ރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ ދަޢުވަތަކަށް ސްރީލަންކާގެ އުއްތަމަ ފަނޑިޔާރު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފި

ރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ ދަޢުވަތަކަށް ސްރީލަންކާގެ އުއްތަމަ ފަނޑިޔާރު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފި

Author
ހުސެއިން
12 ފެބްރުއަރީ 2023 07:07
0

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ދަޢުވަތަކަށް ސްރީލަންކާގެ އުއްތަމަ ފަނޑިޔާރު ޖަޔަންތާ ޖަޔަސޫރިޔާ، 11-12 ފެބުރުވަރީ 2023 އަށް ދިވެހިރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފިއެވެ.

މި ޒިޔާރަތުގައި، ޤަޟާއީ އަހަރު 2023 އާ ގުޅިގެން ބޭއްވުނު އެނުއަލް ޖުޑީޝަލް ކޮންފަރެންސްގައި ސްރީލަންކާގެ އުއްތަމަ ފަނޑިޔާރު ޖަޔަންތާ ޖަޔަސޫރިޔާ ބައިވެރިވެވަޑައިގެންނެވިއެވެ. އަދި، މި ކޮންފަރެންސްގައި އެ މަނިކުފާނު ވަނީ ތަޤްރީރު ކުރައްވާފައެވެ.

މީގެ އިތުރުން، ސްރީލަންކާގެ އުއްތަމަ ފަނޑިޔާރު ޖަޔަންތާ ޖަޔަސޫރިޔާ މިއަދު ވަނީ ސުޕްރީމް ކޯޓަށް ޒިޔާރަތް ކުރައްވައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާން އާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އާއި ފަނޑިޔާރު އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރު އާއި ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއްސުޢޫދު އާއި ފަނޑިޔާރު އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މަސައްކަތްތަކާއި އަދި ޝަރީޢަތުގެ މަޖިލިސްތައް ކުރިއަށް ގެންދާގޮތުގެ މަޢުލޫމާތު ސްރީލަންކާގެ އުއްތަމަ ފަނޑިޔާރު ޖަޔަންތާ ޖަޔަސޫރިޔާއާ ހިއްސާ ކުރެވުނެވެ. އަދި، ޝަރީޢަތްތައް އޮންލައިންކޮށް ކުރިއަށް ގެންދާ ގޮތާ ގުޅޭގޮތުން އޮޅުންފިލުއްވައި އެކަމާ ގުޅޭ އިންތިޒާމްތައް އެ މަނިކުފާނު ބައްލަވައިލެއްވިއެވެ.

މީގެ އިތުރުންވެސް، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން ބަދަހިކޮށް ޝަރުޢީ ދާއިރާ ކުރިއެރުވުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާ ކުރެވުނެވެ.

މީގެ އިތުރުންވެސް، މި ބައްދަލުވުމުގައި، ދިވެހިރާއްޖޭގެ ކޯޓުތަކުން އޮންލައިންކޮށް ޝަރީޢަތްތައް ހިންގުމުގައި ހޯއްދަވާފައިވާ ކުރިއެރުންތަކަށް ތަޢުރީފު ކުރައްވައި، ދިވެހިރާއްޖެއަކީ މިކަމުގައި ނަމޫނާ ޤައުމެއްގެ ގޮތުގައި ސްރީލަންކާގެ އުއްތަމަ ފަނޑިޔާރު ޖަޔަންތާ ޖަޔަސޫރިޔާ ސިފަކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.