2015 ވަނަ އަހަރު މާޗް މަހުގެ 20 ވަނަ ދުވަހުގެރޭ ލ.މުންޑޫ ނޫވިލު، އަލީ ޒިޔަދަމް މަރާލި މައްސަލާގައި ކުށް ސާބިތުވެފައިވާ ގާތިލަށް މަރުގެ އަދަބު ދިނުމަށް ޒިޔަދަމުގެ ވަކީލުން ޝަރީއަތުގައި އެދިއްޖެއެވެ.
ޒިޔަދަމް މަރުގެ މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވަނީ ލ.މުންޑޫ މުހައްމަދު ޝަނޫންއާއި، އަލީ ސިފާމްގެ މައްޗަށެވެ. މިދެމީހުންގެ މައްޗަށްވެސް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރުގެ ދައުވާއެވެ. މީގެ އިތުރުން ޝަނޫންގެ މައްޗަށް ބިރު ދެއްކުމާއި މާރާމާރީ ހިންގުމުގެ ދައުވާވެސް ވަނީ އުފުލާފައެވެ.
މި ދެ މީހުންގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފައިވަނީ މިދިޔަ ޑިސެމްބަރު 18 ވަނަ ދުވަހުއެވެ. ޝަނޫންގެ މައްޗަށް ސާބިތުވީ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. ސިފާމްގެ މައްޗަށް ސާބިތުވީ މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށެެވެ.
ޒިޔަދަމްގެ ގާތިލުންނަށް ހުކުމް އިއްވޭނީ ވާރިސުންގެ ހެކި ބަސް ނަގައިގެން ކަމަށްވާތީ ކޯޓުން މިއަދު ވަނީ ވާރިސުންގެ ހެކި ބަސް ނަގާފައެވެ. ކޯޓުން ހޯދި މައުލޫމާތަށް ބަލާއިރު ޒިޔަދަމްގެ ވާރިސުންގެ ގޮތުގައި މަންމައާއި ބައްޕަގެ އިތުރުން އެއްބަފާ ދެ މީހުންނާއި އެއްބަނޑު އެއްބަފާ ހަ މީހުން ހިމެނެއެވެ.
ޒިޔަދަމު މަރާލިއިރު އޭނާގެ މަންމަ ދުނިޔޭގައި ހުރި ނަމަވެސް މިހާރު މަންމަ ވަނީ މަރުވެފައެވެ. އެހެންނަމަވެސް މަންމަ މަރުވުމުގެ ކުރިން ތަހުގީގަށް ދިން ބަޔާނުގައި ވަނީ ޒިޔަދަމުގެ ގާތިލަށް މަރުގެ އަދަބު ދިނުމަށް އެދިފައެވެ. ހުރިހާ ވާރިސުން ވެސް ކޯޓުގައި އެދުނީ ޒިޔަދަމުގެ ގާތިލަށް މަރުގެ އަދަބު ދިނުމަށެވެ.
ޒިޔަދަމްގެ މަރުގެ މައްސަލަ ބައްލަވާ ގާޒީ އިސްމާއީލް ޝަފީއު ވިދާޅުވީ ވާރިސުންގެ ބަސް ނެގިފައިވާތީ އަންނަ އާދިއްތަ ދުވަހު މިމައްސަލައިގައި ހުކުމް ކުރުން އޮންނާނެ ކަމަށެވެ. މަރުގެ މައްސަލަތަކުގައި އެއްވެސް ވާރިސަކު މަރުގެ އަދަބު ދިނުމަށް އިންކާރުކޮށްފިނަމަ މަރަށް މަރު ހިފުމުގެ ހުކުމުން ސަލާމަތް ވާނެއެވެ. ނަމަވެސް ޒިޔަދަމުގެ ހުރިހާ ވަކީލުން ވެސް އެދުނީ މަރަށް މަރު ހިފާށެވެ.
ދައުލަތުން ކޯޓަށް ހުށަހެޅި މައްސަލާގައި ޒިޔަދަމް މަރާލާފައިވަނީ މަސްކަނޑާ ވަޅިއަކުން ބުރަކައްޓަށާއި، ފަލަމަސްގަނޑަށް ދިން ހަމަލާގެ ސަބަބުންކަމަށް ވަނީ ބުނެފައެވެ. މިމާރާމާރީގައި މަރުވި ޒިދަމްއާއި، އޭނާ މަރާލި ކަމަށް ކުށްސާބިތުވި ޝަނޫންއާއި، ސިފާމްއަކީވެސް އެކީގައި އުޅުނު ތިން ރަށްޓެހިންކަމަށާއި ޒިޔަދަމް މަރާލި ރޭ ސިފާމްގެ ކޮއްކޮއާއި ދެމެދު ކޮންމެވެސް ވަރެއްގެ ހަމަނުޖެހުމެއް ހިނގާފައިވެއެވެ. ޒިޔަދަމް މަރާލަފައި އޮއްވާ ފެނުނީ އެރަށު ވަގުތީހިޔާގޭ ބަދިގެތެރޭގައި އޮއްވައެވެ.
ކޮމެންޓު ފޮނުވާ