ރާއްޖޭގެ ރައްޔިތުންނަށް އެންމެ ބޮޑަށް ދިމާވެފައިވާ މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށާއި، އެކަމަށް ހައްލު ހޯދައި ދެއްވާނެކަމުގެ ޔަގީންކަން ދެއްވާ ކަމުގައި އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިމަހުގެ 28 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި ވާދަކުރައްވާ ރައީސް ނަޝީދު މިރޭ ބޮޑިބަތް ޕާކުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމުގައެވެ. މިމައްސަލައަކީ ހަމައެކަނި މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލައެއް ނޫންކަމަށާއި، މިއީ މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި މިހާރު އޮތް ބޮޑު މައްސަލައެއް ކަމަށެވެ.
މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ހައްލު ހޯދައި ދޭނެކަމުގެ ވައުދާއިއެކު ވެރިކަމަށް އައި ނަމަވެސް މިވީ ހަތަރު އަހަރުގެ ތެރޭގައި ބޯހިޔާވަހިކަން ފޯރުކޮށްދެވުނު ހަމަ އެންމެ ރައްޔިތަކުވެސް ނެތްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ރައީސް ނަޝީދު ވިދާޅުވީ މިސަރުކާރުގައި އެކަން ކޮށްދެވޭނެ ކަމުގެ އެއްވެސް މަގެއް ނުފެންނަ ކަމަށެވެ.
ކުރިއަށް އޮތް ޕްރައިމަރީ ކާމިޔާބުކޮށް ރިޔާސީ އިންތިޚާބުގައި ވާދަކޮށް އެއިންތިޚާބުން މޮޅުވުމަށްފަހު އުފެދޭ އެމަނިކުފާނުގެ ސަރުކާރުގައި ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރު ކޮށްދޭނެކަމުގެ ވައުދު ރައީސް ނަޝީދު މިރޭވެސް ވަނީ ދެއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ މީގެ ކުރިންވެސް މިކަމަށް ވައުދުވި ކަމަށާއި، މިފަހަރުވެސް މިކަމަށް ވައުދުވެ މިކަން ކޮށްދޭނީ އެމަނިކުފާނުކަމަށް ވިދާޅުވިއެވެ.
އާދެ އަޅުގަނޑަކީ ފްލެޓް ދޮންބެ. އަޅުގަނޑު ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދޭނަން. އިމާރާތްތައް ކުރެވި، ބިން ކަނޑާފައިވެސް ރައްޔިތުންނަށް ދޭނަން. އެމެޑީޕީގެ ވަރަށް ގިނަ މެމްބަރުން ސަރުކާރާއި ދުރައް ދާންޖެހިފައިވަނީ މިމައްސަލާގައި.
– ރައީސް ނަޝީދު ވިދާޅުވިއެވެ.
މިބައްދަލުވުމުގައި ރައީސް ނަޝީދު ވަނީ ރާއްޖޭގެ އިޤްތިާޞދީ ހާލަތާއި ގުޅޭގޮތުންވެސް ވާހަކަ ދައްކަވާފައެވެ. އެމަނިކުފާނު ވިދާޅުވީ މިމަސް ނިމޭއިރު ތަކެތީގެ އަގު އިންތިހާއަށް އުފުލި ރާއްޖޭގެ މާލީ ހާލަތު ވަރަށް ބޮޑަށް ދަށްވާނެކަމަށެވެ. ރާއްޖޭގެ މާލީ ހާލަތާއި ގުޅޭގޮތުން އެއިއެމްއެފްއިން ނެރެފައިވާ ރިޕޯޓަކީ މުޅި ރިޕޯޓް ނޫންކަމަށާއި، މުޅި ރިޕޯޓް ނެރެފިނަމަ ރާއްޖޭގެ އިޤްތިޞާދީ ހާލަތު މާބޮޑަށް ސާފުވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.