ރ. އަލިފުށީ ކުނި ގޮނޑުގައި ހުރި ފައިބަރުތަކެއްގައި ރޯވެ ވަރަށް ބޮޑަށް އަނދަން ފަށައިފިއެވެ.
އަލިފުށީ ކައުންސިލްގެ ނައިބު ރައީސް ވިދާޅުވީ އެ ރަށުގެ ކުނިގޮނޑުގައި ބޯޓު ފަހަރު ބަނުމަށް ބޭނުންކުރުމަށްފަހު އުކާލާ ފައިބަރުތަކާއި އެހެން ކުނިތައް ހުންނަނީ ވަކިން ބަހައްޓާފައި ކަމަށެވެ. އަލިފާންގަނޑު ރޯވެފައިވަނީ އެ ފައިބަރުތަކުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
ޒަހީން ވިދާޅުވީ އަލިފާންގަނޑު ރޯވެފައި ވަނީ މިއަދު މެންދުރު 2:00 ހާއިރު ކަމަށާއި އަދިވެސް އަލިފާންގަނޑު ނިއްވާ ނުލެވޭ ކަމަށެވެ. ފައިބަރަކީ ވަރަށް ބާރުގަދަ ކެމިކަލްތައް ހިމެނޭ އެއްޗެއްކަން ފާހަގަކުރަމުން ޒަހީން ވިދާޅުވީ މި ވަގުތު ވައިހުރި ގޮތުގައި އަލިފާންގަނޑުގެ އަސަރު ރަށުތެރެއަށް ނުކުރާ ކަމަށެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ނަމަވެސް، އަލިފާންގަނޑު ފެތުރުމުގެ ބިރު އޮތް ކަމަށް ކައުންސިލް ނައިބް ރައީސް ފާހަގަކުރެއްވިއެވެ.
އަލިފާންގަނޑު ނިއްވާލުމަށް ރަށުގައި ތަމްރީން ލިބިފައިވާ ޒުވާނުންތަކަކާއި ކައުންސިލާއި ފުލުހުން އަދި ރަށުގެ އާންމު ރައްޔިތުން ދަނީ ހަރަކާތްތެރިވަމުންނެވެ.