ޖިންސީ ފުރައްސާރައިގެ 7 ތުހުމަތެއްގައި ކުރީގެ ޓުވަރިޒަމް މިނިސްޓަރ އަލީ ވަހީދުގެ މައްޗަށް ކޮށްފައިވާ ދައުވާތައް ފެނުމުން ވަރަށްބޮޑު ހައިރާންކަމެއް ލިބިފައިވާކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަރަށްބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުގައި ނަޝީދު ވަނީ އަލީ ވަހީދުގެ މައްޗަށް ވަރަށް ބޮޑެތި ދައުވާތަކެއް ކުރާތީ ނުރުހުން ފާޅުކުރައްވާ އެކި މީހުންނާ މެދު އެކި ގޮތަށް އަމަލުކުރާ ކަމަށް ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ. އަލީ ވަހީދުގެ މައްޗަށް ތުހުމަތު ކުރެވޭ ޖިންސީ ގޯނާގެ މައްސަލާގައި ހަތް ދައުވާއެއް ކުރަން ދާދިފަހުން ދައުލަތުން ވަނީ ކްރިމިނަލް ކޯޓަށް ފޮނުވައިފަ އެވެ. އެ މައްސަލައިގެ ތުހުމަތުގައި މިދިޔަ ޖުލައި މަހު އޭނާ ވަނީ މަގާމުން ވަކިކޮށްފައެވެ.
ނަޝީދު ވިދާޅުވީ އަލީ ވަހީދުގެ މައްޗަށް ވަރަށް ބޮޑު ދައުވާއެއް ކުރާތީ އެކަމާ އެމަނިކުފާނު ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށާއި އެކި މީހުންނާ މެދު އެކި ގޮތަށް އަމަލުކުރާ ކަމަށް ފެނިވަޑައިގަންނަވާ ކަމަށެވެ. އަދި ގދ. ތިނަދޫގައި ޖިންސީ ގޯނާކޮށް، އަންހެނަކު މަރާލި މީހެއްގެ މައްޗަށް ކުރީ ދެ ދައުވާ ކަމަށާއި އެފަދަ ކިތަންމެ ބަޔަކަށް އެއްވެސް ދައުވާއެއް ނުކޮށް ދޫކޮށްލާފައި އެބަހުރި ކަމަށް ވެސް ނަޝީދުގެ މެސެޖްގައިވެއެވެ.
"އަޅުގަނޑު އަލީ ވަހީދުގެ ބަޔާންތައް ބަލައިފިން. އަޅުގަނޑު މި ހުންނަނީ އަޖައިބުވެފައި،"
– ނަޝީދު ވިދާޅުވެފައިވެއެވެ.
އަލީ ވަހީދުގެ މައްޗަށް ހުށަހަޅާފައިވާ ދައުވާތައް:
1. ޤާނޫނު ނަންބަރު: 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ 16 ވަނަ މާއްދާގެ ދަށުން ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދަޢުވާ.
2. ޤާނޫނު ނަންބަރު: 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ 15 ވަނަ މާއްދާގެ ދަށުން ރޭޕްކުރަން އުޅުމުގެ ކުށުގެ ދަޢުވާ.
3. ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 132 ވަނަ މާއްދާގެ ދަށުން ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދަޢުވާ.
4. ޤާނޫނު ނަންބަރު: 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާ.
5. ޤާނޫނު ނަންބަރު: 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ 19 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދަޢުވާ.
6. ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 412 ވަނަ މާއްދާއާއި، އެ ޤާނޫނުގެ 81 ވަނަ މާއްދާގެ ދަށުން ހުއްދަނޫން ޖިންސީ މުޢާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ 2 ދަޢުވާ.
އެކި ދުވަސް މަތިން މުވައްޒަފުންނަށް އަލީ ވަހީދު ޖިންސީ ފުރައްސާރަކޮށްފައިވާ ކަމަށް ބައެއް މުވައްޒަފުން ވަނީ ބުނެފަ އެވެ. އެ މައްސަލަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހެޅުމުން އަލީ ވަހީދު ވަނީ މަގާމުން ވަކިކޮށްފަ އެވެ. އޭގެ ފަހުން އަލީ ވަހީދު ދިރިއުޅޭ ގެ ފާސްކޮށް އޭނާގެ ޕާސްޕޯޓް ވެސް ހިފަހައްޓާފައިވެ އެވެ. އަދި އޭގެ ފަހުން ފުލުހުންގެ ތަހުގީގަށް ޖުލައި މަހުގެ 19 ވަނަ ދުވަހު އަލީ ވަހީދު ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައެވެ.
އަލީ ވަހީދު ވިދާޅުވީ އޭނާގެ މައްޗަށް ކުރާ ތުހުމަތު ތަކުގައި އެއްވެސް އަސާސެއް ނެތް ކަމަށާ އެ ވާހަކަތައް ފެންމަތިކޮށް އޭނާ މަގާމުން ވަކި ކޮށްފައި ވަނީ ސިޔާސީ ނުފޫޒުން ކަމަށެވެ. އެހެން ނަމަވެސް އެކަން ކަމުގެ އަޑީގައި ތިބީ ކޮން ބައެއް ކަމެއް އޭނާ ވިދާޅެއް ނުވިއެވެ. ހަމައެކަނި ވިދާޅުވީ މި މައްސަލާގައި ހަނު ނުހުންނަވާނެ ކަމަށާ ކުރިމަތި ލައްވާނެ ކަމަށެވެ.
ކޮމެންޓު ފޮނުވާ