އެމެރިކާގެ އިންތިޚާބީ ރައީސް ޖޯ ބައިޑްގެ ކެބިނެޓްގެ މުހިންމު ބައެއްމަގާމްތަކަށް އައްޔަން ކުރައްވާނެ ބޭފުޅުންގެ ނަންތައް މިހަފްތާގައި އިއުލާން ކުރެއްވުމަށްފަހު މިހާރު ގެންދަވަނީ ކެބިނެޓްގެ އިތުރު މަގާމްތަކަށް އައްޔަން ކުރައްވާނެ ނަންތަކާ ގުޅޭގޮތުން އަރިސް މުޝީރުންނާ މަޝްވަރާ ކުރައްވަމުންނެވެ. މީގެއިތުރުން ބައިޑްން ގެންދަވަނީ އޭނާގެ ދައުރުގައި ވައިޓްހައުސްގެ އިސް މަގާމްތަކުގައި މަސައްކަތް ކުރައްވާނެ ބޭފުޅުންވެސް މިހާރު ހަމަޖައްސަވަމުންނެވެ.
އިންތިޚާބުގެ ނަތީޖާ ގަބޫލުނުކޮށް، ވެރިކަމުގައި ދެމިހުންނެވުމަށް ޓްރަމްޕް ކުރައްވަމުން ގެންދެވި މަސައްކަތްތައް ފަޑުވަމުން ދާއިރު، އެމެރިކާގެ ރައްޔިތުންނަށް މިހާރުވަނީ، ބައިޑްންގެ ވެރިކަމުގައި އެމެރިކާއިން ގެންގުޅޭނެ ސިޔާސަތުތަކާއި އަދި ބައިޑްންގެ ޓީމުގެ ކުރީސަފު އަތުރާލާނެ ގޮތުގެ ހަގީގީ ތަސައްވުރެއް ފެންނާން ފަށާފައެވެ.
ތިރީގައި މިގެނެސްދިނީ، ބައިޑްން އެންމެ ފުރަތަމަ އއިއުލާން ކުރެއްވި ކެބިނެޓްގެ މަގާމްތަކުން ފާހަގަވާން ހުރި މުހިންމު ކަންކަމެވެ.
ތަޖުރިބާ ހުރި، މަޝްހޫރު ނޫން ނަންތަކެއް
ބައިޑްން އެންމެ ފުރަތަމަ އިއުލާން ކުރެއްވި ކެބިނެޓްގެ މަގާމްތަކުގެ ތެރޭގައި އެމެރިކާގެ ކެބިނެޓްގައި ހިމެނޭ ޕޯޓްފޯލިއޯތަކުގެ ތެރެއިން އެންމެ މުހިންމު އަދި އެންމެ ބާރުގަދަ މަގާމްތަކާއި އަދި މިނޫނަސް ސަރުކާރުގެ މުހިންމު ބައެއް މަގާމްތައް ހިމެނެއެވެ. މީގެތެރޭގައި ސެކެޓްރީ އޮފް ސްޓޭޓްގެ މަގާމާއި، ޓެރްޒަރީ ސެކެޓްރީގެ މަގާމުގެ އިތުރުން އެމެރިކާގެ ޖާސޫސީ އިދާރާ ބަލަހައްޓަވާނެ ބޭފުޅެއްގެ ނަންވެސް ހިމެނެއެވެ.
މިގޮތުން އެންމެ ފުރަތަމަ ބައިޑްން އިއުލާން ކުރެއްވި ނަންތަކަށް ބަލާއިރު ފާހަގަ ވާން އޮތް ކަމަކީ އިއުލާން ކުރެއްވި ގިނަ ނަންތަކަކީ އެމެރިކާގެ ސިޔާސީ މަސްރަހުގައި އެހާމެ މަޝްހޫރު ނޫން ނަންތަކެއް ކަމެވެ. އެހެންނަމަވެސް، މިއިން ކޮންމެ ބޭފުޅަކީވެސް މަސައްކަތުގެ ދާއިރާގައި ނުހަނު ތަޖުރިބާހުރި ބޭފުޅުންކަން ފާހަގަ ކޮށްލެވެއެވެ.
