އެވަރޓަން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

އެވަރޓަން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

އިނގިރޭސި އެފްއޭ ކަޕްގެ ތިން ވަނަ ބުރުގައި ރޭ ކުޅުނު މެޗުން އެވަޓަން އަތުން 3-1 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑް މުބާރާތުގެ އަނެއް ބުރުން ފުރުސަތު ހޯދައިފިއެވެ.

ޔުނައިޓެޑަށް ލީޑު ހިފަހައްޓައިލެވުނީ 10 މިނިޓްއެވެ. މެޗުގެ 14 ވަނަ މިނިޓްގައި އެވަޓަން އިން ވަނީ ނަތީޖާ ހަަމަހަމަކޮށްފައެވެ. ޔުނައިޓެޑްގެ ގޯލްކީޕަރު، ޑޭވިޑް ޑެހެއާ ހެދި ބޮޑު ގޯހެއްގެ ފައިދާނަގައި، މި ލަނޑު ޖެހީ އެވަޓަންގެ ޑިފެންޑަރު، ކޮނާ ކޯޑީ އެވެ. އޭރިއާތެރެއިން އެވަޓަންގެ ފޯވާޑް، ނީލް މޯޕޭ ޖެހި ބޯޅައެއް ކީޕަރު ޑެހެއާ ފައިގައި ޖެހިފައި ގޯލު ކުރިމައްޗަށް އައި ވަގުތު ކޯޑީ ވަނީ ހުސްކޮށް އޮތް ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފައެވެ.

ޔުނައިޓެޑަށް މެޗުގައި އަލުން ލީޑު ލިބުނީ ކޯޑީ އަތުން ބައިކޮޅަށް ވަތް ލަނޑަކުންނެވެ. ދެ ވަނަ ހާފުގެ 52 ވަނަ މިނެޓުގައި ރަޝްފޯޑު ހުރަސްކުރި ބޯޅައަކަށް ކުޅެން އުޅުމުގެ ތެރޭގައި ކޯޑީގެ ފައިގައި ޖެހި ބޯޅަ ގޯލަށް ވަނީއެވެ. މެޗުގައި ޔުނައިޓެޑުގެ ތިން ވަނަ ލަނޑު ޖެހީ، މި ފަހަކަށް އައިސް މޮޅަށް ކުޅެމުން އަންނަ ރަޝްފޯޑެވެ. އެއީ ޔުނައިޓެޑުގެ އެލެހާންޑްރޯ ގަނާޗޯއަށް އެވަޓަންގެ ގޮޑްފްރޭ ކުރި ފައުލަކަށް ލިބުނު ޕެނަލްޓީއެއްގައި ރަޝްފޯޑު ކާމިޔާބުކޮށްދިން ލަނޑެކެވެ.

ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ރަޝްފޯޑް މި ވަނީ ޔުނައިޓެޑުން އެންމެ ފަހުން އަމިއްލަ ދަނޑުގައި ކުޅުނު ހަތް މެޗުގައި ވެސް ގޯލު ޖަހައިފައެވެ. މިއީ 2012 ވަނަ އަހަރު، އަމިއްލަ ދަނޑުގައި ކުރީގެ ފޯވާޑް، ވޭން ރޫނީ ހަތް މެޗުގައި ލަނޑު ޖެހި ފަހުން، އެ ފަދަ ފޯމެއްގައި ކުޅުންތެރިއަކު ރެކޯޑެއް ދަމަހައްޓާ ފުރަތަމަ ފަހަރެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *