ރިޔާސީ އިންތިޚާބު ގާތްވާ ވަރަކަށް ދައްކާނެ ލައްކަ ގިނަ ވާހަކަ ހުންނާނެކަމަށް ވިދާޅުވެ ހޯމް މިނިސްޓަރ އިމްރާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އިމްރާން ގެންދަވަނީ މިފަހުން ސިޔާސީ ޓުވީޓުތައް ވަރަށް ގިނައިން ކުރައްވަމުންނެވެ. ވެރިކަން ލިބި މިނިސްޓަރުކަމައި ހަވާލުވެ ވަޑައިގެން ފާއިތުވެދިޔަ ދުވަސްތަކުގައި މިނިސްޓަރ އިމްރާން ފެނިގެން ގޮސްފައިވަނީ ވަރަށް ބަސްމަދު އަދި ސިޔާސީ ބަހުސްތަކުގެ ތެރެއަށް ނުވަންނަވާ ބޭފުޅެއްގެ ގޮތުގައެވެ.
ނަމަވެސް މިނިސްޓަރ މިއަދު ޓުވީޓުގައި ވިދާޅުވިގޮތަށް އިންތިޚާބާއި ދިމާކޮށް މިނިސްޓަރގެ ވާހަތައްވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އިމްރާން ކުރެއްވި ޓުވީޓުގައި ކޮންމެ ބޭފުޅަކަށް ކަމެއް އިޝާރާތް ނުކުރައްވާ ކުރެއްވި ޓުވީޓުގައި ވިދާޅުވީ އިންތިޚާބު ގާތްވާ ވާރަކަށް ދައްކާނެ ވާހަކަތައް ގިނަ ވާނެކަމަށެވެ. ނަމަވެސް ގޮތް ނިންމަވާނީ ދިވެހި ރައްޔިތުންކަމަށް އިމްރާން ވިދާޅުވިއެވެ.
އިންތިޚާބު ގާތްވާވަރަކަށް ދައްކާނެ ލައްކަ ގިނަ ވާހަކަ ހުންނާނެ. ޖަޖް ކުރައްވާނީ ހަމަ ވޯޓް ދޭން ތިއްބަވާ ބޭފުޅުންނެވެ.
– އިމްރާން ވިދާޅުވިއެވެ.
އިމްރާން މިހެން ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްކަމަށް ބެލެވެއެވެ. ޕްރައިމަރީގައި ރައީސް ޞާލިހާއި ވާދަކުރައްވާ ރައީސް ނަޝީދު ގެންދަވަނީ ރައީސް ޞާލިހަށާއި، މިސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.
އެގޮތުން ރޭ މާލޭގެ ބޮޑިބަތް ޕާކުގައި ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ، ރާއްޖޭގެ ހަމަޖެހުމަށް މިހާރު އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ އިންތިހާއަށް ގޯސްވުންކަމަށް ވިދާޅުވެފައެވެ. މަސްތުވާތަކެތީގެ މައްސަލަތައް ހައްލު ކުރުމުގެ ޒިންމާ އުފުއްލަވަމުން ގެންދަވަނީ މިނިސްޓަރ އިމްރާނެއެވެ.