މިމަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން އެޕާޓީގެ އެންމެ އިސް ދެ ލީޑަރުންގެ މެދުގައި ފޯރިއާއެކު ކުރިޔަށްދާއިރު، ޕާޓީގެ އެތެރޭގައި ހިގަމުންދާ ފޯރިގަދަ ކެމްޕޭނަކަށްވުރެ ބޮޑަށް މި ކެމްޕޭން ސިފަކުރެވެމުން ދަނީ ޕާޓީގެ އެންމެ އިސް ދެ ލީޑަރުންގެ ދެމެދުގަ އޮތް ސިޔާސީ ބޮޑު ވާދަވެރިކަމެއްގެ ގޮތުގައެވެ.
އަދި އެއީ ކަން އޮތް ގޮތްވެސްމެއެވެ. ސަބަބަކީ، މި ކެމްޕޭންގެ މާކުރިއްސުރެވެސް ދެބޭފުޅުންގެ މެދުގައި އުފެދިގެން ގޮސްފައިވާ ސިޔާސީ ވާދަވެރިކަން އޭގެ ހައްދުން ހެއްޓިގެން ގޮސްފައި ވާތީއެވެ. އަދި މިގޮތުން އުފެދު ސިޔާސީ ވާދަވެރި ކަމުގައި، ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ ބައިބައިވެ، އެޕާޓީ ދެފެކްޝަނަކަށް ބެހި، އެއް ފެކްޝަން ފާއިތުވެދިޔަ ތަނުގައި މަސައްކަތް ކުރަމުން ގޮސްފައިވަނީ، ޕާޓީއެއްގެ އެތެރޭގަ އޮތް ފެކްޝަނަކަށްވުރެ ބޮޑަށް އިދިކޮލު ޕާޓީއެއްގެ ގޮތުގައިކަންވެސް މި ފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ.
އެއީ ރައްޔިތުންގެ މަޖިލިހުގެ ތެރެއިން ނަަޝީދުގެ ފެކްޝަނުން ހިގަމުން ދިޔަ ސިޔާސީ ހަރަކާތްތަކުންނާއި އަދި އެނޫން ފޯރަމްތަކުގައިވެސް އެފެކްޝަންގެ އިސް ބޭފުޅުން ސަރުކާރަށް ކުރިމަތި ކުރުވާފައިވާ ސިޔާސީ ގޮންޖެހުންތަކަށް ބަލާއިރުވެސް އެ ހަގީގަތް އޮތް ގޮތެވެ.
ހަމަ އެއާއެކު ފާހަގަ ކޮށްލާންޖެހޭ އެއް ނުކުތާއަކީ އެމްޑީޕީގެ އެންމެ އިސް ދެލީޑަރުންގެ މެދުގައި އުފެދުނު ސިޔާސީ ޚިޔާލު ތަފާތުވުންތަކުގައި ބައިބައިވެގެން ދިޔައީ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕް އެކަނި ނޫންކަމެވެ. އޭގެ އިތުރަށް ޕާޓީގެ ގައުމީ މަޖިލީހާއި، ޕާޓީގެ ފަރާތުން ސަރުކާރުގެ އިސް މަގާމްތަކުގައި ތިއްބެވި އިސް ބޭފުޅުންގެ އިތުރުން އެމްޑީޕީގެ ގްރާސް ރޫޓުވެސް އޮތީ މި ޚިޔާލު ތަފާތުވުންތަކުގައި ދެބަޔަކަށް ބެހިގެން ގޮސްފައެވެ.
ނަތީޖާއެއްގެ ގޮތުން، ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރުންނާއި، ގައުމީ މަޖިލީހުގެ މެމްބަރުންގެ އިތުރުން ކައުންސިލަރުންނާއި ޕާޓީގެ އާންމު މެމްބަރުންގެ ތެރެއިންވެސް ގިނަބަޔަކު ވަނީ ދެލީޑަރުންގެ ތެރެއިން ކޮންމެވެސް އެއް ލީޑަރަކު އިޚްތިޔާރުކޮށް، އެބަޔަކު ތާއީދުކުރާ ފެކްޝަނެއްގައި މަސައްކަތް ކުރާން ފަށާފައެވެ.
