އިންތިޚާބަށް އެތެރެއިންވެސް ބޭރުންވެސް އެއްވެސް ނުފޫޒެއް ނުފޯރުވޭނެ: އިލެކްޝަންސް

އިންތިޚާބަށް އެތެރެއިންވެސް ބޭރުންވެސް އެއްވެސް ނުފޫޒެއް ނުފޯރުވޭނެ: އިލެކްޝަންސް

Author
މުޙައްމަދު ޝަޒައިމް
15 ޖެނުއަރީ 2023 01:22
0

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބަށް ރާޢްޖެއިންވެސް އަދި ރާއްޖެއިން ބޭރުންވެސް އެއްވެސް ނުފޫޒެއް ނުފޯރުވޭނެކަމުގައި އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބު ބާއްވާނެ ތާރީހެއް އިއުލާން ކުރުމަށާއި، އިންތިޚާބުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ރާވާފައިވަ ގޮތުގެ މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވިދާޅުވީ މިއިންތިޚަބަކީ ރައްޔިތުންގެ އިތުބާރު ލިބޭނެ ގޮތަކަށް، މިނިވަންކަމަށާއި، އިންސާފުވެރިކަމާއިއެކު ކުރިއަށް ގެންދެވޭނެ އިންތިޚާބެއްކަމަށެވެ.

އިންތިޚާބަށް އިންޑިއާގެ ނުފޫޒު ވަދެފާނެތޯއާއި، އަދި އިންޑިއާގެ ކޮންސަލްޓަންޓުން ގެންގުޅޭކަމަށް ބުނެ ކުރެވުނު ސުވާލުގެ ޖަވާބުގައި ފުއާދު ވިދާޅުވީ މިއިންތިޚާބުގެ ހުރިހާ ކަމެއް ބަލަހައްޓާނީ ދިވެހިންކަމަށެެވެ. މިއިންތިޚާބުގައި ބޭރުގެ އެއްވެސް ޤައުމެއްގެ މީހެއް އަދި އެއްވެސް ޤައުމެއްނެ ނުފޫޒެއް ނުފޯރުވޭނެކަމަށެވެ. ފުއާދު ވިދާޅުވީ އިންތިހާބުގެ ކަންކަން ކުރިއަށް ދާނީ އިންސާފުވެރިކަމާ އެކުގައި ކަމަށެވެ. އަދި އިންތިހާބުގެ ކަންކަމުގައި ބިދޭސީން ބައިވެރިކޮށްގެން ކުރިއަށް ގެންދިއުމުގެ ވިސްނުމެއް އެ ކޮމިޝަނުން ނުގެންގުޅޭނެ ކަމަށް ވެސް ފުއާދު ވިދާޅުވިއެވެ.

ފުއާދު ވިދާޅުވި ގޮތުގައި އިލެކްޝަންސް ކޮމިޝަނުން ސަރުކާރުގެ ފަޅިއަށް ވެސް ސަރުކާރާ ވާދަވެރި ފަޅިއަކަށް ވެސް ނުޖެހޭނެއެވެ. ހުރިހާ ފަރާތްތަކާ ވެސް ގެންގުޅޭނީ ހަމަހަމަ އުސޫލެއް ކަމަށް ފުއާދު ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބަށް ވަމުން އަންނަ ތައްޔާރީތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް އިލެކްޝަންސް ކޮމިޝަނުން ކުރިއަށްގެންދާ ޕްރެސްކޮންފަރެންސްގައި އެ ކޮމިޝަނުގެ ރައީސް ފުއާދު ތަޢުފީޤް ވިދާޅުވީ، ރިޔާސީ އިންތިޚާބު ސެޕްޓެމްބަރު 9ގައި ބޭއްވުމަށްފަހު، ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެނަމަ ވޯޓުލުން އޮންނާނީ ސެޕްޓެމްބަރު 30ގައިކަމަށެވެ.

ފުއާދު ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި ކެނޑިޑޭޓުންގެ ގޮތުގައި ވާދަކުރުމަށް 23 ޖުލައިން 3 އޯގަސްޓުގެ ނިޔަލަށް ހުޅުވާލާނެކަމަށެވެ. އަދި ކެނޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް 9 އޯގަސްޓްގައި އިއުލާންކުރައްވާނެކަމަށާއި، ކެންޑިޑޭޓުން ކެމްޕެއިން ކުރުމަށް 10 އޯގަސްޓުން ފެށިގެން 8 ސެޕްޓެމްބަރާއި ހަމައަށް ފުރުޞަތު އޮންނާނެކަމަށް ފުއާދު ވިދާޅުވިއެވެ.

ފުއާދު ވިދާޅުވީ، އިންތިޚާބުގެ ވަގުތީ ނަތީޖާ ވޯޓުގެ ނަތީޖާ ޝީޓު ލިބޭ މިންވަރަކުން އިއުލާންކުރަމުން ދާނެކަމަށެވެ. އަދި ފުރަތަމަ ބުރުގެ ރަސްމީ ނަތީޖާ އިންތިޚާބު ބާއްވާތާ 7 ދުވަހުގެ ތެރޭގައި އިއުލާންކުރާނެކަމަށް ފުއަދު ވިދާޅުވިއެވެ. މީގެ އިތުރުން ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެނަމަ 30 ސެޕްޓެމްބަރުގައި ބާއްވަންވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ އިއުލާންކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.