އެހެންކަމުން، ބައިޑްންގެ ޝައުގުވެރިކަން ހުރީ، މަޝްހޫރު ނަންތަކާއިގެން ކުރިޔަށް ވަޑައިގަތުމުގެ ބަދަލުގައި ޖަތުރިބާއާއި ގާބިލްކަމަށް ބައްލަވައިގެން ކުރިޔަށް ވަޑައިގަތުމަށް ކަމަށް ބެލެވެއެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން އޮތް ދުވަހު ވަނީ ކޮންގްރެސްއާއި ސެނެޓަށްވެސް މެމްބަރުން ހޮވުމަށް އިންތިޚާބު ބާއްވާފައެވެ. މިއިންތިޚާބުތަކުގައި ޑިމޮކްރަޓިކް ޕާޓީއަށް އެންމެ ހިންހަމަ ޖެހޭވަރުގެ ކާމީތަކެއް ލިބިގެން ގޮސްފައެއް ނުވެއެވެ. އެހެންކަމުން، ކޮންގްރެސްއަށާއި އަދި ސެނެޓަށް ހޮވިވަޑައިގެން ތިއްބެވި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން، އެމަގާމްތައް ދޫކޮށް ކެބިނެޓްގެ މަގާމަކަށް އައުމުގެ މާބޮޑު ޝައުގުވެރިކަމެއް ޕާޓީގެ ތެރޭގައި ފާޅު ކުރަމުން ނުދާކަމަށް ވެއެވެ. އަދި ޕާޓީންވެސް، މިއިން ގޮޑިއެއްގެ އިންތިޚާބު އަލުން ބާއްވަންޖެހި، ގޮޑިއެއް ގެއްލި ދިއުމުގެ ރިސްކު ނަގަން ބޭނުމެއް ނުވެއެވެ.
މީގެ އިތުރުން، މީގެ 4 އަހަރު ކުރިން ޓްރަމްޕް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު، ޓްރަމްޕްގެ ސަރުކާރުގެ މަގާމްތަކަށް އޭރުގެ ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެމްބަރުން ވަޑައިގެންނެވުމަށްފަހު ބޭއްވުނު ޚާއްސަ އިންތިޚާބުތަކުގެ ނަތީޖާއެއްގެ ގޮތުން އުފެދުނު ފަދަ ވާދަވެރިކަމެއް ޑިމޮކްރަޓިކް ޕާޓީގެ ތެރޭގައި އުފެދިގެން ދިއުމަށް ޚުދު ބައިޑްންވެސް ބޭނުންފުޅު ވެވަޑައި ނުގަންނަވާ ކަމަށް ވެއެވެ. ސަބަބަކީ، ވެރިކަމަށް ވަޑައިގަތުމަށްފަހު ބައިޑްން އެންމެ ބޮޑު އިސްކަމެއް ދެއްވާނެ އެއްކަމަކަށް ވެގެންދާނީ ކަންކަން އާދައިގެ ހާލަތަކަށް ގެންނަވާ، އަދި ބައިބައިވުން ކުޑަ ސިޔާސަތުތަކެއް ތަންފީޒު ކުރެއްވުންކަމަށް ވާތީއެވެ.
