ފާއިތުވެގެން ދިޔަ އަހަރު ދިމަވި އެކި ގޮންޖެހުންތަކާއި އެކުގައިވެސް ގިނަ ކާމިޔާބީތަކެއް ހާސިލް ކުރެވިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ މީލާދީ އައު އަހަރުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ފަރާތްޕުޅުން ދިވެހި ރައްޔިތުންނަށް އަރިސްކުރައްވައި ފޮނުއްވި މެސެޖުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވީ މިފެށުނު އަހަރަކީ ހުރިހާ ގޮތަކުންވެސް ކާމިޔާބު އަހަރަކަށް އެދޭކަމަށެވެ. އަދި މި ފެށުނު އައު އަހަރާއެކު އަންނަން އޮތް ފުރުސަތުތަކަށް ރައީސް މަރުހަބާ ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ނިމިގެންދިޔަ އަހަރަކީ ދިމާވި އެކި ކަންކަމާއިހެދި ގޮންޖެހުން ބޮޑު އަހަރެއް ކަމުގައި ވީނަމަވެސް ކާމިޔާބު މަސައްކަތްތަކެއް ނިިމިދިޔަ އަހަރުގައި ކުރެވިފައިވާކަމަށެވެ.
އަދި 2023 ވަނަ އަހަރަކީ އުފާވެރި، ދުޅަހެޔޮ އަދި ކާމިޔާބު އަހަރަކަށް ވާނެކަމަށް އުންމީދުކުރައްވާކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
Fazu and I wish everyone a very happy #NewYear. I’m proud of what we as Maldivians have achieved this past year in spite of the many challenges and I look forward to embrace the opportunities that the new year brings for us. I wish everyone a happy, healthy, and prosperous 2023! pic.twitter.com/vymB3GVUVI
— Ibrahim Mohamed Solih (@ibusolih) December 31, 2022
މިފެށުނު 2023 ވަނަ އަހަރަކީ ސަރުކާރަށް އެންމެ ގޮންޖެހުން ބޮޑު އެއްއަހަރަށް ވެގެންދާނެއެވެ. އަހަރު ފެށިގެން ދިޔައީ ޓެކްސްއަށް ގެނައި ބަދަލާއިއެކުގައި ކަމަށްވާއިރު ތަކެތީގެ އަގު އުފުލި އާންމު ރައްޔިތުންގެ ދިރިއުޅުމަށް ބޮޑެތި އަސަރުތަކެއް ކުރާނެކަމަށް ބެލެވެއެވެ. އަދި މިހާރު ދުނިޔޭގެ އިޤްތިޞާދަށް އަންނަމުންދާ ގޮންޖެހުންތަކާއިއެކު އެކަމުގެ އަސަރު ރާއްޖެއަށް ކުރާނެ މިންވަރު ބޮޑު ވާނެކަމަށް އިޤްތިޞާދީ މާހިރުން ދެކެއެވެ.
މިފެށިގެންދާ އަހަރަކީ ރިޔާސީ އިންތިޚާބުވެސް އޮތް އަހަރަށް ވުމާއިއެކު މިއަހަރުގެ އިންތިޚާބު ކާމިޔާބު ކުރުމަކީވެސް ރައީސް ޞާލިހުގެ ވަރަށް ބޮޑު އަމާޒެކެވެ.