އަންނަ ނޮވެމްބަރު މަހުން ފެށިގެން މަހުގެ އަގު އެންމެ ކުޑަވެގެން ހުންނާނީ 25 ރުފިޔާގައި: ނަޝީދު

އަންނަ ނޮވެމްބަރު މަހުން ފެށިގެން މަހުގެ އަގު އެންމެ ކުޑަވެގެން ހުންނާނީ 25 ރުފިޔާގައި: ނަޝީދު

Author
ހުސެއިން
24 ޖެނުއަރީ 2023 08:28
0

އަންނަ ނޮވެމްބަރު މަހުން ފެށިގެން މަހުގެ އަގު 25 ރުފިޔާއަށް އުފުލިގެން ދާނެކަމަށާއި، މަހުގެ އަގު 17 ރުފިޔާގައި ހުރެފައިވަނީ މި ސަރުކާރުން އިއްތިހާދުގެ މެނިފެސްޓީ ތަންފީޒު ކުރަމުންދާތީ ކަމުގައި، އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރައްވަމުން ގެންދަވާ އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިހާރު ކުރިޔަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައި އިއްޔެ އައްޑޫ ސިޓީއަށް ވަޑައިގެން އެ ސިޓީގެ ހިތަދޫގައި އެމްޑީޕީގެ މެމްބަރުންނާއި މުޚާތަބްކޮށް ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ރޮލާ އަދިވެސް މަސް ބޭރުކުރަމުން ދަނީވެސް ކޯލިޝަންގެ މެނިފެސްޓޯއެއް ތަންފީޒު ކުރަމުންދާތީ ކަމަށާއި، ސަރުކާރުގެ މިހާރުގެ ވިސްނުމަކީވެސް މަސް ޕްރޮސެސް ކުރުމެއް ނޫންކަމަށާއި ސަރުކާރުން އަދިވެސް ގެންގުޅެމުންދަނީ ކޯލްޑް ސްޓޯރޭޖްގެ ޖާގަ އިތުރު ކުރުމުގެ ސިޔާސަތު ކަމުގައެވެ.

އަޅުގަޑު ތިބޭފުޅުންނަށް ޔަގީންކޮށް އަރުވަން އިރާދަ ކުރެއްވިއްޔާ ނޮވެމްބަރު މަހުއްސުރެ ފެށިގެން މަހުގެ އަގު ހުންނާނީ އެންމެ ކުޑަވެގެން 25 ރުފިޔާގަ.

އައްޑޫ ސިޓީގެ ހިތަދޫގެ އެމްޑީޕީގެ މެމްބަރުން ހާޒިރުވި އެއްވުމުގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވިއެވެ.

މި އެއްވުމުގައި އިތުރަށް ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ އައްޑޫގައި ގެސްޓު ހައުސްއެޅުމަށް ދޫކޮށްފައިވާ ބިންތަކުގައި ގެސްޓު ހައުސް ނޭޅިފައިވަނީ އެތަންތަން އިމާރާތް ކުރާނެ ފައިސާ ނެތުމުގެ ސަބަބުން ކަމުގައެވެ.

މިގޮތުން މިގެސްޓު ހައުސްތައް ތަރައްގީ ކުރުމަށް ބޭނުންވާނީ 250 މިލިއަން ރުފިޔާ ނުވަތަ 15 ވަރަކަށް މިލިއަން ޑޮލަރު ކަމުގައިވެސް ނަޝީދު ވިދާޅުވިއެވެ.

އާދައިގެ ދިވެހި ވިޔަފާރި ވެރިއެއްގެ އެކައުން އެބަހުއްޓޭ އެއަދަދު. މި 85 ގެސްޓު ހައުސް މިތަނުގައި ހަދާފައި، އެމީހުންނަށް ލޯނެއް ދެވި އެމީހުންނަށް އެތަނުން މަންފާއާއި ފައިދާ ހޯދެން އެބައޮތް. އަޅުގަޑު ތިބޭފުޅުންނަށް ޔަގީންކޮށް އަރުވަން ނޮވެމްބަރުމަހު، މިއަހަރުގެ، އިރާދަ ކުރެއްވިއްޔާ 85 ގެސްޓު ހައުސް ހެދުމަށްޓަކާ، ކޮންމެ ގެސްޓު ހައުސްއަކަށް ލުއި ލޯނު ލިބޭނެ. އެއީކީއެއް އެއްގޮތަކަށްވެސް ތިބޭފުޅުން ޝައްކު ކުރައްވާންވީ ކަމެއް ނޫން. އަދި އެތަންތަން އިރާދަ ކުރެއްވިއްޔާ ހަދާ ނިމެންދެން، ކޮންމެ ދުވަހަކު ހެނދުނު އަޅުގަޑު ބަލަހައްޓައިގެން ހުންނާނަން.

އައްޑޫ ސިޓީގެ ހިތަދޫގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވުއެވެ.

މި އެއްވުމުގައި ވާހަކަ ދައްކަވަމުން ނަޝީދު އިތުރަށް ވިދާޅުވީ އެތަންތަނަށް ގެސްޓުންނަށް ވަދެވުނީމަ އައްޑޫ ރައްޔިތުންގެ ވަޒީފާތައް އިތުރުވެ އާމްދަނީ އިތުރުވެން ދާނެކަމުގައެވެ.

މިއެއްވުމުގައި ނަޝީދު ވިދާޅުވީ ޝަންގްރިއްލާ ރިސޯޓު ކުރިޔަށް އޮތް 2 މަސްދުވަހެއްގެ ތެރޭގައި ހުޅުވޭނެކަމުގައެވެ. ނަޝީދު ވިދާޅުވި ގޮތުގައި މި ރިސޯޓު މިހާތަނަށް ހުޅުވިގެން ގޮސްފައި ނުވަނީ މި ރިސޯޓުގައި އޮތް ސަރުކާރުގެ ހިއްސާ މިހާތަނަށްވެސް ސަރުކާރަށް ދޫކޮށް ނުލެވިގެން ކަމުގައެވެ. އެހެންނަމަވެސް ހިތް ނިޔަތް ޚަލާސް ކޮށްގެން އެކަން ކުރަން އުޅުނުނަމަ އެއީ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ކުރެވެން އޮތް ކަމެއްކަމުގައިވެސް ނަޝީދު ވިދާޅުވިއެވެ.

މިހާރު އައްޑު ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަށްފަހު، މިއަދު ނަޝީދު ވަޑައިތަގަތުމަށް ހަމަޖެހިފައިވަނީ ފުވައްމުލަކު ސިޓީއަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.