ފުލުހުންގެ 5 އޮފިސަރުންގެ މައްސަލަ އިސްތިއުނާފް ކޮށްފި

ފުލުހުންގެ 5 އޮފިސަރުންގެ މައްސަލަ އިސްތިއުނާފް ކޮށްފި

ގުޅުންހުރި

ފުލުހުންގެ އިސް މަގާމުތަކުގައި ތިއްބެވި 5 އޮފިސަރަކު ވަޒީފާއިން ވަކިކުރުމަށް ޕޮލިސް ބޯޑުން ނިންމާފައިވަނީ ގޯސްކޮށްކަމަށް ކަނޑައަޅައި ސިވިލް ކޯޓުން ކުރި ޙުކުމް އިސްތިއުނާފުކުރަން ދައުލަތުން ހައިކޯޓަށް ހުށަހަޅައިފިއެވެ.

ދައުލަތުން މައްސަލަ ހައިކޯޓަށް ހުށަހަޅާފައިވަނީ އިއްޔެއެވެ. އެހެންނަމަވެސް މައްސަލަ ބަލައިގަތުމަށް ހައި ކޯޓުން ނިންމި ކަމެއް އަދި އެނގިފައެއް ނުވެއެވެ.

ފުލުހުންގެ އިސް މަގާމުތަކުގައި ތިއްބެވި 5 އޮފިސަރަކު ވަޒީފާއިން ވަކިކުރުމަށް ނިންމި މައްސަލާގައި ސިވިލްކޯޓުން ކުރި ޙުކުމުގައިވަނީ ޕޮލިސް ބޯޑުގެ ނިންމުން ބާޠިލްކަމަށް ކަނޑައަޅާފައެވެ.

މައްސަލާގައި ސިވިލް ކޯޓުން ކުރި ހުކުމާއި ގުޅިގެން އޭޖީ އޮފީހުން މީގެ ކުރިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އަޙްމަދު މުޙައްމަދު އާއި އިތުރު 4 ފަރާތެއް ދިވެހި ފުލުހުންގެ ޚިދުމަތުގެ މައްޗަށް ދަޢުވާކުރި ސިވިލް ކޯޓުގެ ނ. 3439/Cv-C/2021 ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައި ކޯޓުގައި އިސްތިއުނާފުކުރުމަށް ނިންމާފައިވަނީ، އެ ނިންމުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނު މާނަކޮށް ތަންފީޛުކޮށްފައިވަނީ ރަނގަޅަށް ކަމަށް ނުފެންނާތީކަމަށެވެ.

ޕޮލިސް ބޯޑުގެ ލަފައާއެކު ފުލުހުންގެ 7 އޮފިސަރަކު ވަނީ ވަޒީފާއިން ވަކިކޮށްފައި ވަނީ 2021ވަނަ އަހަރުގެ އޮކްޓޯބަރުމަހުއެވެ. އެއީ، ސުޕްރިންޓެންޑެންޓް މުހައްމަދު ދާވޫދާއި އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ޖަމްޝީދާއި އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު މުހައްމަދާއި ސުޕްރިންޓެންޑެންޓް އިސްމާއީލް ޝަމީމާއި ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފާއި އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީއާއި ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝުހާދެވެ.

މި މައްސަލާގައި ވަކިކުރި ފަސް އޮފިސަރަކު ސިވިލްކޯޓަށް ހުށަހެޅި މައްސަލައާ ގުޅިހގެން އެކޯޓުން ކުރި ޙުކުމުގައި ވަނީ ފުލުހުންގެ ވަޒީފާއިން ވަކިކުރަން ނިންމުމުގެ ބާރު ޕޮލިސް ބޯޑަށް ލިބިފައިނުވާ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