އެހެންނަމަވެސް، އެމްޑީޕީ ދެފެކްޝަނަކަށް ބެހިގެން ދިޔައިރު، އެޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ ފަރާތްތަކުގެ ތެރޭގައި ސަރުކާރުގެ ސިޔާސީ އިސް މަގާމްތަކުގައި ތިއްބެވި ބައެއް ފަރާތްތައް ތިބި ނަމަވެސް، އޭގެ ތެރެއިން ގިނަބަޔަކު މިހާތަނާއި ހަމައަށްވެސް ތިއްބެވީ އެކަން ވަންހަނާ ކޮށްގެން ކަމެވެ. އޭގެ އެއް ސަބަބެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ފާހަގަ ކުރަނީ މިފަދަ ބައެއް ބޭފުޅުން، އެބޭބޭފުޅުގެ ވަޒީފާ ގެއްލިގެން ދިއުމަށް ބޭނުން ނުވުމެވެ.
ސިޔާސީ މަގާމްތަކުގައި ތިބޭ ފަރާތްތަކުގެ އިޚްލާސްތެރިކަން!
ގާނޫނު އަސާސީގެ 115 ވަނަ މައްދާގެ (ޅ)ގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން، ސިޔާސީ މަގާމްތަކަށް މީހުން އައްޔަން ކުރުމުގެ ބާރު އެ ގާނޫނު އަސާސީން ވަނީ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނަވާ ބޭފުޅަކަށް ލިބިދީފައެވެ.
މިމާއްދާގެ (ޅ) ގައި ބަޔާން ކުރަނީ ތިރީގައި މިވާ ގޮތަށެވެ.
ވަޒީރުންގެ މަޖިލިހަށާއި، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ވާޖިބު އަދާކުރުމަށްޓަކާ ބޭނުންވާ މަގާމްތަކަށް މީހުން އައްޔަން ކުރުމާއި، އެ މަގާމްތަކުން މީހުން ވަކި ކުރުމާއި، އެމީހުންގެ އިސްތިއުފާ ގަބޫލުކުރުން.
މިމާއްދާގައި ވާގޮތުން، ސިޔާސީ މަގާމްތަކަށް ރައީސުލްޖުމްހޫރިއްޔާ މީހުން އައްޔަން ކުރަނީ، އެމަނިކްފާނުގެ ގާނޫނީ ވާޖިބު އަދާކުރުމަށްޓަކާ ބޭނުންވާ ސިޔާސަތުތައް ތަންފީޒު ކުރުމުގެ ގޮތުންކަމީ ވަރަށްވެސް ސާފުކޮށް އެގެން އޮތް ކަމެކެވެ.
މިކަން މިހެން އޮތުމާއެކު، ސިޔާސީ ވަޒީފާތަކަށް އަބަދުވެސް މީހުން އައްޔަން ކުރެވެނީ ރައީސުލްޖުމުހޫރިއްޔާ ދެއްވާ މަގާމެއްގެ ގޮތުގައެވެ. އެއީ އެވަގުތަކު ހުންނަވާ ރައީސަކުގެ ހެޔޮފުޅުކަމުން ދެއްވާ ވަޒީފާތަކެވެ. އަދި ސިޔާސީ ވަޒީފާތަކަށް އައްޔަން ކުރެވެނީވެސް އެވަގުތަކު ހުންނަވާ ރައީސެއްގެ ސިޔާސަތުތަކަށް ތާއީދުކޮށް، ސަރުކާރަށް ހުރިހާ ގޮތަކުންވެސް އެއްބާރުލުން ދިނުމަށް ޝަރުތު ކުރެވުމަށްފަހުގައި ކަންވެސް ފާހަގަ ކޮށްލާން ޖެހެއެވެ.
