އައްޑޫ ހަންކެޑެ ސަރަހައްދުގައި ފަތުރުވެރިކަން ތަރައްގީ ކުރުމަށް މިސަރުކާރުން ވެފައިވާ ވައުދުގެ ދަށުން ހަންކެޑެ މަޝްރޫޢުގެ އެންމެ ފަހުގެ ޕްލޭންތައް ކުރެވި، ފައިސާ ހޯދި، މިހާރު ކުރިޔަށްދަނީ އެ މަސައްކަތް އަމަލީގޮތުން ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް ކަމުގައި ރައީސް ސާލިހު ވިދާޅުވެއްޖެއެވެ.
މިހާރު ކުރިޔަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ނިންމުމަށްޓަކާ ރޭ އައްޑޫ ސިޓީގެ ހިތަދޫގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ، އައްޑޫ ސިޓީގައި 236 ހެކްޓަރުގެ ބިން ހިއްކާ، 5 ރިސޯޓު ގާއުމްކުުރުމުގެ އަމަލީ މަސައްކަތް ކުރިޔަށްދާ ކަމުގައެވެ. އޭގެ އިތުރުން ހަންކެޑެ މަޝްރޫޢުގެ އެންމެ ފަހުގެ ޕްލޭންތައް ކުރެވި، ފައިސާ ހޯދި، އެ މަސައްކަތް އަމަލީގޮތުން ފެށުމަށް މިވަގުތު ތައްޔާރު ވަމުންދާކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
އެގޮތުން އައްޑޫ ސިޓީއަށް ބިން އިތުރުކުރުމަށް އަޅުގަޑުމެން ކުރާ މަސައްކަތުގައި 236 ހެކްޓަރި އިތުރުކޮށް، އައްޑޫ ސިޓިގައި 5 ރިސޯޓު ގާއިމް ކުރުމުގެ މަސައްކަތުގެ އަމަލީ މަސައްކަތް އިރާދަ ކުރެއްވިއްޔާ ފެށިގެން މިހާރު ކުރިޔަށް އެދަނީ. އަދި ހަންކެޑެގެ މަޝްރޫޢުގެ އެންމެ ފަހުގެ ޕްލޭންތައް ކުރެވި އެއަށް ބޭނުންވާ ފައިސާވެސް ހޯދި އެމަސައްކަތް އަމަލީގޮތުން ފެށުމަށް މިވަގުތު ތައްޔާރު ވަމުން އެދަނީ.
ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ހަންކެޑޭގައި އަޅާ 1000 ކޮޓަރިއާއެކު އައްޑޫ ސިޓީއަށް ވީ 8،000 އެނދުގެ ވައުދު ފެދެމުންދާތަން ފެންނަމުން ދާނެކަމުގައެވެ.
ހަންކެޑެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރު ވެފައިވާކަމަށް ރައީސް ސާލިހު ވިދާޅުވެފައިވާއިރު، މިއަދުގެ ހެނދުނުގެ ވަގުތެއްގައި މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަންއިން ވަނީ އައްޑޫ ހަންކެޑެ ޓުއަރިޒަމް ޕްރޮޖެކްޓްގެ ކޮންސެޕް ޑިޒައިން އާންމު ކޮށްފައެވެ.
ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަންއިން، މި ޕްރޮޖެކްޓުގެ ފޮޓޯތަކާއެކު، "ހަންކެޑެ އިންޓެގްރޭޓެޑް ޓުއަރިޒަމް ޕްރޮޖެކްޓް" ތައާރަފް ކުރަމުން މިއަދު ހެނދުނު ކުރީ ޓުވީޓެއްގައި ބުނެފައިވަނީ މި ޕްރޮޖެކްޖަކީ އައްޑޫ ސިޓީގެ ފަތުރުވެރިކަމަށް އަލުން ދިރުމެއް ގެނުވާނެ މަޝްރޫއެއް ކަމުގައެވެ.
އަދި މިއީ ފަތުރުވެރިކަމުގެ ސިނާއަތުން އައްޑޫ ސިޓީގެ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށްވެސް ބޮޑު ކުރިއެރުމެއް ގެނުވާނެ މަޝްރޫއެއް ކަމަށްވެސް ބުނެފައި ވެއެވެ.
Introducing the Hankede Integrated Tourism Project. A project that will revitalize Addu City and enhance the tourism experience. An opportunity for Addu citizens to benefit from integrated tourism through more jobs, and by creating a favourable environment for SMEs to thrive. pic.twitter.com/glRxXsVRQL
— Maldives Fund Management Corporation (@mfmc_mv) January 27, 2023
މި މަޝްރޫއުގެ ކޮންސެޕްޓް ތައާރަފް ކުރަމުން މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަންއިން ކުރި ޓުވީޓުގައި ބުނެފައިވަނީ މި ޕްރޮޖެކްޓުގެ ދަށުން އެކޮމޮޑޭޝަންގެ ގިނަ އޮޕްތަކާއެކު 1041 ކޮޓަރި ތަރައްގީ ކުރެވިގެން ދާނެ ކަމުގައެވެ. އަދި މި ކޮޓަރިތައް ތަރައްގީ ކުރެވިގެންދާނީ މުޅިން ތަފާތު ޑިޒައިންތަކަށް ކަމަށްވެސް ބުނެފައި ވެއެވެ.
ރޭގެ ޖަލްސާގައި އިތުރަށް ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ އައްޑޫގައި އޮތް ޝަންގްރިއްލާ ރިސޯޓުގެ ހިއްސާ ސަރުކާރުން ދޫކޮށްލުމަށް ކުރާންޖެހޭ ހުރިހާ މަސައްކަތެއް ނިންމާ އެ ރިސޯޓުގެ ވެރިންނަށް މިހާރު އެކަން އަންގާފައިވާ ކަމުގައެވެ. ރައީސް ސާލިހު ވިދާޅުވީ ކުރިޔަށް އޮތް އޮގަސްޓު ސެޕްޓެމްބަރުގައި އެތަންވެސް ހުޅުވޭ ވަރުވާނެކަމަށެވެ.