ބޮލީވުޑްގައި މާބޮޑު ކާމިޔާބެއް ހޯދިފައިނުވާ ބަތަލާ އީޝާ ޑީއޯލް އަނެއްކައިވެސް ބޮޑު ސްކްރީން އަށް އަންނަށް އަންނަން ތައްޔާރުވެއްޖެއެވެ.
އީޝާ އެންމެ ފަހުން ފެނިގެން ގޮސްފައިވާ ފިލްމް އަކީ 2011 ވަނަ އަހަރުގެ ފިލްމް "ޓެލްމީ އޯ ހުދާ" އިންނެވެ. މި ފިލްމް ގައި އީޝާ އާއި އެކުގައި އޭނާގެ ބައްޕަ ދަރުމެންދުރާވެސް ވަނީ ފެނިގެން ގޮސްފައިއެވެ. ބޮކްސް އޮފީހުގައި ފްލޮޕް ވި މި ފިލްމް އަށް ފަހު އީޝާ ގެ ފިލްމް އެއް ރިލީޒް ކޮށްފައިއެއް ނުވެއެވެ.
ނަމަވެސް އީޝާ ވަނީ 2019 ވަނަ އަހަރު ކުރު ފިލްމް އަކުން ފެނިގެން ގޮސްފައިއެވެ. 2012 ވަނަ އަހަރު ވިޔަފާރީވެރިއާ ބަރަތް ތަކްޓާނީ އާއި ކައިވެނިކުރިފަހުން ވަރަށް ބޮޑަށް ފިލްމް އިނޑަސްޓްރީއާއި ފެޔަށް ޖެހިފައިވާ އީޝާ އެނބުރި އަންނަކަން މިހާރު ވަނީ އިއުލާން ކޮށްފައިއެވެ.
2 ކުދިންގެ މަންމަ ފެނިގެންދާ ފިލްމް އަކީ 2017 ވަނަ އަހަރު ދެއްކި ފިލްމު "ބާދްޝާއޯ" ގެ ޑައިރެކްޓަރު ސަޗިން ޝަރަފް ޑައިރެކްޓު ކުރާ ފިލްމް "މެއިން" އެވެ. މި ފިލްމް އަކީ ޔޫވީ ފިލްމްސް އިން ގެނެސްދޭ އެއްޗެކެވެ. މި ފިލްމުގައި އީޝާއާއި އެކު ދެން ފެންނާނީ ފިލްމު "ކައި ޕޯޗޭ"އިން ބޮލީވުޑަށް ތަޢާރަފްވި އެކްޓަރު އަމިތް ސާދްއެވެ.
މި ފިލްމް އަށް އިޝާ ސޮއިކުރިކަން އޭނާ ވަނީ އިންސްޓަގްރާމްގައި އިއުލާން ކޮށްފައިއެވެ. ނަމަވެސް ފިލްމް އާއި ބެހޭ މާބޮޑު ތަފްސީލެއް އަދި ހާމަ ކޮށްފައިއެއް ނުވެއެވެ.
އީޝާ ބޮލީވުޑްއަށް ތައާރަފްވީ 2002 ވަނަ އަހަރުގެ ފިލްމް " ކޮއި މެރެ ދިލްސޭ ޕޫޗޭ" ކިޔާ ފިލްމް އަކުންނެވެ. މިހާތަނަށް އީޝާ އަށް ބޮލީވުޑްގައި މާބޮޑު ކާމިޔާބެއް ހޯދިފައިއެެއް ނުވެއެވެ. އިޝާ އަކީ ބޮލިވުޑްގެ ކުރީގެ ވަރަށް މަގުބޫލު ދެ ތަރިން ކަމުގައިވާ ދަރުމެންދުރާ އާއި ހެމާ މާލިނީގެ ދަރިއެކެވެ.