ކޯވިޑް ޕެންޑަމިކް ތެރޭގަ ދަރިން ހޯދައިފިނަމަ ފައިސާގެ އެހީތެރިކަން ފޯރުކޮށް ދެނީ

ކޯވިޑް ޕެންޑަމިކް ތެރޭގަ ދަރިން ހޯދައިފިނަމަ ފައިސާގެ އެހީތެރިކަން ފޯރުކޮށް ދެނީ

Author
ހުސެއިން
07 އޮކްޓޯބަރ 2020 08:59
0

ކޯވިޑް ޕެންޑަމިކް ތެރޭގަ ދަރިން ހޯދައިފި ނަމަ، ކޮންމެ ދެމަފިރިއަކަށް ވެސް ފައިސާގެ އެހީތެރިކަން ފޯރުކޮށް ދިނުމަށް ސިންގަޕޯރ ސަރުކާރުން ނިންމައިފިއެވެ.

ސިންގަޕޯރ ބޮޑުވަޒީރުގެ ނައިބު ވިދާޅުވާ ގޮތުގައި އެގައުމުގެ ސަރުކާރުން މިގޮތަށް ނިންމީ ކޯވިޑް19ގެ ސަބަބުން، ދަރިން ހޯދުން ލަސްކުރުމަށް އެގައުމުގެ ރައްޔިތުން ޕްލޭން ކުރަމުން ދާތީއާއި އަދި އާއިލާތަކަށް ކުރިމަރިވަމުންދާ މާލީ ތަދިތަކަށް ހައްލެއް ހޯދާ ދިނުމުގެެ ގޮތުންނެވެ. އަދި ޕެންޑަމިކްގެ ސަބަބުން، މިހާރުވެސް ސިންގަޕޯއަށް ކުރިމަތިވެފައިވާ އާބާދީ އިތުރުވަމުން ނުދިއުމުގެ މައްސަލަ އިތުރަށް ގޯސްވެގެން ދިޔަ ނުދިނުމަށްޓަކައެވެ.

މިގޮތުން ކޯވިޑް ޕެންޑަމިކް ތެރޭގަ ދަރިން ހޯދާ ދެމަފިރިންނަށް ފޯރުކޮށްދެނީ ކިހާވަރެއްގެ މާލީ އެހީތެރިކަމެއްކަން ސިންގަޕޯރ ސަރުކާރުން އަދި ހާމަ ކޮށްފައި ނުވިނަމަވެސް، ސަރުކާރުން އުންމީދުކުރަނީ މިފަދަ އެހީތެރިމެއްގެ ސަބަބުން އާއިލާތަކަށް މިހާރު ކުރިމަތިވެފައިވާ މާލީ މައްސަލަތަކަށް އެދެވޭ ހެޔޮ ބަދަލުތަކެއް އަންނަނާނެ ކަމަށެވެ.

ކޯވިޑް19 ފެތުރުން ހުއްޓުވުމަށް ސިންގަޕޯރ ސަރުކާރު އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން އެގައުމުގައި ކޯވިޑް ފެތުރުން ކޮންޓްރޯލް ކުރެވިފައިވީ ނަމަވެސް، އެހެނިހެން ގައުމުތަކެކޭ އެއްފަދައިން މިކާރިސާގެ ސަބަބުން ސިންގަޕޯރގެ އިގްތިސާދަށްވެސް ވަނީ ނޭދެވޭ އަސަރުތަކެއް ކޮށަފައެވެ. މިގޮތުން ފާއިތުވެދިޔަ އަހަރުގެ ދެވަނަ ކުއާރޓާ އާއި އަޅާ ބަލާއިރު، މިއަރުގެ 2 ވަނަ ކުއާރޓަރގައި ސިންގަޕޯރގެ ޖީޑިޕީ ވަނީ %12.5 ދަށަށް ގޮސްފައެވެ. އިގްދިސާދީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި މިއީ މުޅި ތާރީޚުގަ ވެސް އެގައުމުގެ ޖީޑީޕީ އެންމެ ބޮޑަށް ދަށަށް ދިޔަ ފަހަރެވެ.

ސިންގަޕޯއަކީ މުޅި ދުނިޔޭގަވެސް ކުދިން އުފަންވާ ނިސްބަތް އެންމެ ދަށުގައި އުޅޭ އެއްގައުމެވެ. ފަހުން އެގައުމަށްއައި ހުރިހާ ސަރުކާރަކުންވެސް މިމައްސަލައަށް ހައްލު ހޯދުމަށް މަސައްކަތްކޮށް އެހެންނަމަވެސް ވަނީ ނާކާމިޔާބު ވެފައެވެ. ސިންގަޕޯރގައި ކުދިން ވިހާ ނިސްބަތް އުޅެނީ ކޮންމެ އަންހެނަކަށް 1.14 ދަރިންގެ ނިސްބަތުގައެވެ. ވާލްޑް ބޭންކުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއީން މުޅި ދުނިޔޭގަވެސް އާބާދީ އިތުރުވާ ނިސްބަތް އެންމެ ދަށުގައި އުޅޭ ހޮންގ ކޮންގއާއި އެއް ނިސްބަތެކެވެ. މިއަށްވުރެ ދަށުގައި އާބާދީ އިތުރުވާ ނިސްބަތް އުޅެނީ ހަމައެކަނި ސައުތު ކޮރެއާއި އަދި އެމެރިކާގެ ޓެރިޓަރީއެއް ކަމުގައިވާ ޕުއާރޓޯ ރިކޯގައެވެ.

އާބާދީ އިތުރުންވަމުން ނުދާ މައްސަލަ ހައްލުކުރުމަށްޓަކާ 1980 އިން ފެށިގެން އެގައުމުގައި ދަނީ ތަފާތު މަސައްކަތްތައް ކުރެވެމުންނެވެ. މިގޮތުން މިކަމަށްޓަކާ ހިންގުނު ތަފާތު ޕަބްލިކް ކެމްޕޭން ތަކާއި އަދި ފޯރުކޮށްދެވުނު މާލީ އަދި ޓެކްސް އިނާޔަތްތަކާއި އެކުވެސް މިމައްސަލައަށް މިހާތަނަށް އެކަށީގެންވާ ހައްލެއް ލިބިފައެއް ނުވެއެވެ.

ކޯވިޑް ޕެންޑަމިކް ކޮންޓްރޯލް ކުރުމަށްޓަކާ ސިންގަޕޯރ އިން ވަނީ ބޮޑެތި މަސައްކަތްތަކެއް ކޮށްފައެވެ. މިގޮތުން ބަލިޖެހޭ މީހުން ވަކިން ބޭތިއްބުމާއި، ތައާރަފް ކުރެވުނު ހަރުކަށި ލޮކްޑައުންތަކުގެ އިތުރުން ކޮންޓެކްޓް ޓްރޭސިންގ އަށް ޓެކްނޮލޮޖީގެ މުޅިން އާ ވަސީލަތްތައްވެސް އެގައުމުން ވަނީ ބޭނުން ކޮށްފައެވެ. ކޯވިޑް19 އަށް ޕޮޒިޓިވްވެ ސިންގަޕޯރއިން 27 މީހަކު ވަނީ މަރުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.