މިހާރު ކުރިޔަަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާއްދަ ކުރައްވަމުން ގެންދަވާ، އެޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ކެމްޕޭނުން ރޭ ބޭއްވި ފޯރިގަދަ ކެމްޕޭން ޖަލްސާއަށް، ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އައިޝަތު ޖެނިފާ ވަޑައިގެންފިއެވެ.
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ޕާޓީގެ އިސް ލީޑަރު އިބުރާހިމް މުހައްމަދި ސާލިހުއާއި ދެބޭފުޅުންގެ މެދުގައި ކުރެވޭ ސިވާސީ ވަރުގަދަ ހަނގުރާމެއެއްގެ ގޮތުގައި ގޮތުސިފަ ކުރެވެމުންދާ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައި ފާއިތުވެދިޔަ ދެތިން ހަފްތާ ތެރޭގައި، ސަރުކާރުން އިސް ބައެއް މަގާމް ތަކުގައި ތިއްބެވި ބައެއް ބޭފުޅުންވަނީ ނަޝީދަށް ތާއީދުކޮށް ފާޅުގައި ރައީސް ސާލިހާއި ދެކޮޅަށް ކެމްޕޭންވެސް ކުރައްވަން ފައްޓަވާފައެވެ.
އެހެންނަމަވެސް، ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރކަމުގެ މަގާމްގައި ހުންނެވި އައިޝަތު ޖެނިފާ މިހާތަނަށް އެއްވެސް ކެމްޕޭނަކަށް ތާއީދު ކުރައްވާކަމެއް ހާމަކޮށްފައެއް ނުވެއެވެ. އަދި އޭނާ ފާހަގަވެގެން ގޮސްފައިވަނީ މި ކެމްޕޭންގައި ދެ ކެނޑިޑޭޓުންވެސް ކެމްޕޭނަށް ހުޅުލެއިން ފުރާވަޑައިގަންނަވާއިރު ދެ ކެންޑިޑޭޓުންނަށްވެސް އެއަރޕޯޓުން މަރުހަބާ ދަންނަވާ ފަރާތެއްގެ ގޮތުގައެވެ.

މިހާރު ކުރިޔަށްދާ އެމްޑީޕީގެ ރިޔާސީ ކެމްޕޭންގައި ރައީސް ސާލިހު ސިޔާސީ ވަޒީފާ ދެއްވާފައިވާ، ސަރުކާރުގެ އިސް ބައެއް މަގާމްތަކުގައި ތިއްބެވި ފަރާތްތަކުގެ ތެރެއިން ރައީސް ސާލިހާއި ދެކޮޅަށް މަސައްކަތް ކުރެއްވުމަށް ނަޝީދުގެ ކެމްޕޭނަށް ތާއިދުކުރާކަން ފާޅުކޮށް، ކެމްޕޭންވެސް ކުރައްވަމުން ގެންދަވާ ފަރާތްތަކުގެ ތެރޭގައި ރައީސް އޮފީހުގެ މިނިސްޓަރު ޝިފާޒުއާއި އެސްޓީއޯގެ އަމުރުގެ އިތުރުން އޭނާގެ އަނބިކަބަލުން، އެލްޖީއޭގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި އަފްޝަން ލަތީފްވެސް ހިމެނެއެވެ.
އޭގެ އިތުރުންވެސް އެގްރޯ ކުންފުނީގެ އެމްޑީ ހާރޫން ރަޝީދުއާއި ޕޯސްޓު ލިމިޓެޑްގެ ޑީއެމްޑީގެ މަހާމުގައި ހުންނެވި އަދުހަމްވެސް ވަނީ ނަޝީދުގެ ކެމްޕޭނާއި ގުޅިވަޑައިގެންފައެވެ.
ސަރުކާރުން އިސް ބައެއް ވެރީން ރައީސް ސާލިހު ދެއްވި ވަޒީފާގައި ތިއްބަވައިގެން ރައީސްއާއި ދެކޮޅަށް ކެމްޕޭން ކުރައްވަމުން ގެންދަވާތީ އެބޭބޭފުޅުންނަށް ގިނަ ބައެއްގެ ފާޑުކިއުންވެސް ވަނީ އަމާޒު ވެފައެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި ރައީސް ސާލިހުއާއި ދެކޮޅަށް އިސްވަޒީފާތަކުގައި ތިއްބެވި، ސަރުކާރުގެ އިސްވެރިން ނިކުންނަވަން ވާނީ ތިއްބެވި މަގާމްތަކުން އިސްތިއުފާ ދެއްވުމަށް ފަހުއެވެ.
ކޮމެންޓު ފޮނުވާ