ބައިޑްން ވައިޓްހައުސްގެ އިސްމަގާމްތަކަށް އައްޔަން ކޮށްފައިވާ ބޭފުޅުންނަށް ބަލާއިރު، ގިނަ ބޭފުޅުންނަކީ މަގާމްތަކުގެ ޒިންމާތައް އަދާކުރުމުގައި މާބޮޑު އިތުރުު ތަމްރީންތަކެއް ބޭނުންވާނެ ބޭފުޅުންނެއް ނޫނެވެ. ހަމަ އެގޮތަށް، ގިނަ މަގާމްތައް ހިމެނޭ ސްޓޭޓް ޑިޕާޓްމަންޓާއި އަދި ހޯމްލޭންޑް ސެކިއުރިޓީ ގަމާމަށް އައްޔަންކުރެއްވި ދެބޭފުޅުންނަކީވެސް މާބޮޑެތި ތަޖުރިބާތަކެއް މިމަގާމްތައް ފުރުއްވުމަށްޓަކާ އިތުރަށް ބޭނުންވާނެ ބޭފުޅުންނެއް ނޫންކަންވެސް ފާހަގަ ކޮށްލަން ޖެހެއެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ވެރިޔަކަށް ބައިޑްން އައްޔަން ކުރެއްވި އެންތަނީ ބިލްކަން އާއި ހޯމްލޭން ސެކިއުރިޓީގެ މަގާމަށް އައްޔަން ކުރެއްވި އަލްޖެންޑްރޯ މަޔޯކާސްއާއި ދެބޭފުޅުންނަކީވެސް، އެ ދެޑިޕާމަންޓުގައި ކުރިން މަސައްކަތް ކުރެއްވި، މަސައްކަތުގެ އަމަލީ ތަޖުރީބަ ލިބިވަޑައިގެން ތިއްބެވި ދެބޭފުޅުންނެވެ.

އެންމެ އިސްކަން ދެއްވީ ގިނަ ގިންތިތަކުން ކެބިނެޓް ފަޅު ފިލިއްވުމަށް
ބައިޑްންގެ މުޅި ސަރުކާރަށް ބަލާއިރުވެސް، އެއްކަމަކުން ބައިޑްންގެ ސަރުކާރު ތާރީޚުގެ ތެރެއަށް ވަދެގެން ދެއެވެ.
އެމެރިކާގެ އެންމެ ފުރަތަމަ އަންހެން ނާއިބު ރައީސަކީ ބައިންޑްނެ ނާއިބު ރައީސް ކާމަލާ ހެރިސްއެވެ. އެމެރިކާގެ ތާރީޚުގައި ޓްރަޒަރީ ޑިޕާޓްމަންޓަށް އެންމެ ފުރަމަ އަންހެން ބޭފުޅަކު އައްޔަން ކުރެއްވީ ބައިޑްއެވެ. އެމެރިކާގެ ތާރީޚުގައި އެގައުމުގެ ޖާސޫސީ އިދާރާގެ އެންމެ އިސްވެރިޔަކަށް އަންހެން ބޭފުޅަކު އެންމެ ފުރަތަމަ އައްޔަން ކުރެއްވީ ބައިޑްންއެވެ. އަދި އެމެރިކާގެ ތާރީޚުގައި ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީގެ އެންމެ އިސްބޭފުޅަކަށް ލެޓިނޯ ނަސްލުގެ އަދި އިމިގްރެންޓެއް (އެމެރިކާއަށް ހިޖުރަ ކޮށްގެން އެގައުމުގައި ވަޒަންވެރި ވެފައިވާ މީހެއް) އެންމެ ފުރަތަމަ އައްޔަން ކުރެއްވީވެސް ބައިޑްންއެވެ.
ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިރިޓީގެ މަގާމަށް އައްޔަން ކުރެއްވި މަޔޯކަސްއަކީ ކިއުބާއަށް އުފަން ބޭފުޅެކެވެ. އޭނާވަނީ އެ ޑިޕާާޓްމަންޓުގެ ކުރީގެ ސެކެޓްރީއެއްގެ މަގާމް އަދާކޮށްފައެވެ. އޭނާގެ އެންމެ މުހިންމު ޒިންމާއަކަށް ވެގެންދާނީ، އިމިގްރޭޝަނާއި ގުޅުހުންހުރި ކަންކަމުގައި ޓްރަމްޕް ގެންގުޅުއްވި ހަރުކަށި ސިޔާސަތުތައް ބަދަލުކޮށް އެ އޭޖެންސީ ނަގާ ކޮޅަށް ޖެހުމުގެ ބުރަ މަސައްކަތެވެ.

