އެމްޑީޕީގެ ފުވައްމުލަކު ސިޓީގެ ރައީސް ޕާޓީން ވަކިވެއްޖެ

އެމްޑީޕީގެ ފުވައްމުލަކު ސިޓީގެ ރައީސް ޕާޓީން ވަކިވެއްޖެ

އެމްޑީޕީގެ ފުވައްމުލަކު ދައިރާގެ ރައީސްކަމުގެ މަގާމްގައި ހުންނެވި މުހައްމަދު ނިޒާމް ހަސަން މަގާމުން އިސްތިއުފާ ދެއްވާ ޕާޓީންވެސް ވަކިވެއްޖެއެވެ.

އޭނާ ޕާޓީން ވަކިވިކަން ހާމަކޮށް ކުރި ޓުވީޓުގައި ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގައި ސިޔާސީ އިސްލާޙީ މަސައްކަތްތައް ކުރުމުގައި ހުރި ގޮންޖެހުންތަކުގެ ތެރޭގައި އަމިއްލަ ނަފްސާއި ދަރިންގެ މުސްތަގުބަލް ތާށި ކުރުމުގެ އެއްވެސް ބޭނުމެއް އޮތްކަމަށް ނުފެންނާތީ އެމްޑީޕީގެ ފުވައްމުލަކު ސިޓީގެ ރައީސްކަމުގެ އިތުރުން ޕާޓީގެ މެމްބަރުކަމުންވެސް ވަކިވާން އޭނާ ނިންމީ ކަމުގައެވެ.

މިމަހުގެ 28ވަނަ ދުވަހު ބޭއްވުނު އެމްޑީޕީގެ ރިޔާސީ އިންތިޚާބު ރައީސް ސާލިހު ކާމިޔާބު ކުރެއްވީ އޮޅުވާލައިގެން ކަމަށް، އިންތިޚާބުން ބަލިވި، އެޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެހެންނަމަވެސް ރިޔާސީ ޕްރައިމަރީގެ ކަންކަން ބެލެހެއްޓުމަށް އައްޔަން ކޮށްފައިވާ ކޮމިޓީން ބުނެފައިވަނީ އިންތިޚާބުގެ ހުރިހާ ކަމެއްވެސް ދިޔައީ ރަގަޅަށް ކަމަށާއި، ނަތީޖާއަށް އަސަރުކުރާނެ ވަރުގެ ޝަކުވާއެއްވެސް ހުށަހަޅާފައި ނުވާ ކަމުގައެވެ.

މިމަހުގެ 28 ވަނަ ދުވަހު ބޭއްވިގެންދިޔަ އެމްޑީޕީގެ ވާދަވެރި ރިޔާސީ ޕްރައިމަރީ ނިމުނުތާ 1 ދުވަސް ފާއިތުވެގެން ދިޔައިރުވެސް ނަޝީދުގެ އިތުރުން އެމަނިކްފާނުގެ ކެޕްމޭން ޓީމުވެސްގެ އެއްވެސް ޚަބަރެއް ނުވެ، ނަޝީދުވެސް ހަނު ހުންނަވަމުން ގެންދެވުމާއެކު، އެމްނިކުފާނުގެ ސަޕޯޓަރުންގެ މެދުގައި މިހާރުވަނީ ހާސްކަމާއި ކަންބޮޑުވުން އުފެދިފައެވެ.

އެމްޑީޕީން މިހާރު އިއުލާން ކޮށްފައިވާ ވަގުތީ ނަތީޖާގައި ވާގޮތުން ރައީސް ސާލިހަށް މި އިންތިޚާބުގައި ލިބިލެއްވީ 24،573 ވޯޓެވެ. ރައީސް ސާލިހާއި ވާދަކުރެއްވި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ލިބިލެއްވީ 15،631 ވޯޓެވެ.

އިންތިޚާބާބެހޭ ކޮމިޓީން އާންމު ކުރި ވަގުތީ ނަތީޖާގައި ވާގޮތުން މި އިންތިޚާބުގައި ވޯޓު ލާފައިވަނީ 40،887 މެމްބަރުންނެވެ. އެއީ ވޯޓު ލުމުގެ ހައްގު ލިބިފައިވާ މެމްބަރުން 71.41 އިންސައްތަ މީހުންނެވެ.

މި އިންތިޚާބުގައި 680 ބާތިލް ވޯޓު ލާފައިވާއިރު ސައްހަ ވޯޓުގެ ގޮތުގައި ލާފައިވަނީ 40،207 ވޯޓެވެ.

އިންތިޚާބުގެ ނަތީޖާއަށް ބަލާއިރު، ރައީސް ސާލިހުއަށް ލިބިލެއްވީ 61.10 އިންސައްތަ ވޯޓެވެ. ނަޝީދަށް ލިބިލެއްވީ 38.9 އިންސައްތަ ވޯޓެވެ. ކުރިން ހީކުރެވުނު ގޮތާއި ޚިލާފަށް ފުވައްމުލަކު ސިޓީންވެސް ރައީސް ސާލިހުވަނީ ބޮޑުތަނުން ކުރި ހޯއްދަވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *