އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް އައިޔޫއެމްގެ "އިޤްރާ" ފޮތް މައުރަޒު ވަރޗުއަލްކޮށް ކުރިއަށް ގެންދިޔުމަށްޓަކައި ވެބްސައިޓެއް އިފްތިތާޙް ކޮށްފިއެވެ.
އަންނަ މަހުގެ 1 އިން 10 އަށް ބޭއްވުމަށް ހަމަޖެހިފައި ވާ މި ފޮތް މައުރަޒު ވަރޗުއަލްކޮށް ގެންދިޔުމަށްޓަކައި ހާއްސަކޮށް މި ވެބްސައިޓް އިފްތިތާޙްކޮށްދެއްވީ އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާއެވެ.
މިއީ އައިޔޫއެމުން މީގެ ކުރިން ވެސް ބާއްވަމުން ގެންދިޔަ ފޮތް މައުރަޒެކެވެ. ނަމަވެސް މިއަހަރު ވަރޗުއަލްކޮށް ބާއްވަން ހަމަޖެހިފައި ވާ މި ފޮތް މައުރަޒަކީ ރާއްޖޭގައި މިފަދަ ގޮތަކަށް ކުރިއަށް ގެންދާ ފުރަތަމަ މައުރަޒު ކަމަށް އައިޔޫއެމުން މަޢުލޫމާތު ދެއެވެ. މި އަހަރުގެ ފޮތް މައުރަޒުގެ ޝިއާރަކީ ވެސް "އެކްސްޕްލޯރ ދަ ވަރޗުއަލް ބުކު ސެލްފް" އެވެ.
ވެބްސައިޓް ލޯންޗް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ އިބްރާޙީމް ޒަކަރިއްޔާ މޫސާ ވިދާޅުވީ، ވަރޗުއަލް ފޮތް މައުރަޒުގެ އިތުރުން، ކުރިއަށް އޮތް ހަފްތާގައި އެ ޔުނިވަރސިޓީގެ އަހަރީ ޢިލްމީ ބައްދަލުވުން، އިންޓަރނޭޝަނަލް ކޮންފަރެންސްވެސް ވަރޗުއަލްކޮށް ކުރިއަށްގެންދިޔުމަށް ނިންމާފައިވާކަމަށެވެ.

މި ފެއަރގައި މިހާތަނަށް ރަޖިސްޓްރީ ވެފައި ވަނީ އިސްލާމިކް މިނިސްޓްރީ އާއި ނޮވެލްޓީ އާއި އަޝްރަފީ ބުކްޝޮޕާއި އެމް7 ބުކްޝޮޕާއި މޯލްޑިވްސް ލޯ އިންސްޓިޓިއުޝަންގެ އިތުރަށް އަމިއްލަ ބައެއް ފަރާތްތަކުން ކަމަށް އައިޔޫއެމުން ބުނެއެވެ. މި މައުރަޒުގައި ކުރިއަށްގެންދާ ހުރިހާ ހަރަކާތްތަކީ ހުރިހާ އުމުރުފުރައެއްގެ މީހުންނަށްވެސް ބައިވެރިވެވޭނެ ހަރަކާތްތަކެއް ކަމަށް އައިޔޫއެމްއިން ބުނެއެވެ.
އެގޮތުން ސައިން ލޭންގުއޭޖާއެކު ވާހަކަ ކިޔާދިނުމާއި ޕެނަލް ޑިސްކަޝަންތަކާއި މައުލޫމާތު ދިނުމުގެ ހަރަކާތްތަކާއި ފޮތް ކިޔުމުގެ މުބާރާތަކާއި ލިޔުމުގެ މުބާރާތެއް ވެސް ކުރިއަށް ދާނެ ކަމަށް އައިޔޫއެމް ބުނެއެވެ.
ކޮމެންޓު ފޮނުވާ