އއ. ތޮއްޑޫއިން މިއަހަރު އިތުރު 100 ގޯތި ދޫކުރައްވާނެކަމުގައި ރައީސް ސާލިހު ވިދާޅުވެއްޖެއެވެ.
މިހާރު ކުރިޔަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައި އއ. ތޮއްޑުއަށް އިއްޔެ ވަޑައިގެން ވަޑައިގެން، އެރަށުގެ އެމްޑީޕީގެ މެމްބަރުންނާއި ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ ބޯހިޔާވަހި ކަމަކީ އެރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.
ރައީސް ވިދާޅުވީ މިހާރުވެސް އެރަށުން 100 ގޯތި ދޫކުރުމަށް އިއުލާން ކޮށްފައި އެބަ އޮތްކަމަށާއި، އެހެންނަމަވެސް އެއީ އެރަށުގައި ގޯއްޗަށް އޮތް ޑިމާންޑަށްވުރެ މާ ދަށް އަދަދެއް ކަމުގައެވެ.
އެހެންކަމުން ބޯހިޔާވަހިކަމަށް އެރަށުގައި އޮތް ޑިމާންޑަށް ކޭޓަރ ކޮށްދިނުމަށްޓަކާ މިއަހަރު ތެރޭގައި އެރަށުން އިތުރު 100 ގޯތި ދޫކޮށްދެއްވާނެކަމަށް ޔަގީންކަން ދެއްވާ ކަމުގައި ރައީސް ވިދާޅުވިއެވެ.
މިހާރު 100 ގޯތި ދޫކުރުމަށް ނިންމާފައި އޮތް ނިންމުމަށް، ޑިމާންޑް އޮތްވަރު އަޅުގަނޑަށް އެނގޭ، އެއަށްވުރެ މާ ގިނައިން އެބައޮތް ގޯއްޗަށް އެދިފައި، އަޅުގަނޑު އަނެއްކާވެސް ތިޔަބޭފުޅުންނަށް ޔަގީންކަން އަރުވަނީ އެ 100 ގޯއްޗަށް ފަހުގައި އިތުރު 100 ގޯތި މި އަހަރު ތެރޭގައި ތޮއްޑޫން ތިޔަބޭފުޅުންނަށް ދޫކުރާނެ.
ތޮއްޑޫގެ އެމްޑީޕީގެ މެމްބަރުންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ ތޮއްޑު ބަނދަރު ހަދައި ދިނުމަކީ 2011 ވަނަ އަހަރުން ފެށިގެން ރައްޔިތުން އެދެމުން އައިކަމެއް ނަމަވެސް ފާއިތުވެދިޔަ ދިގު މުއްދަތުގައި އޮތީ އެކަމަށް އަޅާނުލެވި ކަމަށެވެ. އެހެންނަމަވެސް މިހާރު އެރަށަށް މިހާރު ޒަމާނީ ބަނދަރެއް ލިބިފައިވާކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ އެއީ އޮޑިދޯނި ފަރަހަށް ފަސޭހަކަމާއެކު ބޭނުން ކުރެވޭނެ ބަނދަރެއް ކަމުގައެވެ.
ތޮއްޑޫގައި އޮތް ބައްދަލުވުމުގައި އިތުރަށް ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އެމަނިކްފާނާ ޚިޔާލު ތަފާތު ވުމެއްގެ ހުންނެވި ނަމަވެސް، ޚިޔާލު ތަފާތުވާ މެމްބަރުގެ ދާއިރާވެސް ބާކީ ނުކުރައްވާނެ ކަމުގައެވެ.
މިގޮތުން ރައީސް ސާލިހު ވިދާޅުވީ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ހުންނެވީ އެމަނިކްފާނާ "އެހާ ކައިރީގަ" ނޫން ކަމަށާއި، އެހެންނަމަވެސް އެއީ ދާއިރާ ބާކީ ވެގެންދާނެ ސަބަބެއް ނޫންކަމުގައެވެ.
ކަންތައްތައް ނިންމަމުން މިގެންދަނީ ކައުންސިލާއި މަޝްވަރާ ކޮށްގެން، ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނާއި މަޝްވަރާ ކޮށްގެން. ތެދުފުޅެއް، މިދާއިރާގެ މެމްބަރު އަޅުގަޑަކާ އެހާ ކައިރިއަކު ނޫން ހުރީ އަކީއެއް. އެހެންނަމަވެސް އެއީއަކީއެއް ދާއިރާ ބާކީވެގެން ދާނެ ކަމެއް ނޫން.
ރައީސް ސާލިހު ވިދާޅުވީ ސަރުކާރުން ކުރާ ހުރިހާކަމެއްވެސް ކުރަމުންދާނީ ރައްޔިތުންގެ އަޑު އަހައިގެން ކަމުގައެވެ. އަދި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވާ ދެއްވާނެކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.