ރިތިކް ރޯޝަންގެ "ސުޕަ ހީރޯ" ފިލްމު "ކްރިޝް" ގެ ހަތަރު ވަނަބައި އިއުލާން ކޮށްފައި ވަނީ މީގެ ދެއަހަރެއްހައި ދުވަސް ކުރިން 2021 ވަނަ އަހަރުގައިއެވެ. ނަމަވެސް ފިލްމް އިއުލާން ކުރުމަށްފަހު އަމަލީ އެއްވެސް މަސައްކަތެއް އަދި އޮތީ ނުފެށިފައިއެވެ.
މި ފިލްމް ހެދުން އެހާ ލަސްބޮޑުވެގެން ގޮސްފައިވަނި ކުދިކުދި ބައެއް ޓެކްނިކަލް ކަންކަމާ ހެދި ކަމަށް ވަނީ ބުނެފައިއެވެ. އެކަންކަން ރަނގަޅު ކުރުމަށްފަހު ޝޫޓިން ފެށުން ލަސްވެފައި އޮތް ފިލްމްގެ މަސައްކަތްތަށް ވަރަށް އަވަހަށް ފަށާނެ ކަމަށްވެއެވެ. އެގޮތުން ފިލްމްގެ ފުރަތަމަ ޝޫޓިން ޝެޑިއުލް މި އަހަރުގެ ފަހުކޮޅުގައި ޖައްސާނެ ކަމަށް ވެއެވެ.
މިހާތަނަށް ޝޫޓިންގެ މަސައްކަތެއް ފަށާފައިނުވާ މި ފިލްމް ހަދާނެ ކަން ކަށަވަރުކޮށްދިނީ މިދިއަ އަހަރުގެ ޖޫން މަހުއެވެ. ޖޫންމަހުގައި "ކްރިޝް"ގެ ފުރަތަމަ ފިލްމަށް 15 އަހަރު ފުރުމާ ދިމާކޮށް ސޯޝަލް މީޑިއާގައި ވަނީ "ކްރިޝް-4″ ނެރެން އުޅޭކަން އިއުލާން ކޮށްފައިއެވެ.
ކްރިޝް އަކީ ބޮލީވުޑްގެ ވަރަށް މަޝްހޫރު ފިލްމެކެވެ. މި ފިލްމް ސީރީޒް ތަކަށް ގެނެސް ދޭ އިރު މިއީ މި ފަދަ ސުޕަރ ހީރޯ ފިލްމެއް މިފަދަ ގޮތަކަށް ބޮލީވުޑްގައި ގެނެސްދޭ ފުރަތަމަ ފިލްމުވެސް މެއެވެ.
"ކްރިޝް 3″ ބެލުންތެރިންނަށް ގެނެސްދިނީ 2013 ގަ އެވެ. މިއީ ރިތިކާ އެކީ އޭނަގެ ބައްޕަ ޑައިރެކްޓަރު ރާކޭޝް ރޯޝަން ގެނެސްދިން 2003 ގެ "ކޮއި…މިލް ގަޔާ" އިން ކުރިފަޅުވައިގެން ގެނެސްދޭން ފެށި އެއްޗެކެވެ. "ކްރިޝް" ރިލީޒްކުރީ 2006 ގަ އެވެ.