ޑިރެކްޓަރ އޮފް އިންޓެލިޖެންސްގެ މަގާމަށް އައްޔަން ކުރައްވާނެ ކަމަށް އިއުލާން ކުރެއްވި އަވްރިލް ހެއިންސް އަށް އެގައުމުގެ ސެނެޓުން ރުހުން ދީފިނަމަ، އެމަގާމް އަދާކުރާނެ އެންމެ ފުތަމަ އަންހެން ބޭފުޅާގެ ގޮތުގައި އޭނާ އެމެރިކާގެ ތާރީޚުގެ ތެރެއަށް ވަދެގެންދާއިރު، ހެއިްންސް މީގެ ކުރިން ވަނީ ސީއައިއޭގެ އިސް އޮފިޝަލެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ. އަދި ވަނީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒްރުގެ ނާއިބެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވާފައެވެ.

ޓެރަޒަރީ ސެކެޓްރީ ކަމަށް ހަމަޖެއްވުމަށް ނިންމަވާފައި ޖެނެޓް ޔެލެން މިމަގާމަށް އައްޔަން ކުރެވިގެން ހިގައްޖެ ނަމަ، އެންމެ މަތީ ހަރުފަތާ ހަމައަށް ވަޑައިގެންނެވި އަންހެން ބޭފުޅާގެ ގޮތުގައި ޔެލެން ދެވަނަ ފަހަރަށް ރެކޯޑް ހައްދަވާނެއެވެ. ޔެލެން އަކީ އެމެރިކާގެ ފެޑެރަލް ރިޒާވްގެ ޗެއަރމަންކަން ކުރެއްވި ފުރަތަމަ އަންހެން ބޭފުޅާވެސްމެއެވެ. ޓެރަޒަރީ ސެކެޓްރީ ކަމަށް ވަޑައިގެންނެވުމާއެކު އެމަގާމްވެސް އަދާކުރައްވާނެ ފުރަތަމަ އަންހެން ބޭފުޅާއަށް ވެވަޑައިގަންނަވާނެއެވެ.

ކެމްޕެއިންގައި ބައިޑް ވަދުވެވަޑައިގެންފައިވަނީ އޭނާގެ ކެބިނެޓުން "އަސްލު އެމެރިކާ" ރަމްޒު ވެގެންދާނެ ކަމުގައެވެ. މިއަދު މިމަންޒަރު ބައިޑްގެ ނިންމެވުންތަކުން ރަމްޒުވަމުންދާ ކަމުގައި ދެންނެވިދާނެއެވެ.
ބައިޑްގެ ހަމަޖައްސަވަމުން ގެންދަވާ ސިޔާސީ މަގާމްތަކުން އެމެރިކާގެ ހުރިހާ ނަސްލަކާއި ކުލަތަކެއް ދަނީ ފެންނަމުންނެވެ. އަދި މިހާތަަށް ހަމަޖައްވާފައިވާ އެންމެ އިސް މަގާމްތަކުގެ ތެރޭގައި ފިރިހެން ބޭފުޅުންނަށްވުރެ ގިނައީ އަންހެން ބޭފުޅުންނެވެ.
