ބޭރުގެ ފަރާތްތަކަށް ބިން ވިއްކުމާ ދެކޮޅަށް އިދިކޮޅުން ހިނގާލުމެއް ބާއްވަނީ

ބޭރުގެ ފަރާތްތަކަށް ބިން ވިއްކުމާ ދެކޮޅަށް އިދިކޮޅުން ހިނގާލުމެއް ބާއްވަނީ

މާލެ ސަރަހައްދުގައި ސިނާއީ މަސައްކަތްތަކަށާއި ގުދަންކުރުމަށް ބޭނުންކުރާ ތިލަފުށިން ބިދޭސީ ފަރާތްތަކަށް ދިގު މުއްދަތަކަށް ބިން ވިއްކަން ސަރުކާރުން ނިންމި ނިންމުމާ ދެކޮޅަށް އިދިކޮޅުން ބޮޑު ހިނގާލުމެެއް ބާއްވަން ނިންމައިފިއެވެ.

ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ ދިވެހިންގެ ބިން ސިޔާސީ ބޭނުންތަކަށް ވިއްކުމާއި ދިވެހިން ދެކޮޅު ކަމަށެވެ. އަދި ތިލަފުށީގެ ބޮޑި ބައެއް 99 އަހަރަށް ބޭރު ބައެއްގެ އަތްމައްޗަށް ދޫކޮށްލުމަކީ ދިވެހިންގެ މިނިވަންކަމަށް ބުރޫއު އަރައިފާނެ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ސަރުކާރުން ވަކި ގައުމަކަށް ބިން ވިއްކަން އުޅޭ ކަމުގެ ތުހުމަތު ވެސް ޝިޔާމް ކުރެއްވިއެވެ.

މީގެ އިތުރުން ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު ވިއްކާލަން އުޅުމާއި މި ސަރުކާރުން ތިލަފުށިން ބޭރު މީހުންނަށް ބިން ދޫކުރުމުގެ ތަފާތަކީ ކޮބައިތޯ ނޫސްވެރިޔަކު ސުވާލުކުރުމުން ޝިޔާމް ވިދާޅުވީ ފ. އަތޮޅުގެ މަޝްރޫއުއަކީ ރާއްޖޭގައި ހިނގާނެ އެންމެ ބޮޑު އިގްތިސާދީ މަޝްރޫއު ކަމަށެވެ. އަދި އެ މަޝްރޫއުއިން ދިވެހި ރައްޔިތުންގެ ދިރިއުޅުންތައް ޔަގީނުން ވެސް އެތައް ގުނައެއް ތަނަވަސް ކޮށްދޭނެކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ މިފަދަ ބިންތައް ގާއިމުކޮށްފައިވަނީ ރައްޔިތުންގެ ޓެކްސް ފައިސާއިން ވަރަށް ބޮޑު ހޭދައެއް ކޮށްގެންކަމަށާއި ތިލަފުށި ބިމަށް ދިވެހި ދައުލަތުން ބިލިއަނުން ޚަރަދުކޮށްފައި އެ ބިންތައް ސަރުކާރުން އަމިއްލަ މަންފާއެއް ހޯދުމަށް ވަކި ބަޔަކަށް އުމުރު ދުވަހަށް ވިއްކުން ބަލައި ނުގަނެވޭކަމަށެވެ.

ވަކިން ހާއްސަކޮށް މިއަހަރަކީ ރިޔާސީ އިންތިހާބު އޮންނަ އަހަރަށް ވާތީއާ އެކީގައި ރިޔާސީ އިންތިހާބަށް ފައިސާ ހޯދުމުގެ ބޭނުމުގައާ އަދި ވައްކަން ކުރުމުގެ ނިޔަތުގައި އެ ބިންތައް ނުއަގުގައި ބޭރު މީހުންނަށް ސީދާ ވަކި ބަޔަކަށް ވަކި ކުންފުނިތަކަކަށް އިންޑިއާގެ ވަކި ކުންފުނިތަކަކަށް ދިނުމުގެ ބޭނުމުގައި ތައްޔާރުކޮށްފައި ހުރި ކަރުދާސްތަކެއްކަން ލިޔުންތަކަށް ބަލައިލީމައި އެނގެން އޮވޭ. ޝިޔާމް ވިދާޅުވެފައިވެއެވެ.

އޭނާ ވިދާޅުވީ ރާއްޖެއަކީ މިނިވަން މުސްތަގިއްލު ގައުމެއްކަމަށާއި ނަމަވެސް ރާއްޖޭގެ މިނިވަންކަމާއި ރާއްޖޭގެ ސިޔާދަތާއި ރާއްޖޭގެ މުސްތަގިއްލުކަމަށް ބުރޫ އަރާ އެތައް ކަމެއް މި ސަރުކާރުން ކުރަމުންދާކަމަށެވެ.

ތިލަފުށި ދެވަނަ ފިޔަވަހިން 150 ހެކްޓަރުގެ ބިމެއް ހިއްކާ ބޭރު މީހުންނަށްވެސް ބައިވެރިވޭ ގޮތަށް ސިނާއީ ބޭނުމަށް 50 ބިން ވިއްކުމަށް އެޗްޑީސީ އިން ވަނީ ހުޅުވާލަފައެވެ. މިކަމާ ގުޅިގެން އަމާޒުވާ ފާޑުކިޔުންތަކަށް ރައްދު ދެމުން އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ތިލަފުށިން ދޫކުރުމަށް ހަމަޖެހިފައިވާ 10 އިންސައްތަ ބިމަކީ ބޭރުގެ ވިޔަފާރިތަކަށް ބިޑު ކުރެވޭ ގޯތި ކަމަށެވެ. ނަމަވެސް އެ މީހުންވެސް އަމަލުކުރަން ޖެހޭނީ ރާއްޖޭގައި މިހާރު ހަދާފައިވާ ގަވައިދުތަކަށާއި އިދާރާތަކުން ހަދާފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *