ހއ. އަތޮޅުގެ މެޖިސްޓްރޭޓުންގެ ދަޢުވަތަކަށް، ދިވެހި ފަނޑިޔާރުންގެ ޖަމްޢިއްޔާގެ ރައީސް ހއ. ވަޑައިގެންފިއެވެ.
ދިވެހި ފަނޑިޔާރުންގެ ޖަމްޢިއްޔާގެ ރައީސް އަދި ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް ޙުސްނުއް ސުޢޫދު ހއ. އަތޮޅަށް ކުރައްވާ މި ދަތުރުފުޅަކީ އެ އަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތަކުގައި ފަނޑިޔާރުކަން ކުރެއްވުމަށްފަހު ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވާފައިވާ ރިޓަޔަރޑް މެޖިސްޓްރޭޓުން އެ އަތޮޅަށާއި، ޝަރުޢީ ދާއިރާއަށް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކުގެ އަގު ވަޒަންކުރުމަށް އެ އަތޮޅުގެ މެޖިސްޓްރޭޓުން ބާއްވާ ހަފްލާގެ ޝަރަފުވެރި މެހުމާނެއްގެ ގޮތުގައި ބައިވެރިވެ ވެވަޑައިގަތުމަށް އެ އަތޮޅުގެ މެޖިސްޓްރޭޓުން ދެއްވި ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
ދެ ދުވަހުގެ މި ދަތުރުފުޅުގައި ދިވެހި ފަނޑިޔާރުންގެ ޖަމްޢިއްޔާގެ ރައީސް އެ އަތޮޅުގެ ބައެއް ކޯޓުތަކަށް ވަޑައިގެން ކޯޓުތަކުގެ ހާލަތު ބެއްލެވުމުގެ އިތުރުން އެކޯޓުތަކުގެ މުވައްޒަފުންނާއި ބައްދަލު ކުރައްވާނެއެވެ. ރައީސްގެ މި ދަތުރުފުޅުގައި، އިއްޔެ ހއ. އުތީމު މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން ކޯޓުގެ ހާލަތު ބައްލަވައި މުވައްޒަފުންނާއި ބައްދަލު ކޮށްފައިވެއެވެ. އަދި މި ދަތުރުފުޅުގެ އެންމެ މުހިއްމު ހަފްލާއަށް މިއަދު ހއ. ދިއްދޫއަށް ރައީސް ވަޑައިގެން އެ ހަފްލާ ޝަރަފުވެރި ކޮށްދެއްވުމަށް ހަމަޖެހިފައިވެއެވެ. އަދި އެއަށްފަހު އަތޮޅުގެ މެޖިސްޓްރޭޓުންނާއި ބައްދަލު ކުރެއްވުމަާއި، އަތޮޅުގެ ބައެއް އެހެން ރަށްރަށުގެ ކޯޓުތަކަށް ވަޑައިގަތުމަށްވަނީ ހަމަޖެހިފައެވެ. ފަނޑިޔާރުކަން ކުރެއްވުމަށްފަހު ޝަރަފުވެރިކަމާއި އެކު ރިޓަޔާ ކުރައްވާފައިވާ ރިޓަޔަރޑް މެޖިސްޓްރޭޓުންގެ އަގުވަޒަންކުރުމަށް ބާއްވާ މިހަފްލާއަކީ، އަތޮޅު ފެންވަރުގައި ފުރަތަމަ ފަހަރަށް ބޭއްވޭ މިފަދަ ފުރަތަމަ ހަފްލާއެވެ.
ރައީސްގެ މި ދަތުރުފުޅުގައި ދިވެހި ފަނޑިޔާރުންގެ ޖަމްޢިއްޔާގެ އިންތިޒާމު ސެކްރެޓަރީ އަޙްމަދު މުޢާވިޔަތު ޤާސިމް ބައިވެރިވެއެވެ.