މާލޭގެ މިސްކިތްތަކުގެ އާބާތުރަ ފިލުވުމަށްޓަކައި ފަންޑު ހޯދުމަށް ރާއްޖޭގެ ޓީވީތަކާ ގުޅިގެން ހާއްސަ ޓެލެތޯނެއް ބޭއްވުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މިއަދާއި މާދަމާ އާޓިފިޝަލް ބީޗުގައި ބާއްވާ މި ޓެލެތޯނު ބޭއްވުމަށް މީގެ ކުރިން ވެސް މާލެސިޓީ ކައުންސިލުން މަސައްކަތް ކުރިއެވެ. މާލެ ސިޓީ ކައުންސިލުން ބުނި ގޮތުގައި މިސްކިތްތައް މަރާމާތުކުރަން ފަންޑު ހޯދުމަށް ޓެލެތޯންއެއް ބޭއްވުމަށް ނިންމީ މިސްކިތްތަކަކީ ސިޓީ ކައުންސިލުން އެންމެ އިސްކަމެއްދޭ ތަންތަނަށް ވުމާއެކު، މިސްކިތްތައް ކައުންސިލާ ސަރުކާރުން ހަވާލުކުރީ އެއްވެސް ބަޖެޓަކާ ނުލާ ކަމަށް ވާތީއެވެ.
މިސްކިތްތަކުގެ މެއިންޓަނަންސް މަސައްކަތްތަކާއި، މަރާމާތުތަކަށް ބޮޑެތި ހޭދައެއް ކުރަންޖެހޭއިރު ކައުންސިލްގެ ބަޖެޓުން އެކަން ނުކުރެވޭ ކަމުގައި ވެސް މާލެ ސިޓީ ކައުންސިލުން ބުނެއެވެ. މި ޓެލެތޯންގެ ސަބަބުން ކުރިއަށް އޮތް ރަމަޟާން މަހަށް، މިސްކިތްތަކުގައި ކުރަންޖެހޭ މަރާމާތުތައް ކުރުމަށް މަގުފަހިވެގެންދާނެ ކަމުގައިވެސް މާލެ ސިޓީ ކައުންސިލުން ބުންޏެވެ.
އާންމުންގެ ބައިވެރިވުމާއެކީ ހިންގާ ހަރަކާތެއްވީމަ ކުޑަކުދިން ގޮވައިގެން އައިސް އާޓިފިޝަލް ބީޗްގައި ޓެންޓް ހިމެނޭ ސަރަހައްދުގައި ވަށައިގެން އެކްޓިވިޓީސް ރާވާލެވޭ ގޮތަށް އިވެންޓް ކޮމިޓީން ރާވަމުން ގެންދަވަނީ. މާލޭގެ މޭޔަރު ވިދާޅުވިއެވެ.
މިސްކިތްތައް ބެލެހެއްޓުމަކީ ކައުންސިލްތަކަށް އޮންނަ ޒިންމާއެކެވެ. މާލެ ސިޓީ ކައުންސިލުން މާލެ އާއި ވިލިމާލޭގައި 34 މިސްކިތެއް ބަލަހައްޓަމުން ގެންދެއެެވެ. ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވީ މި ޓެލެތޯނަށް މީޑިއާތަކުގެ އެހީތެރިކަމުގެ އިތުރުން ބައެއް އާންމުންގެ އެހީތެރިކަން ވެސް ލިބެމުން ދާނެ ކަމަށެވެ.
ޝުޖާއު ވިދާޅުވީ އާޓިފިޝަލް ބީޗުގައި ސްޓޯލްތައް ބެހެއްޓުމުގެ އިތުރުން މައުލޫމާތު ފޯރުކޮށް ދިނުމަށް ވެބްސައިޓެއް ވެސް ގާއިމު ކުރެވޭނެ ކަމަށެވެ. އަދި މި އިންތިޒާމުތަކާ އެކީގައި މި މަސައްކަތް ކާމިޔާބުވާނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ. ފިނޭންސް މިނިސްޓްރީއަށް މި ޓެލެތޯންގެ ތަފްސީލުތައް ފޮނުވުމުގެ އިތުރަށް މި ޓެލެތޯން ފަންޑިންއާއި ގުޅުންހުރި މައުލޫމާތުތައްް އާންމު ކުރެވޭނެ ކަން މޭޔަރު ވަނީ ވިދާޅުވެފައެވެ.