މިގޮތުން އެމްޑީޕީ ކޯލިޝަނެއްގެ ތެރެއިން 2018ގައި ވެރިކަމަށް އައުމަށްފަހު އެޕާޓީގެ ފަރާތުންވެސް ކެބިނެޓަށާއި، ދައުލަތުގެ ކުންފުނިތަކަށާއި، އަދި ރާއްޖެއިން ބޭރުގައި ހުންނަ އެމްބަސީތަކަށްވެސް ޕާޓީގެ އިސް ބައެއް ބޭފުޅުން ރައީސް ސާލިހު ވަނީ އައްޔަން ކުރައްވާފައެވެ. އަދި ފާއިތުވެދިޔަ ތަނުގައި ޕާޓީގެ އެތެރޭގައި އުފެދެންފެށި ބޮޑެތި ސިޔާސީ ހަމަނުޖެހުންތަކާއެކުވެސް އިސް މަގާމްތަކުގައި ތިއްބެވި މިފަދަ ބައެއް ފަރާތްތަކުން، ޕާޓީގެ އެތެރޭގައި ފެތުރެމުންދިޔަ ސިޔާސީ ކޯޅުމުގެތެރެއަށް ވެދެވަޑައިގެންފައި ނެތްކަން މިފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ.
އެއީ ސަބަބުތަކެއް ހުރެގެންކަމުގައިވެސް ގަބޫލުކުރާން ޖެހެއެވެ. އެއް ސަބަބަކީ އެމްޑީޕީގެ އެތެރޭގައި ހުޅު ރޯވަމުންދިޔަ ސިޔާސީ ބައިބައިވުންތައް، ސިޔާސީ ޚިޔާލުތަފާތުވުންތައް ފަހަނައަޅައި ޒާތީ ތައައްސުބާއި ދިމާލަށް ދަތުރު ކުރަމުން ދިއުމެވެ. އަދި ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރާ ފަރާތްތަކުން ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރާން ފަށާއި، އިދިކޮޅު ޕާޓީއަށްވުރެވެސް ބޮޑަށް ރައީސް ސާލިހާއި ދެކޮޅުވެރި ވާން ފެށުމެވެ.
އޭގެ ނަތީޖާއަކަށް ވެގެން ދިޔައީ، ސިޔާސީ އިސް މަގާމްތަކުގައި ތިއްބަވައިގެން، ނަޝީދަށް ތާއީދު ކުރާ ފަރާތްތަކަށް، ރައީސް ސާލިހާއި ދެކޮޅަށް ނުކުތުން އެއީ ފަސޭހަކަމަށް ވެގެން ނުދިއުން ކަމުގައި ގަބޫލު ކުރާން ޖެހެއެވެ. ސަބަބަކީ ސިޔާސީ އިސް މަގާމެއްގައި ދެމިހުންނަހާ ހިނދަކު އޭރަކު ހުންނަވާ ރައީސަކަށް އިޚްލާސްތެރިކަން ދެއްކުމުގެ މަޖުބޫރީ ހާލަތު އެބޭފުޅުންގެ މައްޗަށްވެސް ވަރަށްވެސް ބޮޑަށް އޮންނާނެތީ ކަމުގައިވެސް ގަބޫލުކުރާންވެސް ޖެހެއެވެ.
