ބަންގްލަދޭޝް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޝެއިޚް އަބުލް ކަލަމް އަޒާދް މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ މިއަދު މެންދުރުފަހު މާލެ ސިޓީކައުންސިލްގެ ބިއުރޯގައެވެ. މި ބައްދަލުކުރެއްވުމުގައި ބަންގްލަދޭޝްގެ ސަފީރު ވަނީ ދެ ޤައުމުގެ ދެމެދުގައިވާ ރަޙްމަތްތެރިކަމުގެ ގުޅުމާއި އެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އަދި ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝް އަށް ނިސްބަތްވާ މުވައްޒަފުންނަށް ދިމާވާ ދަތިތައް ހައްލުކުރުމުގެ ގޮތުން މާލެ ސިޓީ ކައުންސިލުން ވެދެއްވޭނެ އެހީތެރިކަމާއި މާލެ ސިޓީ ކައުންސިލްގައި ވަޒީފާ އަދާ ކުރަމުންދާ އެ ޤައުމުގެ މުވައްޒަފުންނަށް ލުއިފަސޭހަ ފުރުޞަތުތަކެއް ފަހިވެގެންދާނެ ގޮތްތަކާއިމެދު ސަފީރު ޝެއިޚް އަބުލް ކަލަމް އަޒާދް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ބަންގްލަދޭޝްގެ ސަފީރު ވަނީ ދާދިފަހުން މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުންތިބި އެކޮމޮޑޭޝަން ބްލޮކްގައި ހިނގާދިޔަ އަލިފާނުގެ ހާދިސާ އާއި ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައެވެ. އެގޮތުން ސަފީރު ޝެއިޚް އަބުލް ކަލަމް އަޒާދް ވިދާޅުވީ ދާއިމީ ހައްލެއް ގެނެވެންދެން ކައުންސިލްގެ ބެލުމުގެ ދަށުގައި ހުޅުމާލޭގެ ވަގުތީ ހިޔާގައި ތިބި މުވައްޒަފުންނަށް ޒިޔާރަތް ކުރެއްވިކަމަށާއި، އެކޮމޮޑޭޝަން އާއި މެދު އެ މުވައްޒަފުން ހިތްހަމަޖެހޭކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި މޭޔަރު މުޢިއްޒު ވަނީ މި ހާދިސާގައި ވަގުތީ ހިޔާގައިތިބި އެ ޤައުމުގެ މުވައްޒަފުންނަށް ވީހާވެސް އަވަހަށް ދާއިމީ ހައްލެއް ގެނެސްދިނުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދާކަމުގައި ވިދާޅުވެފައެވެ. އަދި މާލެ ސިޓީ ކައުންސިލްގެ ވަޒީފާގައިތިބި ބަންގްލަދޭޝްގެ މުވައްޒަފުންނަށް ވަޒީފާގެ މާހައުލުން ލިބިދޭންޖެހޭ ރައްކާތެރިކަމާއި ލުއިފަސޭހަގޮތްތައް ހަމަޖެހިފައިވާކަމުގެ ޔަޤީންކަންވެސް މޭޔަރު މުޢިއްޒު ވަނީ ދެއްވާފައެވެ.
މާލެ ސިޓީގެ މޭޔަރާއި ބަންގްލަދޭޝް ސަފީރުގެ މި ބައްދަލުކުރެއްވުން ނިންމަވާލައްވައިފައި ވަނީ ކުރިއަށްއޮތް ތަނުގައިވެސް ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން މާލެ ސިޓީ ކައުންސިލްގެ ފަރާތުން ދޭންޖެހޭ އެއްބާރުލުން ފުރިހަމައަށް ލިބޭނެކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.