކަމެއްކަމަށް މިއަދާއި ހަމައަށް ބާއްވައިގެން އޮތުމަކީ އެކޮމެޓީގެ ޗެއާ މިކަމަށް ކުފޫ ހަމަނުވާކަން ހާމަވާ ކަމެއްކަމަށް ޔައުގޫބް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިމައްސަލަ އެސްއޯއީ ކޮމެޓީން ނުބެލިޔަސް، މާލިއްޔަތު ކޮމެޓީން ބަލާނެކަމަށެވެ. އޭނާ ވަނީ އެސްޓީއޯގެ އެމްޑީއަށް ނުހައްގުން މިހާބޮޑު ފައިސާއެއް ލިބޭގޮތަށް އޮތް އޮތުމަކީ ސީދާ ރައީސުލްޖުމްހޫރިއްޔާވެސް ބައްލަވައި ފިޔަވަޅު އަޅަންޖެހޭ ކަމެއްކަމަށެވެ.
ކޮމެންޓު ފޮނުވާ