ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ހިމެނޭގޮތުން 4 ބޭފުޅަކު ހައި ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތި ލައްވައިފިއެވެ.
ޖޭއެސްސީން ބުނެފައިވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައި ކޮށްފައިވާ އެ ކޮމިޝަނުގެ ނަންބަރު (IUL)195-C/1/2023/2 (16 ޖަނަވަރީ 2023) އިޢުލާނުގެ ސުންގަޑި ހަމަވިއިރު އެ މަގާމަށް ކުރިމަތިލައްވާފައިވާފައި ވަނީ 4 ބޭފުޅެއް ކަމުގައެވެ.
އެފަރާތްތަކަކީ:
1. އަޙްމަދު ޝަކީލް / ސިޔާމާމަންޒިލް، އއ.ފެރިދޫ
2. މުޙައްމަދު ޝަނީޒް ޢަބްދުﷲ/ ހަނދުވަރީނާޒް، ގދ.ގައްދޫ
3. ޙުސައިން ޝަކީބް / ހުޅުމާލެ، ދޮޅަސް، މާލެ
4. މަރްޔަމް ވަޙީދު / ބެލޫން، ސ.ފޭދޫ
ޝަކީލް ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށް އައްޔަން ކުރީ 2020 ވަނަ އަހަރުގެ ނޮވެމްބަރ މަހު އެވެ. އޭގެ ކުރިން އޭނާ ވަނީ ޖުވެނައިލް ކޯޓާއި ފެމެލީ ކޯޓުގައި ފަނޑިޔާރުކަން ކުރައްވާފައެވެ.
11 އަހަރަށް ޖަލަށް ލާފައިވާ، އިދިކޮޅި ޕީޕީއެމްގެ ރައީސް ޔާމިން ޝަރީއަތް ކުރިޔަށް ގެންގޮސްފައިވަނީ ކުރިމިނަލް ކޯޓުގެ އިސް ގާޒީ ކަމުގައި ހުންނެވި އަހުމަދު ޝަކީލްއެވެ. ޝަކީލް ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތި ލައްވާފައި މިވަނީ ޔާމިނަށް 11 އަަހަރުގެ ޖަލުހުކުމް އިއްވިތަ މަހެއްހާ ދުވަސް ފަހުންނެވެ.
ޝަކީލް ހައި ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތި ލެއްވުމާއެކު އިނދިކޮޅު ފަރާތްތަކުން ތުހުމަތު ކޮށްފައިވަނީ އޭނާ ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތި ލައްވާފައިވަނީ، އެމަގާމް ލިބޭނެކަމުގެ ޔަގީންކަން އޮވެގެން ކަމުގައެވެ.