އެހެންނަމަވެސް، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް އިއުލާން ކުރެވި، ރައީސް ސާލިހާއި ނަޝީދާއި ދެބޭފުޅުން ރިޔާސީ ޕްރައިމަރީއަށް ނިކުންނެވުމާއެކު، ނަޝީދަށް ތާއީދު ކުރައްވައިގެން، ސަރުކާރުގެ އިސް މަގާމަތަކުގައި ތިއްބެވި ބައެއް ފަރާތްތަކުން މިވަނީ ތޮށިގަޑު ފަޅާލުމަށްފަހު، ނުކުންނަވާ ނަޝީދާއެކު ފާޅުގައި ކެމްޕޭން ކުރައްވަން ފައްޓަވާފައެވެ. އެހެންނަމަވެސް މީގެތެރެއިން ގިނަ ބޭފުޅުން، އަމަލާއި ބަހުން ރައީސް ސާލިހަށް އިޚުލާސްތެރިކަން ނެތްކަން ސާބިތު ކުރައްވަމުންވެސް، ރައީސް ސާލިހު ދެއްވި ސިޔާސީ ވަޒީފާއިން ފެޔަށް ޖެހިވަޑައިގެންފައި ނުވާކަންވެސް މިފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ.
ވަޒީފާގައި ބަގުޑި ބެއްދުމުގެ ސަގާފަތް!
ހިނގަމުންދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަކީ، ޕްރައިމަރީގެ ވާދަވެރިކަމަށްވުރެ ބޮޑަށް އެޕާޓީގެ އެންމެ އިސް ދެލީޑަރުންގެ މެދުގައި ހިނގަމުންދާ ސިޔާސީ ވާދަވެރިކަމެއްގެ ގޮތުގައި ސިފަކުރެވެމުން ދާއިރު، ސިޔާސީ އިސް ވަޒީފާތަކުގައި ޕާޓީގެ ގިނަބަޔަކު އަދިވެސް ވަކިކޮޅެއް އިޚްތިޔާރު ކޮށްފައި ނުވިނަމަވެސް، ރައީސް ސާލިހުގެ ވަޒީފާގައި ތިއްވެވި ބައެއް ބޭފުޅުން މިހާރުވަނީ ނަޝީދަށް ތާއީދު ކުރައްވާކަން ފާޅުކޮށް އެކަން އިއުލާން ކޮށްފައެވެ.
އޭގެ ތެރޭގައި ހިމެނޭ ބައެއް ބޭފުޅުންނަކީ، ރައީސް އޮފީހުގެ މިނިސްޓަރު ކަމުގެ މަގާމްގައި ހުންނެވި އެމްޑީޕީގެ ނާއިބުރައީސް މުހައްމަދު ޝިފާޒްއާއި، އެސްޓީއޯގެ އެމްޑީކަމަށް ރައީސް ސާލިހު އައްޔަން ކުރައްވާފައި ހުންނެވި ހުސެއިން އަމްރުއާއި، ޕޯސްޓް ލިމިޓެޑްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފަ ހުންނެވި އަހުމަދު އަދުހަމްގެ އިތުރުން އިނގިރޭސިވިލާތުގެ ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންއަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާހުންނަވާ ޑެޕިއުޓީ ހައިކޮމިޝަނަރ ނައުޝާދު ވަހީދާއި އޭގެ އިތުރުން ޓުއަރިޒަމް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރުކަމުގެ މަގާމަށް ރައީސް ސާލިހު ހަމަޖައްސަވާފައިވާ އަލީ ހާޝިމް (ސުމިތު)އެވެ.
ތެދު ފުޅެކެވެ. މިހާރު ކުރިޔަށް ދަނީ ޕާޓީގެ އެތެރޭގެ އިންތިޚާބެކެވެ. އަދި މި އިންތިޚާބުގައި ޕާޓީގެ މެމްބަރުންނަށް އެ މެމްބަރުކު ބޭނުންވާ ކޮޅެއް ނެގުމުގެ ހައްގު އެބައޮތްވެސް މެއެވެ.
