އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަކީ އެންމެންގެ ޒިންމާއެއް ކަމުގައި މިނިސްޓަރ އޮފް އަރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުންދާ އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އަނިޔާތަށް ހުއްޓުވުމަށް މަސައްކަތް ކުރާ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ ޔުމްނާ ކުރެއްވި ޓްވީޓްގައި ވިދާޅުވީ އަންހެނުންނަށް ކުރާ އަނިޔާތަކަކީ ރާއްޖޭގައި އެކަނި އޮތް މައްސަލައެއް ނޫންކަމަށެވެ. އެއީ މުޅު ދުނިޔޭގައިވެސް އޮތް އިޖުތިމާއީ ބޮޑު މައްސަލައެއް ކަމަށެވެ. މިކަން ހައްލު ކުރެވޭނީ މުޖުތަމައުގެ ހުރިހާ ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުމާއި އެކުގައިކަމަށް ޔުމްނާ ވިދާޅުވިއެވެ.
އަންހެނުންނަށް ކުރާ އަނިޔާއަކީ މިއަދު ދުނިޔެއަށް ކުރިމަތި ވެފައިވާ ބޮޑު އިޖުތިމާޢީ މައްސަލައެއް. އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަކީ އެންމެންގެ ޒިންމާއެއް.
– ޔުމްނާ މައުމޫން ވިދާޅުވިއެވެ.
ދުނިޔޭގެ އެކިކަންކޮޅުތަކުގައިވެސް ޖިސްމާނީގޮތުންނާއި ނަފްސާނީ ގޮތުން އަންހެނުންނަށް ކުރާ އަނިޔާއަށް ޢާއްމުން ހޭލުންތެރިކޮށް، މިފަދަ މައްސަލަތައް މަދުކުރުމަށްޓަކާ ދުނިޔޭގެ ފެންވަރުގައި ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ރާއްޖޭގައިވެސް މިފަދަ ކަންކަމަށް ޢާއްމުން ހޭލުންތެރިކުރުވުމަށް ފަހަކަށްއައިސް އަންނަނީ ތަފާތު މަސައްކަތްތަކެއް ކުރަމުންނެވެ.
ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ޢާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ތިންވަނަ ކުއާޓަރގައި ގެވެށި އަނިޔާގެ 179 މައްސަލަ ހުށައަޅާފައިވެއެވެ. އަދި މިއަހަރުގެ ތެރޭގައި ގެވެށި އަނިޔާ 242 މީހަކަށް ލިބިފައިވާކަމަށް އެ އޮތޯރިޓީން ހާމަކުރައްވައެވެ. މީގެތެރޭގައި 182 އަންހެނުން ހިމެނެއެވެ.
އަނިޔާ ލިބުނު މީހުންގެ ތެރޭގައި 18 އަހަރުން މަތީގެ 150 މީހުން ހިމެނޭއިރު 18 އަހަރުން ދަށުގެ 92 ކުއްޖަކުވެސް މީގެ ތެރޭގައި ހިމެނެއެވެ. ދެ ޢުމުރުގެ މީހުންގެ ތެރޭގައި 18 އަހަރުން މަތީގެ 115 އަންހެނުންނަށް އަނިޔާކޮށްގެން ހުށައާޅާފައިވާއިރު 18 އަހަރުން ދަށުންގެ 67 ކުއްޖަކަށް އަނިޔާކޮށްގެން ރިޕޯޓުކޮށްފައިވެއެވެ. ގެވެށި އަނިޔާގެ ރިޕޯޓުތައް އިތުރުވެފައިވާއިރު ތިންވަނަ ކުއާޓަރގައި އަނިޔާކޮށްގެން 220 މީހަކުވަނީ ރިޕޯޓުކޮށްފައެވެ.
ކޮންމެ އަހަރެއްގެވެސް ނޮވެމްބަރ މަހުގެ 25 ވަނަ ދުވަސް ފާހަގަކުރަނީ އަންހެނުންނަށާއި، އަންހެންކުދިންނަށް ކުރާ އަނިޔާއާއި ދެކޮޅަށް މަސައްކަތްކުރާ ދުވަހުގެ ގޮތުގައެވެ. އަދި މި ދުވަހާ ގުޅުވައިގެން "އޮރެންޖް ދަ ވޯލްޑް" މި ތީމުގެ ދަށުން އަންހެނުންނަށާއި އަންހެންކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ދެކޮޅަށް އަޑުއުފުލުމުގެގޮތުން، 16 ދުވަހުގެ ޚާއްސަ ކެމްޕޭނެއް ކުރިއަށްގެންދެއެވެ. މިއަހަރުގެ ކެމްޕޭންގެ ޝިއާރެއްގެގޮތުގައި ކަނޑައަޅާފައިވަނީ "އޮރެންޖް ދަ ވޯލްޑް : ފަންޑު، ރެސްޕޯންޑް، ޕްރިވެންޓް، ކަލެކްޓް"އެވެ.
ކޮމެންޓު ފޮނުވާ