ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާނީ އަދާލަތު ޕާޓީ ހިމެނޭ ކޯލިޝަކުން: އިމްރާން

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާނީ އަދާލަތު ޕާޓީ ހިމެނޭ ކޯލިޝަކުން: އިމްރާން

Author
މުޙައްމަދު ޝަޒައިމް
15 ޖެނުއަރީ 2023 04:43
0

ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާނީވެސް މިހާރުވެސް ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީ ހިމެނޭ ކޯލިޝަނަކުން ކަމުގައި އެޕާޓީގެ ރައީސް އިމްރާން ވިދާޅުވެއްޖެއެވެ.

ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އަދާލަޕާޓީގެ ސްލޮޓްގައި ހޯމް މިނިސްޓަރުގެ މަޤާމުވެސް ފުރުއްވާ އިމްރާން މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބު މިއަހަރުގެ ސެޕްޓެމްބަރު މަހު 9 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ނިންމުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.

އަދާލަތު ޕާޓީގެ ރައީސް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުވެސް ކާމިޔާބު ކުރާނީ އެޕާޓީ ހިމެނޭ ކޯލިޝަކުން ކަމަށެވެ. އިމްރާން މިހެން ވިދާޅުވިއިރު 2018 ވަނަ އަހަރުގެ އިންތިޚާބު މިހާރު ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން ކާމިޔާބު ކޮށްފައިވަނީ އަދާލަތު ޕާޓީއާއި ޖޭޕީއާއި އެމްއާރުއެމްގެ އެހީގައެވެ. އަދި އެޕާޓީތަކާއިއެކު އެކުލަވާލި ވެރިކަން ރައީސް ޞާލިހު ގެންދަވަނީ ދަމަހައްޓަވަމުންނެވެ.

މާތް ރަސްކަލާންގެ އިރާދަ ކުރެއްވިއްޔާ މި އިންޚާބުވެސް ކާމިޔާބު ކުރާނީ އަދާލު ޕާޓީ ހިމެނޭ ކޯލިޝަނަކުން.

– އަދާލަތު ޕާޓީގެ ރައީސް އިމްރާން ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.

ރާއްޖޭގެ ސިޔާސީ ތާރީޚުގައި އެއްވެސް ކޯލިޝަނެއް ސަރުކާރު ނިމުމާއި ހަމައަށް ދެމިގެން ގޮސްފައެއްނުވެއެވެ. ނަމަވެސް މި ސަރުކާރަކީ މިހާ ދިގުމުއްދަތަކަށް ކޯލިޝަން ދެމި އޮތް ހަމައެކަނި ވެރިކަމެވެ.

ކޯލިޝަންގެ ބައިވެރިންގެ ތެރޭގައި އެކިކަހަލަ ރައްދުތައް ދެއްވައި ބަހުގެ ހަމަލާ ބަދަކުރެއްވި ނަމަވެސް ރައީސް ޞާލިހު މިކަންކަން ހައްލުކުރައްވައި އެއްބައެއްގެ ގޮތުގައި ކޯލިޝަން ދެމެހެއްޓުމަށް ކުރައްވާ މަސައްކަތާއި، ގެންގުޅުއްވާ ވިސްނުންފުޅަކީ އެމަނިކުފާނުގެ ކެތްތެރިކަމާއި، ދުރުވިސްނުންފުޅުގެ މިސާލެއްގެ ގޮތުގައި ކޯލިޝަންގެ ލީޑަރުންވެސް ދެކެވަޑައިގަންނަވައެވެ.

ކުރިއަށް އޮތް އިންތިޚާބުގައިވެސް ރައީސް ޞާލިހުގެ ވިސްނުން ފުޅަކީ މިހާރު އޮތް ކޯލިޝަނަކާއިއެކު އެއްބައިވަންތަ ސަރުކާރެއް ޤާއިމް ކުރުމެވެ. ކެތްތެރިކަމާއި، ހިކުމަތްތެރިކަމާއެކު ކޯލިޝަންގެ ވެރިކަމެއް ދަމަހައްޓައި، އެޔަގީންކަން އޮތް ހަމައެކަނި ލީޑަރަކީ ރައީސް ޞާލިހުކަން އެމަނިކުފާނު ވަނީ ސިޔާސީ ލީޑަރުންނަސް ކަށަވަރު ކޮށްދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.