ތިލަފުށިން ބޭރުގެ ފަރާތްތަކަށް ދޫކުރާ ބިންތައް، ދެން އަންނަ ޕީޕީއެމް ކޯލިޝަން ސަރުކާރެއްގައި އަތުލާނޭކަމުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީން ބުނެފިއެވެ.
އެޗްޑީސީން ތިލަފުށީގެ ބިންތައް ބިޑް އުސޫލުން ދޫކުރުމަށް މިހާރު ކޮށްފައިވާ އިއުލާނާ ގުޅިގެން ޕީޕީއެމް/ޕީއެންސީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އަލަށް ގާއިމް ކުރެވޭ ޕޯޓު ވުޖޫދަށް އައުމުގެ ކުރިން، މާރކެޓް ރޭޓަށްވުރެ އަގު ދަށްކޮށް އަގުހުރި ސިނާއީ ބިންތައް 99 އަހަރަށް ކުއްޔަށް ދޫކުރުމަކީ، އިގްތިސާދީގޮތުން އޭގެ ނޭދެވޭ އަސަރު އެތައް ޒަމާނަކަށް ރާއްޖެއަށް ކުރާނޭ ކަމެއްކަމަގައެވެ. އަދި މި މުއާމަލާތް މި ނޫސް ބަޔާނުގައި ސިފަ ކޮށްފައިވަނީ މިއީ ދިވެހިންގެ ބިމުން ކުރާ ވައްކަމެއްގެ ގޮތުގައެވެ.
ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ގަވާއިދާ ޚިލާފަށް ދޫކުރާ ބިންތައް އަތުލާނެކަމަށް ބުނަމުން، ޕީޕީއެމް/ޕީއެންސީން ބުނެފައިވަނީ، ރާއްޖޭގައި ބޭރުގެ ފަރާތްތަކުން އިންވެސްޓު ކުރުމަށާއި، އަދި ހުރި އިންވެސްޓްމަންޓްއް ހިމާޔަތް ކޮށްދޭނެކަމުގެ ޔަގީންކަންވެސް ދޭ ކަމުގައެވެ. ހަމައެއާއެކު، ރައީސް ޔާމިންގެ ވެރިކަމުގައި ބޭރުގެ އިންވެސްޓަރުންނަށް ފުރުސަތު ހުޅުވާލުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު އެތައް ގުނައަކަށް ކުރިއަރައިގެން ގޮސްފައިވާކަމުގައިވެސް އިދިކޮޅު ޕީޕީއެމް/ޕީއެންސީން ބުނެފައި ވެއެވެ.
އަދި ބުނެފައިވަނީ ގާނޫނާއި ޚިލާފަށް، ނުއަގުގައި ކުރެވިފައި ހުންނަ މިފަދަ ހުރިހާ މުއާމަތާތްތަކެއްގައިވެސް އިންސާފު ގާއިމް ކުރެވެންވާނެކަމަށާއި، އޭގެ ސަބަބަކީ މިފަދަ މުއާމަލާތްތަކުގެ ސަބަބުން ދިވެހި ވިޔަފާރިތަކަށް ހީވެސް ނުކުރާވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެތީ ކަމުގައެވެ.
ޕީޕީއެމް/ޕީއެންސީންވަނީ، ދުރު ރާސްތާ ޕްލޭނެއް ނެތި، ގާނޫނާި ޚިލާފަށް ބިން ވިއްކުމަށް ކުރެވެމުންދާ މިމަސައްކަތް ވަގުތުން ހުއްޓާލުމަށް ސަރުކާރަށް ގޮވާލާފައެވެ.
One Response
ނަާ ހަމަ ތެދެއްތަ ވަރަށް ރަނގަޅު ވަރަށް ރަނގަޅު، މިސަރުކާރުން މިގައުމުން ބޭރުގައުމުތަކަށް ދީފަ ހުރިއްޔާ ހުރިހާ އެއްޗެއްވެސް އަތުލަންވާނެ.