ފަހުވަގުތު މެސީ ޖެހި ގޯލުން ޕީއެސްޖީ މޮޅުވެއްޖެ

ފަހުވަގުތު މެސީ ޖެހި ގޯލުން ޕީއެސްޖީ މޮޅުވެއްޖެ

ފްރާންސް ލީގުގައި ލިއޮނަލް މެސީ، މެޗުގެ އިތުރު ވަގުތުގައި ޖެހި ހިލޭ ޖެހުމުން ޕީއެސްޖީން 4-3 އިން ލިލް އަތުން މޮޅުވެއްޖެއެވެ.

ޕީއެސްޖީން ލީޑުނެގީ މެޗުގެ 11 ވަނަ މިނިޓްގައި ކީލިއަން އެމްބާޕޭ ޖެހި ގޯލުންނެވެ. މިއީ ނޭމާ ދިން ބޯޅައެއް ހިފައިގެން އޭރިއާތެރެއިން ލިލްގެ ދެ ކުޅުންތެރިން ކައިރިން ދެމިގަތުމަށް ފަހު އެމްބާޕޭ ޖެހި އިންޑިވިޖުއަލީ މޮޅު ގޯލެކެވެ. އޭގެ ހަ މިނިޓް ފަހުން، މެޗުގެ 17 ވަނަ މިނިޓްގައި ޕީއެސްޖީން ލީޑުފުޅާކުރީ މެޗުގައި ކުޑަހުޅަށް އަނިޔާވެގެން އަށިގަނޑުގައި ބާލަން ޖެހުނު ނޭމާއެވެ. އޭރިއާތެރެއިން ވިޓީނިއާ ދިން ބޯޅަ ނޭމާ ވަނީ ގޯލަށް ވައްދާލައިފައެވެ. ނޭމާ، ކުޑަހުޅަށް އަނިިޔާވެގެން ބަދަލުުކުރީ ދެ ވަނަ ހާފުގެ ކުރީކޮޅުގައެވެ.

މި މެޗުގައި ޕީއެސްޖީން ދެ ގޯލުގެ ލީޑެއް ނެގި ނަމަވެސް ލިލް އިން ވަނީ ނަތީޖާ އަނބުރާލައިފައެވެ. މެޗުގެ 24 ވަަނަ މިނިޓްގައި ލިލްގެ ފުރަތަމަ ގޯލު ޖެހީ އަންދްރޭ ގޯމޭޒް ނެގި ހިލޭ ޖެހުމަކުން ބަފޯޑް ޑިއަކީޓޭ ބޮލުންނެވެ. އެ ޓީމަށް އެއްވަރުކޮށްދިނީ 58 ވަަނަ މިނިޓްގައި ޕެނަލްޓީ އަކުން ޖޮނަތަން ޑޭވިޑް އެވެ. މިއީ ޕީއެސްޖީގެ މާކޯ ވެރާޓީ ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. އޭގެ 10 މިނިޓް ފަހުން، މެޗުގެ 68 ވަނަ މިނިޓްގައި އޭރިއާތެރެއިން ޖޮނަތަން ބަމްބާ ވަނީ ގޯލެއް ޖަހައި ލިލް އަށް ލީޑުނަގައިދީފައެވެ.

ޕީއެސްޖީން ގިނަ އެޓޭކްތަކެއް ކުރި މި މެޗުގައި އެ ޓީމަށް އެއްވަރުކޮށްދިނީ 87 ވަނަ މިނިޓްގައި އެމްބާޕޭއެވެ. މިއީ އޭރިއާތެރެއިން ހުއާން ބާނާޓް ޖައްސާލި ބޯޅައެއް ތިރިތިރިން ގޯލުގެ ކައިރީ ކަނަށް ފޮނުވާލައިގެން އެމްބާޕޭ ޖެހި ގޯލެކެވެ. މެޗުގެ އިތުރު ވަގުތުގެ ހަތް މިނިޓްގެ ތެރެއިން ފަސް ވަނަ މިނިޓްގައި މެސީ ވަނީ ހިލޭ ޖެހުމަކުން ގޯލު ޖަހައި ޕީއެސްޖީ މޮޅުކޮށްދީފައެވެ. މެސީ ފޮނުވާލި ހިލޭ ޖެހުން ގޯލަށް ވަނީ ދަނޑީގައި ޖެހިފައެވެ.

މި މޮޅާ އެކު ޕީއެސްޖީ ލީގުގެ އެއް ވަނައިގައި އޮތީ 24 މެޗުން 57 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް މޮނާކޯ އިން މިރޭ ބްރެސްޓް ދަނޑުގައި 2-1 އިން މޮޅުވިއިރު، މޮނާކޯ އަށް ވަނީ 24 މެޗުން 50 ޕޮއިންޓް ލިބިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *