ހީކުރިވަރަށްވުރެ ތަފާތު މާ ބޮޑު، މިވީ ކިހިނެއް! ނަޝީދުގެ ތަރި އަބަދައްޓަކާ އޮއްސުނީތަ؟

ހީކުރިވަރަށްވުރެ ތަފާތު މާ ބޮޑު، މިވީ ކިހިނެއް! ނަޝީދުގެ ތަރި އަބަދައްޓަކާ އޮއްސުނީތަ؟

Author
ހުސެއިން
29 ޖެނުއަރީ 2023 09:56
0

އިއްޔެ ބޭއްވިގެންދިޔަ، ވެރިކަންކުރާ ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ ރިޔާސީ ޕްރިމަރީ ވެގެންދިޔައީ ހުރިހާ ގޮތަކުން ޚާއްސަ، އަދި ގިނަ ބަޔަކަށް ހައިރާންކަން ގެނުވި އިންތިޚާބަކަށެވެ.

އޭގެ އެއް ސަބަބަކަށް ވީ އެމްޑީޕީގެ ހަޔާތުން ފާއިތުވެދިޔަ 15 އަހަރުތެރޭވެސް ޕާޓީގެ އެންމެ އިސް ދެލީޑަރުން ޕާޓީގެ އެތެރެއިންވެސް އަދި ބޭރުންވެސް އެއް އިންތިޚާބެއްގައި ވާދަކޮށްފައި ނެތުމެވެ. އަދި ދެވަނަ ފަހަރަށް، 15 އަހަރު ތެރޭ އެމްޑީޕީ ވެރިކަމަށް އައިސްފައިވާއިރު، ވެރިކަމުގެ ދައުރެއް ފުރިހަމަކޮށް، ޖެހިޖެހިގެން ދެވަ ދައުރެއްގައި ވެރިކަން ކުރުމަށް މިއީ އެޕާޓީއަށް ލިބިގެންދާ ފުރަތަމަ ފުރުސަތުވެސް މެއެވެ.

އޭގެ އިތުރަށް، އިސްވެ ދެންނެވުނު ސަބަބުތަކުގެ މައްޗަށްވެސް މި އިންތިޚާބަށް ގިނަބައެއްގެ ޝައުގުވެރިކަން ހުއްޓިގެން ދިޔަ ހަގީގީ ސަބަބަކީ ޕާޓީގެ ލީޑަރޝިޕްގެ ކޮންޓްރޯލް ނެންގެވުމަށް، އިންތިޚާބުގައި ވާދަކުރެއްވި، އެމްޑީޕީގެ އެންމެ އިސް ދެލީޑަރުންނަށް މިއިންތިޚާބުގެ މުހިންމުކަން ބޮޑުވެފައި އޮތް މިންވަރެވެ.

މިގޮތުން މިއިންތިޚާބު ސިފަކުރެވެމުންއައީ، ފާއިތުވި 2 އަހަރެއްހާ ދުވަހު، ރައީސް ސާލިހާއި ރައީސް ނަޝީދުއާއި ދެބޭފުޅުންގެ މެދުގައި ހިނގަމުން އައި ސިޔާސީ ހަނގުރާމައިގެ "ފަހު ތަޅާލުމުގެ" ގޮތުގައެވެ. ދެބޭފުޅުންގެ މެދުގައި ހުރި އުދާސްތަކާއެކުވެސް، ސީދާ ދެބޭފުޅުން މިހާތަނަށް މުގާބަލާ ކޮށްފައި ނުވާއިރު، އެމްޑީޕީގެ އެތެރޭގައި އުފެދުނު ސިޔާސީ ވާދަވެރިކަން އެންމެ ފަހުން "ނިމިގެން" މިދިޔައީ، "ދެ ބެސްޓު ފްރެންޑުން" މައިދާނަށް ނިކުންނަވާ، ރާއްޖޭގެ ސިޔާސީ މަސްރަހުގައި ތަމްސީލުވެގެން ހިގައިދާނޭކަމަށް މީގެ ކުރިން އެތައް ބަޔަކު އުއްމީދުވެސް ކޮށްފައިނުވާ އެތައް މަންޒަރުތަކެއް ތަމްސީލުވެ، ތަޖުރިބާ ކުރެވިގެންނެވެ.

ރައީސް ސާލިހުއާއި ރައީސް ނަޝީދު: ދެބެފުޅުންގެ މެދުގައި އޮތް ސިޔާސީ ވާދެވެރިކަމުގެ ނަތީޖާއެއްގެ ގޮތުން, އަމިއްލަފުޅު ޕާޓީވެސް ވަނީ ބައިބައި ވެގެން ގޮސްފަ

އެއީ އާއިލީ ގޮތުންވެސް ގާތްކަން އޮތް، އަދި އެއަށްވުރެ ބޮޑަށް ސިޔާސީ މުޅި ހަޔާތް އެކުއެކީގައި ހޭދަކުރައްވާ، ސިޔާސީ އެތައް ގޮންޖެހުމަކާ އެކީ ކުރިމަތިލައްވާ، އެއްޕާޓީއެއްގައި، އެއް ފިކުރެއްގައި މުޅި ހަޔާތް ހޭދަކުރެއްވި ދެބޭފުޅަކު، އެއްބޭފުޅަ އަނެއް ބޭފުޅަކަށް ޒާތީ ގޮތުން ރައްދު ދެއްވާ، އެތައް ތުހުމަތަކާއި ބަދުނާމެއް އެއް ބޭފުޅަކު އަނެއް ބޭފުޅެއްގެ ބޮލުގައި އަޅުއްވާ، އެއް އާއިލާއެއްގެ ތެރޭގައިވެސް އުފެދިގެންދިޔަ ފިތުނައާއި ޒާދީ ހަސަދައިގެ އަލިފާނެވެ.

މިގޮތުން، ނިމިދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަކީ އިސްވެ ދެންނެވުނު، ގިނަ ބަޔަކަށް ހައިރާންކަން ގެނުވި އިންތިޚާބަކަށް ވެގެން ދިޔަނަމަވެސް، އެއަށްވުރެ ބޮޑަށް މިއިންތިޚާބު ސިޔާސީ ގޮތުން ގެނެސްދިން ހައިރާންކަމަށް ވެގެންދިޔައީ، ކުރިން ހީކުރެވުނު ގޮތާއި ޚިލާފަށް، މި އިންތިޚާބުގައި ނަޝީދަށް ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ބޮޑު ނާކާމިޔާބީއެވެ.

 

ނަޝީދަށް ހައިރާން ކުރުވަނިވި ބޮޑު ނާކާމިޔާބީއެއް!

ނިމިދިޔަ ވާދަވެރިކަން ބޮޑު، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ފާއިތުވެދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ރައީސް އިބުރާހިމް މުހައްމަދު ސާލިހާއި، އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ކުރައްވާފައިވަނީ ވަރަށްވެސް ވާދަވެރި ކެމްޕޭނެކެވެ.

މިގޮތުން އެމްޑީޕީގެ ތެރޭގައި އުފެދިގެން ގޮސްފައިވާ ފެކްޝަންގެ ވާދަވެރިކަމާއެކު، މިއިންތިޚާބު ސިފަކުރެވިގެން ދިޔައީ ގައުމީ ފެންވަރެއްގައި މުޅި ރާއްޖޭގައި ކުރެވިގެންދިޔަ ބޮޑު އިންތިޚާބެއްގެ ގޮތުގައެވެ. މިގޮތުން އިންތިޚާބުގެ ވާދަވެރިކަން ބޮޑުވެ، ދެ ކެނޑިޑޭޓުންވެސް ފޯރިގަދަ ކެމްޕޭނެއް މުޅި ރާއްޖޭގައި ކޮށްފައިވާއިރު، މިއިންތިޚާބުގައި ރައީސް ސާލިހާއި ވާދަކުރެއްވި، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ގެންދަވާފައިވަނީ، ކުރިން ގިނަބަޔަކަށް ހީކުރެވުނު ހީކުރުންތަކާއި ޚިލާފަށް، އެމްޑީޕީގެ އެތެރޭގައި އެމަނިކްފާނަށް އޮތް ތާއީދު އެތައް ގޮތަކުން ތަމްސީލު ކޮށްދެމުންނެވެ.

އަދި ވަކީން ޚާއްސަކޮށް، ރާއްޖޭގެ ބޮޑެތި އާބާދީތައް ކަމުގައިވާ މާލެއާއި، އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގެ އިތުރުން ގދ. ތިނަދޫފަދަ ބޮޑެތި އާބާދީތަކުގައި ނަޝީދަށް ބޮޑު ތާއީދެއް އޮތްކަންވެސް ކެމްޕޭންފައި ނަޝީދު ތަމްސީލު ކުރައްވަމުން ގެންދަވާފައިވަނީ، ގިނަބަޔަކު އެއްތަނަކަށް ޖަމާކޮށް ބާއްވަމުން ގެންދެވި އެއްވުންތަކާއި، އުފެއްދެވި ޖޯޝާއި ފޯރިންނެވެ.

ކެމްޕޭންގައި ނަޝީދުވަނީ އެމްޑީޕީގައި ތާއީދު އޮތްކަން ތަމްސީލު ކޮށްދިނުމަށް މަސައްކަތް ކުރައްވާފަ

މިގޮތުން މާލޭ ސިޓީގައި، ނަޝީދުވަނީ ޕްރައިމަރީގެ ކެމްޕޭންގައި، އެމްޑީޕީގެ އެތެރޭގަ އޮތް ސިޔާސީ ދެކޮޅުވެރިކަމާ އެކުވެސް، އެމްޑީޕީގައި އެމަނިކްފާނަށް އޮތް ތާއީދު، ބޭއްވެވި ބޮޑެތި އެއްވުންތަކުން، އެތައް ފަހަރެއްގެ މަތިން، ދައްކުވައި ދީފައެވެ. "ފިކުރެއްގެ ދިރުން" ކެމްޕޭންގެ ނަމުގައި މާލޭގައި، ކެމްޕޭންގެ އެންމެ ފަހުދުވަހު ނަޝީދު ބޭއްވި އެއްވުމާއި، އަދި ކެމްޕޭން ނިންމާލުމުގެ ގޮތުން ބޭއްވި ހިނގާލުމުގައި އެމްޑީޕީއަށް ތާއީދުކުރާ، ނަޝީދުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވެފައިވާކަން މިފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ.

ނަތީޖާއެއްގެ ގޮތުން، ތަމްސީލުވެގެން ދިޔަ މިހުރިހާ މަންޒަރުތަކާއެކު، ގިނަބަޔަކު ހިސާބު ޖަހަމުން ގޮސްފައިވަނީ، ބޮޑު ތަފާތަކުން ނަޝީދު މާލޭ ސިޓީން "ދެމިގަންނާނޭ" ކަމުގައެވެ. އަދި ރާއްޖޭގެ އާބާދީ ބޮޑެތި ސިޓީތަކާއި ރަށްތަކުގައިވެސް ނަތީޖާ ނިކުމެގެންދާތީ ވަރަށްވެސް ތަފާތު ކުޑަކޮށް ކަމުގައިވެސް އިއްޔެގެ ވޯޓު ލުމާއިހަމައަށްވެސް ގިނަބަޔަކު ހީކޮށްފައި ވެއެވެ.

އެހެންނަމަވެސް، އިންތިޚާބުގެ ވަގުތީ ނަތީޖާތައް އިއުލާން ކުރެވެން ފެށުމާއެކު، ގިނަބައެއްގެ ހީކުރުންތައް ބިލާހަކަށް ވާން ފެށީއެވެ. ބޮޑު އާބާދީއެއް ކުޑަ އާބާދީއެއް ތަފާތު ނުވެ، ބޮޑުތަނުން ރައީސް ސާލިހު ނަތީޖާއިން ކުރި ހޯއްދަވަން ފެއްޓެވީއެވެ. ނަޝީދު ބޮޑުތަފާތަކުން ކާމިޔާބު ކުރާނެކަމަށް ބެލެވުނު މާލޭ ސިޓީންވެސް ކުރިން ހީކުރެވުނު ނަތީޖާ ނުނެރެވި، އެހެން ބޮޑެތި ބައެއް ސިޓީތަކުގައި ނަޝީދަށް ކުރިމަތިލައްވަން ޖެހިވަޑައިގެންނެވީ ނާކާމިޔާބީއާއެވެ.

މިގޮތުން މާލޭ ސިޓީން ރައީސް ސާލިހު %49.3 ވޯޓު ލިބިވަޑައިގެންނެވި އިރު، މާލޭ ސިޓީން ނަޝީދަށް ކާމިޔާބު ކުރެވުނީ %50.6 ވޯޓެވެ. އޭގެ އިތުރުން ރާއްޖޭގެ ދެވަނައަށް އެންމެ އާބާދީ ބޮޑު އަތޮޅު ކަމުގައިވާ އައްޑޫ ސީޓީ ރައީސް ސާލިހު ކާމިޔާބު ކުރައްވާފައިވަނީ %52 ވޯޓު ހޯއްދަވައިގެންނެވެ. އައްޑޫ ސިޓީން ނަޝީދަށް ލިބިވަޑައިގެންނެވީ %48 އެވެ. މުޅި ހުވަދޫ އަތޮޅަށް ބަލާއިރު ގދ. އިން ރައީސް ސޯލިހު %59 ވޯޓު ހޯއްދަވާފައިވާއިރު، ނަޝީދަށް ލިބިވަޑައިގެންނެވީ %41 ވޯޓެވެ އެވެ. ގއ. އިން ރައީސް ސާލިހަށް %54 ވޯޓު ލިބިވަޑައިގެންނެވިއިރު ނަޝީދަށް ލިބިވަޑައިގެންނެވީ %46 ވޯޓެވެ.

އޭގެ އިތުރުން ފުވައްމުލަށް ސިޓީގެ ނަތީޖާވެސް ނުކުމެފައިވަނީ ނަޝީދަށް ކުރިން ހީކުރެވުނު ވަރަށްވުރެ ބޮޑު ނާކާމިޔާބިއަކާ އެކީއެވެ. ފުވައްމުލަކު ސިޓީން ރައީސް ސާލިހު %53 ކާމިޔާބު ކުރެއްވިއިރު މި ސިޓީން ނަޝީދަށް ކާމިޔާބު ކުރެއްވުނީ %47 ވޯޓެވެ.

އެމްޑީޕީން އާންމު ކޮށްފައިވާ ވަގުތީ ނަތީޖާތަކަށް ބަލާއިރު، ބޮޑު އާބާދީއަކަށް ނަޝީދަށް ކާމިޔާބު ކުރެވުނު ހަމައެކަނި ސިޓީއެއްގެ ގޮތުގައި ފާހަގަވާން އޮތީ ކުޅުދުއްފުށީ ދާއިރާއެވެ. އެ ސިޓީގެ އުތުރު ދާއިރާއިން ނަޝީދަށް %60 ވޯޓު ލިބިވަޑައިގެންނެވިއިރު ރައީސް ސާލިހަށް އެ ދާއިރާއިން ލިބިވަޑައިގެންނެވީ %40 ވޯޓެވެ. އެހެންނަމަވެސް އެސިޓީގެ ދެކުނު ދާއިރާ ކާމިޔާބު ކުރެއްވީ ރައީސް ސާލިހެވެ. އެ ދާއިރާއިން ރައީސް ސާލިހު %55 ވޯޓު ކާމިޔާބު ކުރެއްވިއިރު ނަޝީދަށް ކާމިޔާބު ކުރެއްވުނީ %45 ވޯޓެވެ.

