އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުންދިޔަ ގައިދީއަކު ނިޔާ ވެއްޖެއެވެ.
ކަރެކްޝަންސްއިން ހާމަ ކޮށްފައިވާ ގޮތުގައި ނިޔާވެފައިވަނީ މާލޭ ޖަލަށް މިދިޔަ އާދިއްތަ ދުވަހު ހުކުމް ތަންފީޛުކުރުމަށް ގެނައި ލ. ކުނަހަންދޫ ކަރަންކާގެ މުޙައްމަދު ރަޝީދު (36 އަހަރު) އެވެ.
ކަރެކްޝަންސްއިން ވިދާޅުވެފައިވަނީ، މުޙައްމަދު ރަޝީދު ރޭގައި ހުން ގަދަވާތީ މާލޭ ޖަލުގެ މެޑިކަލް ސެންޓަރަށް ވަގުތުން ގެންގޮސް ފަރުވާ ދިނުމަށްފަހު، ހާލަތު ދެރަވާތީ ރޭ 10 ޖަހާކަށް ހާއިރު ވަނީ އައިޖީއެމްއެޗްއަށް ގެންގޮސް ފަރުވާ ދޭންފަށާފައިވާކަމުގައެވެ. އެހެންނަމަވެސް މުޙައްމަދު ރަޝީދުގެ ހާލަތު އިތުރަށް ގޯސްވެ، ސީޕީއާރް ދިނުމަށްފަހު ޑޮކްޓަރު ވަނީ މިއަދު ގާތްގަނޑަކަށް 10:40 ހާއިރު ނިޔާވިކަމަށް ނިންމާފައިވާކަންވެސް ކަރެކްޝަންސްއިން ހާމަ ކޮށްފައި ވެއެވެ.
މުޙައްމަދު ރަޝީދަކީ ވައްކަމުގެ މައްސަލައެއްގައި 6 މަހާއި 14 ދުވަހުގެ ހުކުމެއް ތަންފީޛުކުރަމުންދިޔަ ޤައިދީއެކެވެ. މުޙައްމަދު ރަޝީދު މިމަހުގެ 8 ވަނަ ދުވަހު ޖަލަށް ގެނެވުމުން ހެދި މެޑިކަލް ސްކްރީނުން އެއްވެސް ބައްޔެއް ހުންނަކަން ފާހަގަކުރެވިފައެއް ނުވާއިރު އޭނާ އަކީ އެއްވެސް ބައްޔަކަށް ފަރުވާ ހޯދަމުން އަންނަ މީހެއް ނޫންކަމަށްވެސް ކަރެކްޝަނުން ވިދާޅުވެއެވެ.
މުޙައްމަދު ރަޝީދު ނިޔާވުމާ ގުޅިގެން ކަރެކްޝަންސްއިންވަނީ ވަގުތުން އެކަން އޭނާގެ ޢާއިލާއަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އެކަން އަންގާފައެވެ.