ފާއިތުވެދިޔަ އަހަރު ނިމެމުން ދަނިކޮށް، ރައްޔިތުންގެ މަޖިލިހުން ފާސް ކޮށްފައިވާ ޓެކްސް ބޮޑު ކުރުމުގެ ބިލު މަޖިލީހުން ފާސް ކުރުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ނެރުނު ތުރީ ލައިން ވިޕާއި ޚިލާފްވެގެން، އައްޑޫ ސިޓީ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދަށްވެސް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ފިޔވަޅު އަޅައިފިއެވެ.
ތުރީ ލައިން ވިޕާއި ޚިލާފްވެގެން ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުން އަހުމަދު ރަޝީދަށް އަޅާފައިވާ ފިޔަވަޅަކީ، ދެން އެފަދަ އަމަލެއް ތަކުރާރު ނުކުރުމަށް އަންގާ ނަސޭހަތްތެރި ވުމެވެ. ހަމަ މި ފިޔަވަޅު، ތުރީލައިން ވިޕާއި ޚިލާފްވި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމަށްވެސް ވަނީ އަޅާފައެވެ.
އެމްޑިޕީ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް 16 ނޮވެމްބަރު 2022ގެ ތާރީޚުގައި ސޮއިކުރައްވާ، އެހެންނަމަވެސް މިއަދު އަހުމަދު ރަޝީދަށ ރައްދު ކޮށްފައިވާ ސިޓީގައި ބުނެފައިވަނީ، ފާއިތުވި އަހަރުގެ ނޮވެމްނަރު މަހުގެ 16 ވަނަ ދުވަހު، ޓެކްސް ބޮޑު ކުރުމުގެ ބިލް މަޖިލީހުން ފާސްކުރުމަށް ނެގުނު ވޯޓުގައި، އެ ބިލަށް ވޯޓު ދިނުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ނެރުނު ތުރީ ލައިން ވިޕާއި އަހުމަދު ރަޝީދަށ ޚިލާފު ވެފައިވާ ކަމުގައެވެ.
Kharadhu kudanukoh adhi dhaulthah libenjehe faisaa hodhumah ehves masakkatheh nukoh rayyithunnah buravaa gothah GST adhi TGST bodu kuran vote nudhinumum funuvi sitee. pic.twitter.com/fOCn8CTKXH
— Ahmed Rasheed MDP (@AraairuRasheed) February 7, 2023
އެހެންނަމަވެސް، އެޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ހިންގާ ގަވާއިދުގެ 39 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން، ތުރީ ލައިން ވިޕެއް ކަނޑައަޅައިފިނަމަ، ޕާލަމެންޓްރީ ގުރޫޕުގެ ކޮންމެ މެމްބަރެއް މަޖިލީހަށް ހާޒިރު ވުމަށާއި، ކަނޑައެޅިފައިވާ ވިޕްލައިނާ އެއްގޮތަށް ވޯޓު ދިނުން ލާޒިމްކަމަށް ބުނެފައި ވެއެވެ. އަދި ލީޑަރޝިޕަށް ގަބޫލުކުރެވޭފަދަ ސީރިއަސް ހާލަތެއް މެދުވެރިވެގެން ކުރިން ހުއްދައަށް އެދުމަކާ ނުލާ ތުރީ ލައިން ވިޕަށް އަމަލު ކުރުމަށް މަޖިލިހަށް ހާޒިރު ނުވުމާއި ވޯޓުގައި ބައިވެރި ނުވުމަކީ ކުށެއް ކަމުގައިވެސް މި ސިޓީގައި ބަޔާން ކޮށްފައި ވެއެވެ.
އެހެންކަމުން ވިޕްލައިނާއި ޚިލާފް ނުވުމަށާއި، ޕާލަމެންޓްރީ ގުރޫޕުން ނެރޭ ވިޕް ލައިނާއި އެއްގޮތަށް ވޯޓު ދިނުމަށް ޕާލަމެންޓްރީ ގުރޫޕުގެ ހިންގާ ގަވާއިދުގެ 41ވަނަ މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ ގޮތުގެމަތީން ތިޔަ އިއްޒަތްތެރި މެމްބަރަށް ނަސޭހަތްތެރި ވަމެވެ.
އަހުމަދު ރަޝީދަށް ފިވަޅު އެޅުމަށް ފޮނުއްވި ސިޓީގައި ބަޔާން ކޮށްފައި ވެއެވެ.
މި ސިޓީ ލިބުނުކަން ހާމަކޮށް އަހުމަދު ރަޝީދަށް ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ، އޭނާއަށް ފިޔަވަޅު އާޅާފައިވަނީ، ޚަރަދު ކުޑަ ނުކޮށް، ދައުލަތަށް ލިބެންޖެހޭ އެއްވެސް ފައިސާއެއް ހޯދުމަށް މަސައްކަތެއް ނުކޮށް، ރައްޔިތުންނަށް ބުރަ ބޮޑުވާ ގޮތަށް ޖީއެސްޓީ އަދި ޓީޖީއެސްޓީ އޭނާ ވޯޓު ނުދިނުމުން ކަމަށެވެ.
މި ސަރުކާރުން، ޓެކްސް ބޮޑުކުރުމަށް ފާސްކުރި ބިލަށް އަލީ އާޒިމްއާއި އަހުމަދު ރަޝީދުގެ އިތުރުން އެމްޑީޕީގެ ނަޝީދު ފެކްޝަނަށް ނިސްބަތްވާ އެހެން މެބަރުންވެސް ވޯޓު ދެއްވާފައެއް ނުވެއެވެ. އެހެންނަމަވެސް އެމެމްބަރުންނާއި މެދު ފިޔަވަޅު އެޅިކަމެއް އަދި އެނގިފައެއް ނުވެއެވެ.