ކޮޅުމަޑުލުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން، ތިމަރަފުށީ ދާއިރާގެ މެމްބަރު އަބުދުﷲ ރިޔާޒު ކޮންމެ އަހަރަކުވެސް އިންތިޒާމުކޮށް ބާއްވާ އެމްޕީ ކަޕް 2023 ފަށައިފިއެވެ.
ޗެމްޕިއަން ޓީމަށް 100،000 ރުފިޔާ އަދި ރަނަރއަޕް ޓީމަކަށް 50،000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައިވާ މިމުބާރާތް މިއަހަރު ތިމަރަފުށީގައި ބައްވާއިރު މިއަހަރުގެ މުބާރާތުގައި 5 ޓީމަކުން ބައިވެރި ވެފައި ވެއެވެ. އެއީ ތިމަރަފުށި ސްޕޯޓްސް ކްލަބާއި، ޓީމް ކިނބިދޫއާއި، ޓީމް ހިރިލަންދޫއާއި، ޓީމް ކަނޑޫދޫއާއި، ޓީމް ވަންދޫއެވެ.
ޖުމްލަ 13 މެޗް ކުޅުމަށް ހަމަޖެހިފައިވާ މިމުބާރާތް ކުރިޔަށް ދާނީ ޖެނުއަރީމަހުގެ 13 އިން 27 އަށެވެ.
މުބާރާތް އިންތިޒާމްކުރާ ފަރާތުން މައުލޫމާތު ދީފައިވާ ގޮތުގައި، ތިމަރަފުށި ދާއިރާއަށް ހުޅުވާލައިގެން ބާއްވާ މިއަހަރުގެ މުބާރާތް މި ބޭއްވެނީ ކޯވިޑާއި ގުޅިގެން ދެ އަހަރަށް މެދު ކަނޑާލުމަށްފަހުއެވެ.
އެމްޕީކަޕަކީ މިހާރުގެ ތިމަރަފުށި ދާއިރާގެ މެމްބަރު އަބުދުﷲ ރިޔާޒު ކިނބިދޫ ދާއިރާގެ މެމްބަރުކަން ކުރައްވަން ފެއްޓެވީއްސުރެ ދާއިރާއަށް ހުޅުވާލައިގެން ބައްވަމުން ގެންދާ މުބާރާތެއް ކަމުގައެވެ.
މިއަހަރު ބޭއްވިގެން މިދަނީ އެމްޕީ ކަޕްގެ 6 ވަނަ މުބާރާތެވެ. ދާއިރާއަށް ހުޅުވާލައިގެން އެމްޕީކަޕްގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބޭއްވުމަކީ މެމްބަރު އަބުދުﷲ ރިޔާޒުގެ ކެމްޕޭން ވައުދެކެވެ.
މި މުބާރާތުގެ އެންމެހާ ކަންކަން އިންތިޒާމް ކޮށްދެއްވުމުގަ އެހީތެރިވެދެއްވާފައިވާތީ ތިމަރަފުށީ ކައުންސިލްގެ އިދާރާ އަށް ދާއިރާގެ މެމްބަރު އަބުދުﷲ ރިޔާޒުވަނީ ޝުކުރު އަދާ ކުރައްވާފައެވެ.