އިންތިގެ ތައުރީފް ޔާމީން ސަރުކާރުގެ މަގުހެދުމަށް!

އިންތިގެ ތައުރީފް ޔާމީން ސަރުކާރުގެ މަގުހެދުމަށް!

Author
ޢަލީ އާދަމް
12 ފެބްރުއަރީ 2023 08:24
0

މި މާލޭގައި މީގެ ކުރިން ވެސް ބަޔަކު މާ ބިޔަ މަގުތަކެއް ހަދައި ތާރުއަޅައި ނިންމާފައިވާކަމަށާ، މިސަރުކާރުން މިއުޅޭފަދަ ހާލެއްގައި ނޫޅޭކަމަށް ވިދާޅުވެ އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ރައީސް ޔާމީންގެ ސަރުކާރުގައި ކުރިއަށްގެންދިޔަ މަގުހެދުމުގެ މަސައްކަތްތަކަށް ތައުރީފް ކުރައްވައި މިހާރުގެ ސަރުކާރަށް މަލާމާތްކުރައްވައިފިއެވެ.

އިންތި މިހެން ވިދާޅުވީ މިހާރު ކުރިއަށްދާ އަމީނީ މަގުގެ މަސައްކަތާބެހޭގޮތުން ކުރެއްވި ޓްވީޓެއްގައެވެ. އަމީނީ މަގުގެ މަސައްކަތް އަވަސްކުރުމަށް ތާރުއެޅުމުގެ މަސައްކަތް އެމްޓީސީސީއާ ޙަވާލުކުރި ޚަބަރު ޝެއަރކުރައްވައި އިންތި ވަނީ މަލާމާތްކުރައްވާފައެވެ.

އިންތިއަކީ އެމްޑީޕީގެ ރައީސް، ރައީސް ނަޝީދުގެ ފެކްޝަނުގެ އިސް މެމްބަރެކެވެ. ފެކްޝަން ނުތަނަވަސްކަމާއި ކޯޅުން އެންމެ ބޮޑުވެ ފާޅުވެގެން ދިޔައީ އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް ބޭއްވި އިންތިޚާބުގެ ކެމްޕެއިނާ ހަމައިންނެވެ. އެއިންތިޚާބުގައި މިހާރުގެ ޗެއަރޕާސަން ފައްޔާޟު އިސްމާޢީލާ ވާދަކޮށް ނާކާމިޔާބުވެވަޑައިގަތީ އިންތިއެވެ. އިންތިގެ ރައީސް ނަޝީދު ތާޢީދުކުރެއްވީ އިންތިއަށެވެ. ރައީސް ޞާލިޙް ތާޢީދުކުރެއްވީ ފައްޔާޒަށްކަމަށް ބެލެވެއެވެ. އޭރު ރައީސް އެކަން ހާމައެއް ނުކުރައްވައެވެ.

ދައުލަތުން 80 މިލިޔަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްގެން 10 މަސްދުވަހުގެ ތެރޭގައި ނިންމުމަށް އާރުޑީސީއާ ޙަވާލުކުރި އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތާމެދު ވަރަށް ގިނަބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. އާރުޑީސީގެ އެމްޑީ މީޑިއާގައި ކުރިން ވިދާޅުވި މިންވަރާ ގާތަށްވެސް މަސައްކަތް ނުނިމުމާއި، މަގުގެ ކޭބަލް ވަޅުލުމާއި ކާނުގެ މަސައްކަތްތައް ނިމުނު ސެގްމަންޓުތަކުގައިވެސް ތާރުނާޅައި ވެއްޔާއެކު ދޫކޮށްލާފައި އޮތުމާއި މަގުގައި ފެންހެދި ޗަކަވެފައި އޮންނަ އޮތުން ވީ އާންމުން ފާޑުކިޔަން ފެށި ސަބަބަކަށެވެ.

އެންމެފަހުން ޕްލޭނިން މިނިސްޓްރީން ވިދާޅުވެފައިވަނީ ކުރިން ކަނޑައެޅި މުއްދަތަށް މަގުގެ މަސައްކަތް ނުނިމޭނެކަމަށެވެ.

އާރުޑީސީއާ ހަވާލުކޮށްގެން ހަދަމުން އަންނަ އަމީނީ މަގުގެ މަސައްކަތް އަވަސްކުރުމަށް އެ މަގުގައި ތާރުއެޅުން އެ ކުންފުނިން އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

އެހެންވެ، އެމްޓީސީސީން މިހާރު ވަނީ ތާރު އެޅުމުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެފަ އެވެ.

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިރޭ "މިހާރު" އަށް ވިދާޅުވީ އަމީނީ މަގުގައި ތާރު އެޅުން ލަސްވެ، އާންމުންނަށް ތަކުލީފުތަކެއް އުފުލަން ޖެހިފައި ވާތީ، އެ މައްސަލައަށް އަވަސް ހައްލެއް ހޯދައިދިނުމުގެ ގޮތުން އެ މަގުގައި ތާރު އެޅުމުގެ މަސައްކަތް އާރުޑީސީން އެމްޓީސީސީއާ އިއްޔެ ހަވާލުކޮށްފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އެ ކަމަށް ހަރަދުވާ ވަރެއް އެމްޓީސީސީ އަށް އާރުޑީސީން ދޭނެ އެވެ.

އަކްރަމް ވިދާޅުވިގޮތުގައި، ތާރު އެޅުން އެމްޓީސީސީއާ ހަވާލުކުރީ އެ ކަމަށްޓަކައި އާރުޑީސީން ރާއްޖެ ގެނެސްފައިވާ މެޝިން ބަހައްޓާނެ ޖާގަ އަދި ހަމަނުޖެހި ދުވަސްތަކެއް ވާތީ އެވެ.

"އެހެންވެ، މަސައްކަތް އަވަސް ކުރުމަށްޓަކައި އާރުޑީސީއާ ތާރު އެޅުން ހަވާލުކުރީ. އެއީ އާންމުންނަށް ދިމާވާ ދަތިތަކަށް އަވަސް ހައްލެއް ގެންނަން ސަރުކާރުން ބޭނުންވާތީ ނިންމި ނިންމުމެއް،" އަކްރަމް ވިދާޅުވި އެވެ.

"ބިން ހަމަޖެހުނުހާ އަވަހަކަށް އާރުޑީސީގެ ތާރު މެޝިން ބަހައްޓައިގެން، އަމީނީ މަގުގެ ދެން އޮތް ބައިގައި ތާރު އެޅުމުގެ މަސައްކަތް ކުރިއަށް ގެންދާނެ."

އަކްރަމް ވިދާޅުވިގޮތުގައި އެމްޓީސީސީން ހަމައެކަނި ކުރާނެ މަސައްކަތަކީ އާރުޑީސީން ޕޭވިންގެ މަސައްކަތް މިހާރު ނިންމާފައި އޮތް ހިސާބުގައި ތާރު އެޅުމެވެ. ތާރު އެޅުމަށްޓަކައި ދަރުބާރުގެ ކައިރިން ފެށިގެން ސިނަމާލެ ފްލެޓާ ހަމައަށް މިހާރު ވަނީ އަމީނީ މަގު ބަންދުކޮށްފަ އެވެ.

ދައުލަތުން 80 މިލިއަން ރުފިޔާ ހަރަދުކޮށްގެން މިދިޔަ އަހަރު ޖުލައި މަހު، 10 މަސް ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކުރި އަމީނީ މަގުގެ މަސައްކަތް އެ މުއްދަތުގެ ތެރޭގައި ނުނިމޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން މި ފަހުން ވަނީ ބުނެފަ އެވެ. އެ މަސައްކަތް ނިމޭނެ ކަމަށް ބުނީ އަންނަ ސެޕްޓެމްބަރު މަހު 27 އަށެވެ.

ޖުމްލަ 13 ސެގްމަންޓަކަށް ބަހާލައިގެން ހަދަމުން އަންނަ އަމީނީ މަގު ހަތަރު ސެގްމަންޓެއްގެ މަސައްކަތް އޮތީ ފެށިފަ އެވެ. މަގުގެ ފުރަތަމަ ތިން ސެގްމަންޓު މިހާރުވަނީ އެހިސާބުގައި ތާރު އެޅުން ފިޔަވަ ހުރިހާ މަސައްކަތެއް ނިންމާލާފައެވެ. ސްޓެލްކޯއާ ހަމައަށް ހިމެނޭ ސަރަހައްދުގައި ތާރު އެޅުން މިހާރުވަނީ އެމްޓީސީސީއާ ޙަވާލުކޮށްފައެވެ.

މަގުގެ މަސައްކަތް ނިމޭނެކަމަށް މިހާރު ޕްލޭނިން މިނިސްޓްރީން ލަފާކުރައްވަނީ އަންނަ ސެޕްޓެމްބަރު މަހު 27 އަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.