ބޭރު މީހަކު ދީފައި އޮތް ޕަވަރ އޮފް އެޓަރނީއެއްގެ ބޭނުން ނާޖާއިޒް ގޮތުގައި ކޮށްގެން، އަމިއްލަ ކުންފުންޏެއްގެ ނަމަށް ރަށެއްގެ ހިއްސާ ބަދަލު ކުރަން އުޅުނު މައްސަލައެއް ފެންމަތި ވެއްޖެއެވެ.
މިމައްސަލަ ފެންމަތި ވެގެން ދިޔައީ، ރިސޯޓު ހަދަން ދޫކޮށްފައިވާ ށ. ކަނބާލިފަރާއި ގުޅެގޮތުން ސިވިލް ކޯޓުން އިއްވު ހުކުމަކާއި ގުޅިގެންނެވެ.
ށ. ކަނބާލިފަރުގެ މިހާރުގެ ވެރިޔާ ސަރަނގު އާދަމް މަނިކުއާއި، އެރަށުގެ އިންވެސްޓަރު ފްރާންޗިން ޖުސެއްޕޭ (ޕީނޯ) އާއި ދެމެދު ވިޔަފާރީގެ މައްސަލަތަކެއް އުފެދިފައި ވާތީ، ސިވިލް ކޯޓިން މިމަހުގެ 10ވަނަ ދުވަހު ކޮށްފައިވާ ހުކުމުގައި ބުނެފައި ވަނީ، ރިސޯޓު ހަދަން ދޫކޮށްފައިވާ ށ. ކަނބާލިފަރާއި ގުޅޭ ހުރިހާ މުއާމަލާތެއް ހުއްޓާލުމަށާއި، ޝަރީއަތުން މި މައްސަލަ ވަކި ގޮތަކަށް ނިމެންދެން އެ ރަށުގެ މިލްކުވެރިކަން ބަދަލު ނުކުރެވޭނެ ކަމަށެވެ.
މިމައްސަލާގައި ވަގުތީ އަމުރެއް ނެރެދިނުމަށް ޕީނޯ ސިވިލްކޯޓުގައި އެދެމުން ބުނެފައިވަނީ ކަނބާލިފަރު ކުންފުނީގެ ޕަވާ އޮފް އެޓާނީ ސަރަނގު އާދަމް މަނިކުއަށް ޕީނޯ ދީފައި ވަނިކޮށް، އޭނާގެ ހުއްދަނެތި އެ ޕަވާ އޮފް އެޓާނީގެ ބޭނުން ނަހަމަ ގޮތުގައި ސަރަންގު އާދަމް މަނިކު ކޮށް، އެ ރަށުގެ މިލްކުވެރިކަން އޭނާގެ އަމިއްލަ ކުންފުންޏަކަށް ބަދަލު ކޮށްފައިވާކަމަށެވެ.
މިމައްސަލާގައި ސިވިލް ކޯޓުން އިކޮނޮމިކް މިނިސްޓްރިއަށާއި، އަދި ޓޫއަރިޒަމް މިނިސްޓްރީއަށް އަމުރުކޮށްފައިވަނީ ޝަރީއަތުން ވަކިގޮތެއް ނިމެންދެން މި ރަށުގެ މިލްކުވެރިކަން ބަދަލު ނުކުރެވޭނެ ކަމަށެވެ.
މިމައްސަލާގައި ކޯޓުގައި ޕީނޯ އެދިފައިވަނީ، މައްސަލަ ވަކި ގޮތަކަށް ނުނިމެނީސް ރަށުގެ މިލްކުވެރިކަން ބަދަލުކޮށްފި ނަމަ އެރަށުގެ ސްޓްރަކްޗަރއަށް ބަދަލު ގެނައުމުގެ ބިރު އޮތް ކަމުގައެވެ. އަދި އެފަދަ ބަދަލެއްގެ ސަބަބަން އިއާދަ ނުކުރެވޭވަރުގެ ގެއްލުމެއް އޭނާއަށް ލިބުމުގެ ފުރުސަތު އޮތްކަމުގައިވެސް ޕީނޯ ކޯޓުގައި ބުނެފައި ވެއެވެ.
ށ. ކަބާލިފަރަކީ 2006 ވަނަ އަހަރު ޓުއަރިޒަމް މިނިސްޓްރީން އަލީ ޝަރީފް ކިޔާ ފަރާތަކަށް ދޫކޮށްފައިވާ ރަށެކެވެ. އެހެންނަމަވެސް އޭނާ ރަށް ވިއްކާލާފައިވަނީ ޕީނޯއަށެވެ. އެއަށްފަހު ޕީނޯވަނީ އޭނާގެ ފަރާތުން ހުރިހާ ބާރެއް އާދަމް މަނިކަށް ލިބިދޭ ޕަވަރ އޮފް އެޓާރނީއެއް ދޫކޮށްފައެވެ. ޕީނޯ ތުހުމަތު ކުރަނީ އާދަމް މަނިކު މި ޕަވަރް އޮފް އެޓަރނީގެ ނާޖާއިޒް ފައިދާ ނަގާފައިވާކަމުގައެވެ.
މިގޮތުން ޕީނޯއަށް ނޭގި، އާދަމް މަނިކުގެ ހިއްސާއާއެކު ކަނބާލިފަރު، މަކަރާއި ހީލަތުން އެރަށް އޭނާގެ ކުންފުންޏެއްގެ ނަމަށް ބަދަލު ކޮށްފައިވާކަމަށް ޕީނޯ ކޮށްފައިވާ ދައުވާގައި އޭނާ ބުނެފައި ވެއެވެ.
ބައެއް މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި އާދަމް މަނިކް ދަނީ، މިރަށް ރަހުނު ކުރުމަށްފަހު ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ލޯނެއް ނެގުމަށް މަސައްކަތް ކުރަމުންނެވެ.