އެހެންނަމަވެސް ގަބޫލުކުރާން ޖެހޭ އެއް ހަގީގަތަކީ، ކުރިޔަށްދާ ޕްރައިމަރީ ކެމްޕޭންވެސް ކުރިޔަށްދަނީ ޕާޓީގެ އެތެރޭގެ އިންތިޚާބަކަށްވުރެވެސް ފުޅާކޮށް، ރައިީސް ސާލިހުގެ ވެރިކަން ބަދަލު ކުރުމުގެ ވައުދުތަކާއެކީ ކަމެވެ. އަދި އެތެރޭގެ އިންތިޚާބުން ކޮންމެ ނަތީޖާއެއް ނިކުތްނަމަވެސް، ރައީސް ސާލިހުގެ ވެރިކަން ބަދަކުރުމަށް ދޫނުދީ މަސައްކަތް ކުރުމަށް ވައުދުވެ، ނަޝީދު ގެންދަވަނީ އެމަގުން ކެމްޕޭންވެސް ކުރައްވަމުންނެވެ.
އެހެންކަމުން ހުރިހާ ގޮތަކުން ބެލިނަމަވެސް، ހިގަމުންދާ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައި، ސަރުކާރުގެ އިސްމަގާމްތަކުގައި ތިއްބަވާ، މުވައްސަސާތަކުގެ ވެރީން ނަޝީދުގެ ކެމްޕޭނަށް ނިކުންނަވާނަމަ، އެބޭފުޅުން ތިއްބެވި މަގާމްތަކުން އިސްތިއުފާ ދެއްވާން ޖެހޭ ކަމުގައި ގަބޫލުކުރާން ޖެހެއެވެ.
އެއީ، އެންމެ ރިވެތި އުސޫލަކީ ރައިސުލްޖްމުހޫރިއްޔާ ދެއްވި ސިޔާސީ އިސް މަގާމެއްގައި ހުންނަވާ، ވަޒީފާ ދިންފަރާތުގެ ސިޔާސަތުތަކާއި ފިކުރު އެއްގޮތް ނުކުރެވޭނަމަ ތިއްބެވި ވަޒީފާތަކުން އިސްތިއުފާ ދެއްވުމަށްފަހު ކެމްޕޭނަށް ނިކުންނެވުން ކަމުގައި ވާތީއެވެ. އެއީ ހިނގަމުންދާ ކެމްޕޭންގައި ރައީސް ސާލިހަށް ތާއީދު ނުކުރެއްވޭތީ، ނަޝީދުގެ ކެމްޕޭނަށް އެއްބާރުލުން ދިނުމަށްޓަކާ، ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނައިބުގެ މަޤާމުގައި ހުންނެވި، ފުވައްމުލަކު ސިޓީގެ ކުރީގެ މޭޔަރު ފަލާހު ޝަރީފް އަމަލް ކުރެއްވި ރިވެތި އުސޫލުވެސްމެއެވެ.
އޭނާވަނީ ނަޝީދަށް ތާއީދު ކުރައްވާކަން ހާމަ ކުރައްވަމުން ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނައިބުކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.
އެހެންނަމަވެސް ފެންނަމުންދަނީ، ކުރިޔަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން، ޑިމޮކްރަސީއާއި ބީރައްޓެހި، ޒަމާނުއްސުރެވެސް ރާއްޖޭގައި ދެމި އޮންނަމުންދާ، މާމްތަކުގެ "ބަގުޑި ބެއްދުމުގެ" މިއާދަ މުޅިން އާ ގިންތިއަކަށް ދަތުރު ކޮށްފައިވާ ތަނެވެ.
One Response
ރައީސް ސާލިހަށް އަޅުގަނޑު ދަންނަވަންބޭނުންވަނީ ހަރާންކޯރުވާ ބައިގަޑުވަކިކޮށްލާ ތެދުވެރިން އައްޔަންކޮށް ގައުމާގެންކުރިއަށްދާން ރައްޔަތުންނައްލާބަޔާއިމަންފާވާގޮތަށް ގައުމު ހިންގެވުމައް ގޮވާލަން