ނުފޫޒު ގަދަ ޑައިރެކްޓަރު/ ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ ފިލްމް "ދޯސްތާނާ 2″ އިން ޒުވާން އެކްޓަރު ކާތިކް އާރިޔާން ވަކިކުރުމާއި އެކުގައި އެދެމެދުގައި ޖެހުނު ސަބަބު ހޯދުމަށް ގިނަ ބަޔަކު ބޭނުންވިއެވެ.
މި ފިލްމް އަކީ ޒުވާން އެކްޓަރާއި ކަރަން އެކުގައި ކުރާ ފުރަތަމަ މަސައްކަތަށް ވެފައި ކާތިކް އަކީ ބޮލީވުޑްގެ އެންމެ އުހުގައި ފިޔަޖަހަމުން އައި އެއް އެކްޓަރަށް ވުމެވެ. އަދި ހަމަ އެއާއި އެކުގައި ކާތިކް ފިލްމް އިން ބޭރު ކުރި އިރުގައި ފިލްމްގެ ބައެއް އޮތީ ޝޫޓްވެސް ކޮށްފައިއެވެ.
ކޮވިޑް ގެ ކުރިން ފިލްމް ޝޫޓް ކޮށް އެއްބައި ނިންމި ފަހުން ފިލްމް އިން ކާތިކް ބޭރު ކުރީ ކާތިކް ބުނާ ފީ ބޮޑު ކަމުން ކަމަށް އަޑުތަށް އެރިއެވެ. ނަމަވެސް ކާތިްކ ވަނީ މި ކަންތަށްތަށް ހިނގާދިއަ ގޮތް ކިޔައިދީފައިއެވެ.
އެގޮތުން އޭނާ ބައިވެރިވި "އާޕްކީ އަދާލަތް"ގެ ޝޯގެ ހޯސްޓް ރަޖަތް ޝަރްމާ ވަނީ މިކަން ސާފުކުރުމަށް ސުވާލުކޮށްފައިއެވެ. އެގޮތުން އޭނާ ވަނީ އެ ފިލްްމް އިން ވަކިވީ ހަމަ ފީގެ މައްސަލައިގައިތޯ ސުވާލުކޮށްފައިއެވެ.
މި ސުވާލުގެ ޖަވާބު ދެމުން ކާތިކް ބުނީ އޭނާ އަކީ ވަރަށް ދަހި މީހެއް ކަމަށެވެ. ނަމަވެސް އޭނާ ދަހީ ލާރިއަށް ނޫން ކަމަށާއި އޭނާ ދަހީ ރަނގަޅު ސްކްރިޕްޓް އަށް ކަމަށް ވަނީ ބުނެފައިއެވެ. އަދި ފިލްމް އިން އެއްބައި ޝޫޓް ކުރުމަށްފަހު ވަކިވީ ސްކްރިޕްޓްއަށް ބޮޑެތި ބަދަލުތަކެއް ގެނައުމުން ކަމަށް އޭނާ ވަނީ ބުނެފައިއެވެ.
އަދި މިހާ ދުވަހު އެވާހަކަ ނުދައްކާ ހުރީ މަންމަ ދިން ނަސޭހަތުެ ސަބަބުން ކަމަށް ވެސް ކާތިކް ވަނީ ބުނެފައިއެވެ. އަދި އޭނާގެ މަންމަ ބުނެފައިވަނީ ދެމީހެއްގެ މެދުގައި މައްސަލަ ޖެހިއްޖެ ނަމަ ކުޑަ މީހާ އެކަމާއި ގުޅޭ ގޮތުން ވާހަކަ ނުދެއްކުން ކަމަށްވެސް ކާތިކް ވަނީ ބުނެފައިއެވެ.
މި މައްސަލައިގައި ކާތިކް އާއި ކަރަން އާއި ދެމެދުގައި ފިނި ހަނގުރާމައެއް ހިނގިއެވެ. އަދި ދެމީހުން ގެ ގުޅުން ގޯސްވެ ވާހަކަ ނުދައްކާވެސް ތިބިއެވެ. ނަމަވެސް މިހާރު އެގުޅުން ވަނީ ރަނގަޅު ވެފައިއެވެ. އެކަމުގެ ހެއްކަކީ އޭނާގެ ކުރިއަށް އޮތް ފިލްމް "ޝެހެޒާދާ" ގެ ޓްރެއިލް ލޯންޗުކުރުމުން ކަރަން އޭނާއަށް ތައުރީފުކޮށް އިންސްޓަގްރާމްގައި ޕޯސްޓެއް ޝެއާކޮށްފައިވާކަން ކާރްތިކް ފާހަގަ ކުރި އެވެ.
ކާތިކް އަކީ މިދިއަ އަހަރުގެ ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް ފިލްމް ކަމުގައިވާ "ބޫލް ބުލައްޔާ2″ ގެ ލީޑޫން ފެނިގެންދިއަ އެކްޓަރެވެ. 32 އަހަރުގެ ޒުވާން އެކްޓަރަކީ މިއަދު ބޮލީވުޑްގެ އެންމެ ޑީމާންޑް ބޮޑު އެއް އެކްޓަރުވެސް މެއެވެ.