ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އަދާލަތު ޕާޓީން މަސައްކަތްކުރާނީ ރާއްޖޭގެ ސިޔާސީ ހަމަޖެހުމަށް އިސްކަންދީގެން ކަމުގައި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަދި އަދާލަތު ޕާޓީގެ ތަރުޖަމާން އަލީ ނަޒީރު ވިދާޅުވެއްޖެއެވެ.
މިއަދު ކުރެއްވި ޓުވީޓެއްގައި ނަޒީރު ވިދާޅުވީ 2003 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ނިޔަލަށް ދެމިގެންދިޔަ ސިޔާސީ ހަލަބޮލިކަން އަލުން އިޔާދަވާކަށް ބޭނުމެއް ނުވާ ކަމުގައެވެ.
ބޭނުމީ ހަމަޖެހުން!
2003 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ނިޔަލަށް ދެމިގެންދިޔަ ސިޔާސީ ހަލަބޮލިކަން އަލުން އިޔާދަވާކަށް ބޭނުމެއް ނޫން. ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އަދާލަތު ޕާޓީން މަސައްކަތްކުރާނީ ރާއްޖޭގެ ސިޔާސީ ހަމަޖެހުމަށް އިސްކަންދީގެން.
🇲🇻
— Ali Nazeer (@alynazeer) January 8, 2023
ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އަދާލަތު ޕާޓީން މަސައްކަތްކުރާނީ ރާއްޖޭގެ ސިޔާސީ ހަމަޖެހުމަށް އިސްކަންދީގެން ކަމަަށް ނަޒީރު ވިދާޅުވިއިރު އަދާލަތު ޕާޓީ އަދިވެސް އޮތީ 2018ގައި ވެރިކަމަށް ވަޑައިގެންވުމަށް ރައީސް ސާލިހު ހެއްދެވި ކޯލިޝަން ޕާޓްނަރެއްގެ ގޮތުގައެވެ. އަދި އެޕާޓީގެ އިސް ބައެއް ބޭފުޅުން ތިއްބެވީ ކެބިނެޓް ވަޒީރުންގެ ގޮތުގައާއި ސަރުކާރުގެ އެހެން ބައެއް އިސް މަގާމް ތަކުގައެވެ.
މިހާރު ވެރިކަން ހިންގާ ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ ކަމުގައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން މިހާރު ކުރިޔަށްދާއިރު، އެޕާޓީގެ އިސް ލީޑަރު، ރައީސް ސާލިހު ވިދާޅުވެފައިވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ވާދަކުރައްވާނީ ކޯލިޝަން ހައްދަވައިގެން ކަމުގައެވެ. އޭގެ ސަބަބެއްކަމުގައި ރައީސް ސާލިހު ވިދާޅުވެފައިވަނީ، އެކަނި އެކަކަށް ރާއްޖޭގެ މެޖޯރިޓީ ރައްޔިތުންގެ ވޯޓު ނުހޯދޭނެތީއެވެ.
އެހެންނަމަވެސް ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ރައީސް ސާލިހާއެކު މިހާރުވެސް ހަދާފައިވާ ކޯލިޝަން ދެމިއޮންނާނެކަމެއް، ނުވަތަ ރައީސް ސާލިހަށް ތާއީދު ކުރާނެކަމެއްވެސް އަދި މިހާތަނަށް އަދާލަތު ޕާޓީން ރަސްމީކޮށް ހާމަ ކޮށްފައެއް ނުވެއެވެ.