2001 ވަނަ އަހަރު ގެނެސްދިން ބްލޮކްބާސްޓާ ފިލްމް "ގަދަރް: އެކް ޕްރޭމް ކަތު"ގެ ދެވަނަ ބައިގެ މަންޒަރެއް ލީކްވެއްޖެއެވެ. މި ފިލް އަކީ ލީޑު ރޯލުން ސަނީ ޑިއޯލް އާއި އަމީޝާ ޕަޓޭލް ފެނިގެންދާ ފިލްމްއެކެވެ.
"ގަދަރް: އެކް ޕްރޭމް ކަތު"ގެ ދެވަނަ ބައިގާ ފެނިގެންދާނީ ދަރިފުޅާއި ބައްޕައެއްގެ މެދުގައި ވާ ލޯބިކަމަށް މީޑިއާއިން މީގެ ކުރިން ވަނީ ބުނެފައިއެވެ. އެގޮތުން ދަރިފުޅު ހޯދުމަށް ޕާކިސްތާނަށް ގޮސް އެނބުރި ދަރިފުޅު ގޮވައިގެން އަންނައިރު ދިމާވާ ކަންތަށްތަކެއް މި ފިލްމުން ދައްކުވައިދޭނެކަމަށް ފިލްމްގެ ޕްރޮޑަކްޝަން ޓީމާ ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.
ދާދިފަހުން ފުރަތަމަ ޕޯސްޓަރުވެސް ދައްކާލާފައިވާ މި ފިލްމުގައި ސަނީގެ ތަޅާލުންގަނޑެއް ފެންނަ ސީންއެއް ވަނީ ލީކުވެފައެވެ. މި ވީޑިއޯ މިހާރު އަންނަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ.
ވައިރަލްވެފައިވާ ވީޑިއޯގައި ސަނީ ޑިއޯލް ފެންނަނީ ކަޅުކުލައިގެ ކުރުތާ-ޕަޖާމާއެއްގައި ގިނަ ބަޔަކާއި ކުރިމަތިލާތަނެވެ. ނަމަވެސް މިއީ ކޮންތާކު ނަގާފައިވާ މަންޒަރުތަކެއް ކަމެއް ސާފެއްނުވެއެވެ. "ގަދަރު 2″ މަންޒަރުތައް ވަނީ އިންޑިއާގެ މުމްބާއީ އަދި ޕަންޖާބްގައިވެސް ނަގާފައެވެ.
މި ފިލްމުންވެސް ފެނިގެން ދާނީ ސަނީ ޑިއޯލް އަދި ސަނީގެ ދަރިފުޅުގެ ރޯލު ފުރަތަމަ ފިލްމުގައި ވެސް އަދާކުރި އުތުކަރުޝް ޝަރްމާއެވެ. އުތުކަރުޝް އަކީ "ގަދަރް: އެކް ޕްރޭމް ކަތު"ގެ ޑައިރެކްޓަރ އަނިލް ޝަރްމާގެ ދަރިފުޅެވެ.
އަނިލް ޝަރްމާ އަކީ ޑިއޯލް އާއިލާގެ ގިނަ ފިލްމުތަކެއް ގެނެސްދީފައި ވާ ޑައިރެކްޓަރެކެވެ. އޭގެތެރޭގައި “ގަދަރް” ގެ އިތުރުން ” ދަ ހީރޯ: ލަވް ސްޓޯރީ އޮފް އަ ސްޕައި” އަދި “އަޕްނޭ” ފަހަގަކޮށްލެވެ އެވެ. އޭނާ މިހާރު އަންނަނީ ޑިއޯލް އާއިލާގެ 3 ޖެނެރޭޝަން ފެންނާނެ ފިލްމު “އަޕްނޭ-2″ގެ މަސައްކަތްތައް ވެސް ކުރަމުންނެވެ.
"ގަދަރް 2″ ސިނަމާތަކަށް ގެންނަން ތާވަލް ކޮށްފައިވަނީ މިއަަހަރުގެ އޯގަސްޓް މަހުގެ 11 ވަނަ ދުވަހުގައިއެވެ. ސަނީ މިހާރު ބޮޑު ސްކުރީނުން ފެންނަނީ ވަރަށް މަދުންނެވެ. އޭނާ އެންމެ ފަހުން ކުޅެފައިވާ ފިލްމަކީ "ބްލޭންކް" އެވެ.