ކުޅުދުއްފުށި ދާއިރާގެ ޖުމްލަ ނަތީޖާއަށް ބަލާއިރު %53 ވޯޓު ނަޝީދަށް ލިބިވަޑައިގެންނެވިއިރު ރައީސް ސާލިހަށް އެ ސިޓީން ހޯއްދެވުނީ %47 ވޯޓެވެ.

ރައީސް ސާލިހު އިންތިޚާބު ކާމިޔާބު ކުރައްވާފައިވަނީ ކުރިން ހީކުރެވުނު ވަރަށްވުތެ ތަފާތު ބޮޑުކޮށް

މުޅި ރާއްޖޭގައި ބޭއްވިގެން ދިޔަ މި އިންތިޚާބުގެ ޖުމްލަ ނަތީޖާ ދައްކާ ގޮތުން ވޯޓު ލާފައިވާ 40،887 މީހުންގެ ތެރެއިން %61.1 ރައީސް ސާލިހު ކާމިޔާބު ކުރައްވާފައި ވެއެވެ. ނަޝީދަށް ކާމިޔާބު ކުރެއްވުނީ %38.9 ވޯޓެވެ. ރައީސް ސާލިހާއި ވާދަކޮށް މިއިންތިޚާބުގައި ނަޝީދު ބަލިވެފައިވަނީ ކުރިން ހީކުރެވުގެން ދިޔަ ގޮތާއި ޚިލާފަށް %22 ބޮޑު ތަފާތަކުންނެވެ.

 

މިވީ ކިހިނެއް! ނަޝީދުގެ ތަރި އަބަދައްޓަކާ އޮއްސުނީތަ؟

ރާއްޖޭގެ މިވަގުތު އޮތް އެންމެ ބޮޑު، އަދި ސިޔާސީ ގޮތުންވެސް އެންމެ ދޮށީ ޕާޓީގެ ތެރޭގައި އުފެދިގެންދިޔަ ސިޔާސީ ބޮޑު ކޯޅުމަކީ މީގެ އަހަރުތަކެއް ކުރިން ޚުދު އިދިކޮޅު ފަރާތްތަކުންވެސް ޖަހާފައިވާނެ ހިސާބެއް ކަމުގައި ނުބެލެވެއެވެ. ސަބަބަކީ އެޕާޓީގެ އެތެރޭގައި ފާއިތުވެދިޔަ ތަނުގައި އޮވެފައިވާ ޑިމޮކްރަސީގެ ވަރުގަދަ ކަމުން ކަމުގައިވެސް ދެންނެވި ދާނެއެވެ.

އެހެންނަމަވެސް، އެމްޑީޕީގެ ދެވަނަ ވެރިކަމެއް ފެށި، އަމާން ކަނޑެއްގައި، ޕާޓީގެ އެންމެ އިސް ދެ ލީޑަރުންނަށް ދަތުރު ކުރެވޭވަރުވީ ދޮޅު އަހަރެއްހާ ދުވަހުއެވެ.

އެއަށްފަހު، ދެބޭފުޅުންގެ މެދުގައި އޮތް ނުތަނަވަސްކަން "ބުޅާ ގޯނިން ބޭރުވާ" ދައިން އާންމުންނާއި ހަމައަށް ތިލަވާން ފެށީއެވެ. ފިތުނައިގެ ހުޅު ޕާޓީގެ ތެރެއަށް ފެތުރި، އެންމެ ފަހުން ޕާޓީ ދެފެކްޝަނަކަށް ބެހި، އޮތް ސިޔާސީ ވާދަވެރިކަން، ނިމުމެއް ނުވާ ޒާތީ ހަސަދައަށް ބަދަލުވެގެން ދިޔައީއެވެ. އެންމެ ފަހުން ރައީސް ސާލިހުއާއި ރައީސް ނަޝީދުވެސް ކަނޑި ބަޑި ހިތްޕަވައިގެން ހަނގުރާމައަށް ނިކުންނެވީއެވެ.

ރައީސް ސާލިހު ވިދާޅުވާ ގޮތުންނަމަ، އެހެން އެއްވެސް މީހަކު ވެރިކަމުގައި ހުންނެވުން ނަޝީދަށް ހަޖަމް ނުކުރެއްވުނީއެވެ. ގާނޫނު އަސާސީއަށް ބަދަލު ގެނެސްގެންވެސް ނަޝީދު ވެރިކަން ނޫން އެހެން އެއްވެސް ކަމެއް ބޭނުފުޅު ނުވީއެވެ. ފެންނާން އޮތީވެސް އެ މަންޒަރެވެ. ރައްޖޭގެ އެތައް ބައެއްގެ ވިސްނުމާއިވެސް ދެކޮޅަށް ނަޝީދު ބޭނުންފުޅުވީ ބަރުލަމާނީ ނިޒާމަކަށް ވެރިކަމުގެ ނިޒާމު ފުރޮޅާ ލުމަށެވެ.

އެންމެ ފުރަތަ ނަޝީދު ބޭނުންފުޅު ވީ، ރައްޔިތުންގެ ވޯޓަކަށްވެސް ނުގޮސް މަޖިލިހުގެ ތެރޭގަ އޮތް ސުޕަރ މެޖޯރިޓީގެ ބޭނުން ކުރައްވައިގެން އެކަން ނިންމާ ލުމަށެވެ. ބޭނުންފުޅުވީ ކޯލިޝަންވެސް ރޫޅާލައްވާށެވެ. ނަޝީދުގެ 2008ގެ ވެރިކަމުގައި ކަން ކުރެއްވި ގޮތަށް، ކޯލިޝަން ޕާރޓްނަރުންނައެކު ވީ ވައުދުތައް މުގުރާލުމަށްފަހު، ބޭނުންފުޅުވީ ވެރިކަން އަމިއްލަ ކޮށްލެއްވުމަށެވެ.

އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު ރައީސް ސާލިހުވަނީ މުޅި ޕާޓީ އެކަތިގަޑަކަށްވުމަށް އެދިވަޑައިގެންފަ

އެހެންނަ،މަވެސް، އެމްޑޕީގެ ރިޔާސީ ޕްރައިމަރީން އަނެއްކާވެސް ސާބިތު ކޮށްދިން އެއް ހަގީގަތަކަށް ވެގެން މިދިޔައީ، އެކަނި އެކަކަށް އެންމެންގެ ތާއީދު ހޯދޭ ވަރަށްވުރެ މާބޮޑަށްވެސް ދިވެހިރާއްޖެ އޮތީ ބައިބައިވެގެން ގޮސްފައިކަމެވެ. ޖަދަލު ކުރުމާއި، ގަދަ ބަސް ބުނުމާއި، ގޮތް ދޫނުކުރުމުގެ ސިޔާސަތުތަކަށް، މި އޮތް ބައިބައިވުމުގެ ތެރެއިން ޖާގައެއް ނެތްކަމެވެ.

ނަޝީދުގެ ހަގީގީ ބައްޔަކީ މިއީކަމުގައި ދެކޭ ފަރާތްތައް މިއަދު ވަރަށްވެސް ގިނައެވެ. ޕްރައިމަރީގެ މި ބޮޑު ބައްޔާއެކު، އެޕާޓީގެ ޗެއަރޕާސަން އިންތިޚާބުންނާއި، ކޮންގްރެސްއިން ބަލިވުމަށްފަހު، ރައީސް ސާލިހާއި ވާދަކޮށް ނަޝީދު މިވެގެން ދިޔައީ 3 ވަނަ ބައްޔެވެ. މިއީ ނަޝީދުގެ ތަރި އަބަދައްޓަކައި އޮއްސުނު އޮއްސުމެއްގެ ގޮތުގައި ނަޝީދުގެ މި ނާކާމިޔާބީ ގިނަބަޔަކު ވަނީ ސިފަކުރާން ފަށާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.