އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ ޕްރޮޖެކްޓުގެ ދަށުން އެ މަގުގެ ފުޅާމިނުން ތިން ފޫޓު ހަނިކުރާތީ މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އަނެއްކާވެސް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
އަމީނީ މަގުގެ މަސައްކަތް ފެށުނު އިރުވެސް މުއިއްޒު ވަނީ މަގު ހެދުމުގައި ބަލަންޖެހޭ ކަންކަމަށް ބެލުމެއްނެތި މަގު ހަދަން ފަށާތީ ފާޑު ވިދާޅުވެފައެވެ. އެގޮތުން މިދިޔަ އަހަރު އޮކްޓޯބަރު މަހު މުއިއްޒު ކުރެއްވި ޓުވީޓުގައި ވިދާޅުވީ އަމީނީމަގު ހަދަމުންދަނީ ޕޭވްމަންޓް ވަރަށްފުޅާކޮށް، މަގުގެ ދުއްވަން އޮންނަބައި 25ފޫޓުން 21 ފޫޓް 10އިންޗިއަށް ހަނިކޮށްކަމުން މަގުގެ ތޮށްޖެހުން އިތުރަށް ގޯސްވާނެކަމަށް ފެންނަ ކަމަށެވެ. އަދި ބިމުގެ އަޑިއަށްލުމަށް ކުރިން ނިންމާފައިވާ "ކޭބަލްޓްރޭ" އަނެއްކާވެސް މިފެންނަނީ ބިމުން މަތީގައި ހަދަމުންދާތަންކަމަށް މުއިއްޒު ވިދާޅުވިއެވެ.
އެދުވަހުގެ ވާހަތަކުގެ ހަނދާން އާކޮށް މުއިއްޒު މިއަދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ މީގެ ކުރިން މާލޭގެ މަގުތައް ތަރައްގީ ކުރުމުގެ ޕްލޭނުގައި ބިމުގެ އަޑިއަށް ލުމަށް ހަމަޖެހިފައިވާ "ކޭބަލްޓްރޭ" ވެސް މި ސަރުކާރުގެ މަޝްރޫއުގެ ތެރެއިން ބިމުން މަތީގައި ހެދުމަށް ނިންމާފައިވާ ކަމަށެވެ. އަދި އަމީނީ ކުރިން ލަފާކުރެވުނު 39 މިލިއަން ރުފިޔާގެ ބަދަލުގައި އަގުބޮޑުކޮށް 84 މިލިއަން ރުފިޔާއަށް ކަންވެސް މުއިއްޒު ވަނީ ފާހަގަކުރައްވާފައެވެ.
Ameenee Magu ge masakkai inthihaa ah las koh, adhi ehaame agubodu koh (39m in 84m ah), hadhamun dhaa iru, magu ge fulhaaminun 3 ft 2 inch hanikoh hadhaa hedhumah adhives evves badhaleh nugenaumakee public transport bus thah adhi 2 way traffic ah kurimathivaa dhaaimee dhathikameh. https://t.co/3hlOZN6SAF
— Dr Mohamed Muizzu (@MMuizzu) February 10, 2023
އަމީނީ މަގު ތަރައްގީ ކުރުމުގެ މަޝްރޫއަކީ މި ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން އެންމެ ބޮޑު ފާޑުކިޔުމެއް ކުރިމަތިވެފައިވާ އެއް މަޝްރޫއުއެވެ. އެގޮތުން އެ މަގުގައި ހުރި ގަސްތައް ކެނޑުމާއި، މަޝްރޫއުގެ އަގު ބޮޑުވުމާއި، މަސައްކަތް ހިނގާ ސްޕީޑު ދައްވުމުގެ ސަބަބުން އިދިކޮޅު ފަރާތްތަކުން ވަނީ ތަކުރާރުކޮށް ސަރުކާރަށް ފާޑުކިޔާފައެވެ.
މާލެ ސްޓްރީޓް ސްކޭޕިންގް ޕްރޮޖެކްޓުގެ ދަށުން އަމީނީ މަގުގައި ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު ޕްލޭނިންގ މިނިސްޓްރީން ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން، އާރު.ޑީ.ސީއާ ޙަވާލުކޮށްފައިވަނީ 3 ޖުލައި 2022 ގައެވެ. އަދި ޢަމަލީ މަސައްކަތް އެކުންފުނިން ފަށާފައިވަނީ މިދިޔަ ސެޕްޓެމްބަރުމަހުގެ ތެރޭގައެވެ.
އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މުޅި މި މަޝްރޫޢުގައި 1.79 ކިލޯމީޓަރުގެ މަގު ހިމެނޭއިރު، މި މަސައްކަތް އެކުންފުނިން ކުރަމުންދަނީ ޖުމްލަ 13 ސެގްމަންޓަކަށް ބަހާލައިގެންނެވެ. އެގޮތުން މިހާރު ކުރަމުންދަނީ މީގެ 3 ވަނަ ސެގްމަންޓުގެ މަސައްކަތްތަކެވެ.
އަމީނީ މަގުގެ މަސައްކަތް ނިންމުމަށް ކުރިން އަމާޒު ހިފީ މިމަހަށެވެ. ނަމަވެސް މިހާރު ޕްލޭނިން މިނިސްޓަރ އަސްލަމް ވިދާޅުވީ އަމީނީ މަގުގެ މަސައްކަތް ނިމޭނީ ސެޕްޓެމްބަރު މަހަށް ކަމުގައެވެ.
ކޮމެންޓު ފޮނުވާ