ހަޖައްސަވާފައި ގިނަ މަގާމްތަކަށް ވަޑައިގަންނަވަނީ "ޓްރަމްޕިޒަމް" އާއި ވަރަށް ދެކޮޅު ބޭފުޅުން
ބައިޑްންގެ ތިމާވެއްޓާބެހޭ ޚާއްސަ މުޝީރެއްގެ މަގާމަށް ކުރީގެ ސެކެޓްރީ އޮފް ސްޓޭޓް ޖޯން ކެރީ ހަމަޖައްސަވާ، އަދި އެމަގާމަށް ގައުމީ ސަލާމަތާބެހޭ ކައުންސިލުން ގޮޑިއެއް ހަމަޖެއްސެވުމުން ދޭހަ ކޮށްދެނީ، ޓްރަމްޕްގެ ދައުރުގައި ގެންގުޅުއްވި ތިމާވެއްޓާބެހޭ ސިޔާސަތަށް އަންނާނެ ބޮޑެތި ބަދަލުތަކެވެ. އަދި ދުނިޔޭގެ ތިމާވެއްޓަށް އަންނަ ބަދަލުތަކަކީ ޚިޔާލީ ފޮލާއެއްފަދަ ވާހަކަތަކެއްގެ ގޮތުގައި ސިފަކުރަމުން ގެންދަވާ އަދި ޕެރިސް ކްލައިމެޓް އެކޯޑުން އެމެރިކާ ބޭރުވުމަށް ނިންމެވި، ޓްރަމްޕްގެ ތިމާވެށީގެ ސިޔާސަތުތަކާއި ބައިޑްން ދެކޮޅަށް ހުންނެވި މިންވަރު ވަރަށް ރަގަޅަށް މިނިންމެވުމުން ދޭހަ ކޮށްދެއެވެ.
ޖޯން ކެރީއަކީ، މަޝްހޫރު ޕެރިސް ކްލައިމެޓް އެއްބަސްވުން ހަގީގަތަކަށް ހެދުމަށް އެންމެ މުހިންމު ދައުރެއް އަދާކުރެއްވި ފަރާތެވެ. ވެރިކަމަށް ވަޑައިގަތުމަށްފަހު ޓްރަމްޕް ވަނީ މިއެއްބަސްވުމުން ވަކިވެވަޑައިގެންފައެވެ. އެހެންނަމަވެސް އެމެރިކާ އަލުން މިއެއްބަސްވުމާއި ގުޅުމަކީ ބައިޑްންގެ ރިޔާސީ މުހިންމު ވައުދެކެވެ. ކެރީ އަކީ، ރިޔާސީ ޕްރައިމަރީއަށްފަހު، ތިމާވެއްޓަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން ބައިޑްން އުފެއްދެވި "ޔުނުޓީ ޓާސްކް ފޯސް"ގެ ކޯ ޗެއަރ އެއްގެ މަގާމްވެސް ބާނީ ސޭންޑާރސްއާއި އެކު އަދާކުރެވި ފަރާތެވެ.

ކެބިނެޓަށް ތަޖުރިބާ ކާރުބޭފުޅުން އައްޔަންކުރުމަކީވެސް އޭގެ ޒާތުގައި ޓްރަމްޕްގެ ދައުރުގައި ގެންގުޅެމުން އައި ސިޔާސަތުތަކަށް އަންނަ ބޮޑެތި ބަދަލުތަކެއްގެ ގޮތުގައި ގިނަބަޔަކު ފާހަގަ ކުރެއެވެ. ޓްރަމްޕްގެ މުޅި ދައުރުގައިވެސް މަގާމްތަކަށް އައްޔަން ކުރައްވާފައިވަނީ އޭނާގެ ކެމްޕޭނަށް ޚަރަދު ކޮށްދެއްވި ބޭފުޅުންނާއި، ކަނާތުފިޔައިގެ ވިސްނުމުގެ ބޭފުޅުންނާއި އަދި މީގެއިތުރުން ޖަތުރިބާއެއް ނެތް ގާތް ބޭފުޅުންނެވެ.
