ފަރަގު ބޮޑުކޮށްލަން ލިބުނު ފުރުސަތު އާސެނަލުން ނަގާލައިފި

ފަރަގު ބޮޑުކޮށްލަން ލިބުނު ފުރުސަތު އާސެނަލުން ނަގާލައިފި

Author
މުޙައްމަދު ޝަޒައިމް
12 ފެބްރުއަރީ 2023 09:06
0

ލެއަންޑްރޯ ޓްރޮސާޑް އާސެނަލްއަށް ޖަހައިދިން ފުރަތަމަ ގޯލުން ބްރެޓްފޯޑް އަތުން ބަލިނުވެ ސަލާމަތްވެއްޖެއެވެ.

އާސެނަލް އެއްވަރުވުމުން ލީގުގެ ރޭހުގައި އެ ޓީމަށް ފައިދާނަގަން ލިބުނު ފުރުސަތެއް މި ވަނީ ގެއްލިފައެވެ. އަމިއްލަ ދަނޑުގައި ކުޅުނު އާސެނަލް އަށް ރޭގެ މެޗުގައި ލީޑުނަގައިދިނީ މެޗުގެ 66 ވަނަ މިނިޓްގައި ލެއަންޑްރޯ ޓްރޮސާޑްއެވެ. ބެންޗުން ކުޅެން އެރިތާ މާގިނައިރެއްނުވެ، ޓްރޮސާޑް މި ގޯލު ޖެހީ ބުކާޔޯ ސަކާ ދިން ބޯޅައަކުންނެވެ. މިއީ ޖެނުއަރީ ޓްރާންސްފާގައި ބްރައިޓަން ދޫކޮށް އާސެނަލަށް ބަދަލުވި ފަހުން ޓްރޮސާޑްގެ ފުރަތަމަ ގޯލެވެ.

އެކަމަކު 74 ވަނަ މިނެޓުގައި ޓޯނޭ ލަނޑު ޖަހާ އާސެނަލް މޮޅުވިޔަނުދީ ހިފެހެއްޓިއެވެ. މެޗުން ޕޮއިންޓެއް ހައްގުވާވަރަށް އާސެނަލްގެ ދަނޑުގައި ބްރެންޓްފޯޑުން ކުޅުނެވެ. މިއީ މި ފަހަރު ލީގުގައި އާސެނަލަށް މޮޅެއް ނުލިބި ޖެހިޖެހިގެން ނިންމާލަން ޖެހުނު ދެ ވަނަ މެޗެވެ.

ރޭގެ ނަތީޖާއާ އެކު އާސެނަލް އެއް ވަނައިގައި އޮތީ 21 މެޗުން 51 ޕޮއިންޓާ އެކުއެވެ. ދެ ވަަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް ވަނީ 21 މެޗުން 45 ޕޮއިންޓް ލިބިފައެވެ. ތިން ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑުން 22 މެޗުން 43 ޕޮއިންޓް ހޯދާފައިވާއިރު، ހަތަރެއްގައި އޮތް ނިއުކާސަލްގެ އޮތީ 22 މެޗުން 41 ޕޮއިންޓެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.