ޝާހުރުކް ހާންގެ އެންމެ ފަހުގެ ފިލްމް އަކީ 2018 ވަނަ އަހަރު ރިލީޒް ކުރި ފިލްމް "ޒީރޯ"އެވެ. މި ފިލްމް އިން ޝާހު އާއި އެކުގައި ފެނިގެން ދިއައީ އަނުޝްކާ ޝަރުމާ އާއި ކެޓްރީނާ ކައިފްއެވެ.
ނަމަވެސް އުންމީދު ކުރި ގޮތާއި ހިލާފަށް މި ފިލްމް ވެގެން ދިއައީ ބޮޑު ފްލޮޕް އަކަށެވެ. "ޒީރޯ" ބޮޑު ޒީރޯ އަކަށްވެ ޝާހުގެ ހިތް ކުދިކުދިވެ ބްރޭކެއް ނަގައި އޭނާ މިހާރު އަންނަނީ އެނބުރި އައުމަށް މަސައްކަތް ފަށައިފައިއެވެ.
ޒީރޯގައި ޝާހުގެ ހިތް ކުދިކުދި ވެފައި ހުއްޓައި ކޮވިޑްގެ ބަލިމަޑުކަން ޖެހި އިންޑަސްޓަރީ ބަންދު ކުރަން ޖެހި އަދި ހަމަ އެހެންމެ އޭނާގެ ދޮށީ ފިރިހެން ދަރިފުޅު އަރިޔަން ހާން ޑުރަގްގެ ތުހުމަތުގައި ޖަލަށްލުމާއި ގުޅިގެން އެބުރި ފިލްްމް ހަޔާތަށް އެނބުރި އައުމަށް 5 އަހަރެއްހައި ދުވަސް ވަނީ ހޭދަވެފައިއެވެ.
ކިތަންމެ ގިނަ ދުވަހަކު ފިލްމް ނުކުޅެ ހުރި ކަމުގައި ވީނަމަވެސް އޭނާގެ އާމްދަނިއަށް މާބޮޑު އަސަރެއް އޭގެން ކުރިހެން ހިޔެއް ނުވެއެވެ. ފޯބްސް މަޖައްލާއިން ނެރުނު ރިޕޯޓެއްގައިވާ ގޮތުން ޝާހް ރުޚް ޚާނަށް އަހަރަކު ޖުމްލަކޮށް 38 މިލިއން ޑޮލަރު (އިންޑިއާގެ 313 ކްރޯޑް ރުޕީސް) ލިބެއެވެ. ޝާހުގެ ފިލްމެއް ރިލީޒް ނުކުރި ނަމަވެސް އަދިވެސް އޭނާ އޮތީ ދުނިޔޭގެ އެންމެ މުއްސަނދި އެކްޓަރުންގެ ލިސްޓްގައި އޭނާގެ ނަން ފާވަލާފައި އޮތީ ހަތުވަނައިގައިއެވެ.
ޝާހް ރުޚް ޚާނަކީ ހަމައެކަނި އިންޑިއާގައި މަޝްހޫރު ތަރިއެއް ނޫނެވެ. ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި އޭނާ ދެކެ ލޯބިވާ އޭނާއަށް ތަރުހީބުދޭ މީހުން އުޅެއެވެ. އޭނާއަށް އާމުދަނީ ލިބެނީ ހަމައެކަނި ފިލްމު ކުޅެގެނެއް ނޫނެވެ. އެކިއެކި އިޝްތިހާރުތަކުންނާއި ބައްދަލުވުންތަކުންނާއި ބާއްވާ ޝޯތަކުން ވެސް އޭނާއަށް ގިނަ އަދަދަކަށް ލާރި ލިބެއެވެ. އެހެންވެ ފިލްމް އެއް އަދި ނުކުޅުން ކަމުގައިވިޔަސް އޭނާ އަށް ލިބޭ އާމްދަނީ މަދެއް ނުވެއެވެ.
"ވޯލްޑް އޮފް ސްޓެޓިސްޓިކްސް"އިން އާންމުކޮށްފައިވާ ދުނިޔޭގެ އެންމެ މުއްސަނދި އެކްޓަރުންގެ ލިސްޓުގައިވާ ގޮތުން ޝާހް ރުޚް ޚާން އަކީ 770 މިލިއަން ޑޮލަރު ނުވަތަ 6،306 ކްރޯޑް ރުޕީސްގެ މުއްސަނދިކަން ލިބިފައިވާ ހަމައެކަނި އިންޑިއާ އެކްޓަރެވެ.