ޓްރަމްޕްވަނީ އޭނާގެ ދައުރުގެ ތެރޭގައި، ސްޓޭޓް ޑިޕާޓަމްންޓުގެ ސްޕޯކް ޕާސަނެއްގެ މަގާމް އަދާކުރެއްވި، ފޮކްސް ނިއުސްގައި ކުރިން ޚަބަރު ކިޔަން އުޅުއްވި ހެދާ ނައުއާޓަށް އެމެރިކާއިން ޔޫއެންއަށް ކަޑައަޅާ ސަފީރުކަމުގެ މަގާމް ދެއްވާފައެވެ. އެހެންނަމަވެސް، މިމަގާމަށް އައްޔަން ކުރައްވާނެކަމަށް ބައިޑްން ހޯމަ ދުވަހު އިއުލާން ކުރައްވާފައިވަނީ، އެމެރިކާގެ ތަޖުރިބާކާރު ކުރީގެ ޑިޕްލޮމެޓެކެވެ. ބައިޑްން މިމަގާމަށް އައްޔަން ކުރައްވަން ހަމަޖައްސަވާފައިވާ ލިންޑާ ތޯމަސް އެންމެ ފަހުން މަސައްކަތް ކުރައްވާފައިވަނީ، އެފްރިކަން އެފެއާޒް ބިއުރޯގެ އެސިސްޓަންޓް ސެކެޓްރީގެ މަގާމުގައެވެ.

ނިންމެވުންތައް ނިންމަވަމުން ގެންދަވަނީ ވަގުތުން ވަގުތައް
ބައިޑްއަކީ ނިންމެވުންތައް ނިންމެވުމުގައި ވަރަށް ރަގަޅަށް ބައްލަވާ، އަދި ލަސް ބޭފުޅެއްގެ ގޮތުގައި ގިނަބަޔަކު ސިފަ ކުރާ ބޭފުޅެކެވެ. އެހެންނަމަވެސް، ސަރުކާރު އެކުލަވާލުން އަވަސްކުރަން ޖެހިފައިވަނީ، އިންތިޚާބުގެ ހަގީގަތް އޮޅުވާލާ، މުޅި އިންތިޚާބާ ގުޅޭގޮތުން ޓްރަމްޕް ދައްކަވަމުން ގެންދަވާ ތަސައްވުރު ބަދަލުކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާތީކަމަށް ރިޕޯޓުތައް ބުނެއެވެ.
ބައިޑްން ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފުގެ މަގާމަށް ރޮން ކްލެއިން ހަމަޖައްސަވާނެ ކަން އިއުލާން ކުރެއްވިތާ ދެހަފްތާއެއްހާ ދުވަސް ފާއިތުވެގެން ގޮސްފައިވާއިރު، މިހާތަނަށް އައިއިރު ވައިޓް ހައުސްގެ ވެސްޓް ވިންގގައި މަސައްކަތް ކުރައްވާނެ ސީނައަރ ގިނަ މުވައްޒަފުންވަނީ ހަމަޖައްސަވާ ނިންމަވާފައެވެ.
އަދި ހޯމަދުވަހު ކެބިނެޓްގެ ގިނަ މަގާމްތަކަށް އައްޔަން ކުރައްވާނެ ގިނަ ނަންތަކެއް އިއުލާން ކުރެއްވުމާ ހަމައިން، ބައިޑްންގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތާއި އަދި ގައުމީ ސަލާމަތުގެ ދާއިރާ މިހާރު މިވަނީ ފުރިހަަމަވެ ނިމިފައެވެ.
ރިޔާސީ ކެމްޕޭންގެ ކުރިންވެސް، ބައިންޑްގެ ސިޔާސަތުތައް ބައްޓަން ކުރައްވަމުން ގެންދަވާ ދުވެލީގެ ބާރުމިނުން އެމެރިކާގެ ރައްޔިތުންނަށްވެސް އަދި މަންޒަރަށް ބަލަހައްޓައިގެން ތިއްބެވި ދުނިޔޭގެ ގައުމުތަކުގެ ވެރިންނަށްވެސް ބައިޑް ފޯރުކޮށްދޭ މެސެޖަކީ މިއީއެވެ. އަންނަ ސަރުކާރު އޮތީ ފުރަތަމަ ދުވަހުންފެށިގެންވެސް، ދުއްވައިގަންނަން ތައްޔާރަށް ކަމެވެ.