އެމެރިކާގެ ރިޔާސީ އިންތިޚާބަށްފަހު، އިންތިގާލީ މަރުހަލާގެ ކަންކަން ހަމަޖެއްސުމާބެހޭ ހުރިހާ ޒިންމާއެއް ހަވާލުވެފައި އޮންނަ އޭޖެންސީ، ޖެނެރަލް ސާވިސް އެޑްމިނިސްޓްރޭޝަން (ޖީއެސްއޭ) އިން ވެރިކަން ބަދަލު ކުރުމުގެ އިންތިޒާމުތައް ފެށުމަށް އިންތިޚާބީ ރައީސް ޖޯ ބައިޑްއަށް ރަސްމީކޮށް އަންގައިފިއެވެ.
ޖީއެސްއޭއިން ބައިޑްންއަށް ރަސްމީކޮށް އިންތިގާލީ މަރުހަލާ ފެށުމަށް އަންގާފއިވަނީ ޖީއެސްއޭގެ ވެރިޔާ އެމިލީ މާފީ ޖޯ ބައިޑްއަށް މިއަދު ފޮނުވި ސިޓީއެއްގައެވެ. މިސީޓީގެ ކޮޕީ މިހާރުވަނީ އެމެރިކާގެ ބައެއް މީޑީއާތަކަށް ލިބިފައެވެ.
މިސިޓީއަކީ މިއީ، މިމަހުގެ 3 ވަނަ ދުވަހު ބޭއްވުނު އެމެރިކާގެ ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބަލިވެފައިވާކަން ގަބޫލުކޮށް އެމެރިކާގެ ސަރުކާރުން މިހާތަނަށް އެޅި ފުރަތަމަ ފިޔަވަޅެވެ.
ޖީއެސްއޭ އިން އިންތިޚާބީ ރައީސް ޖޯ ބައިޑްއަށް ފޮނުވި ސިޓީގައި މާފީ ލިޔުއްވާފައި ގޮތުގައި، ރަސްމީކޮށް ދައުރު ބަދަލުވުމުގެ މަރުހަލާ ލަސްކުރުމަށް މިހާތަނަށް އޭނާއަށް އެއްވެސް ފަރާތަކުން މަޖުބޫރު ކޮށްފައެއް ނުވެއެވެ. އަދި އޭނާގެ ނިންމުމަކީ އެއްވެސް ފަރާތަކަށް ތާއީދު ކުރުމުގެ ގޮތުން ނިންމި ނިންމުމެއްވެސް ނޫނެވެ.
މިއީ އެމެރިކާގެ ގާނޫނުތަކަށާއި އަދި ކަން ހިގަމުންދާ ގޮތުގެ މައްޗަށް ބިނާކޮށް އަޅުގަޑު ނިންމާފައިވާ ނިންމުމެއްކަން މައުލޫމާތަށްޓަކާ ދަންނަވަމެވެ.
– ބައިޑްއަށް ފިނުވި މި ސިޓީގައި މާފީ ލިޔުއްވާފައި ވެއެވެ.
ސިޔާސީ އެއްވެސް ބޭފުޅަކުވެސް، ވައިޓްހައުސްގައި މަސައްކަތް ކުރާ އެއްވެސް މުވައްޒަފަކުވެސް، އަދި މީގެ އިތުރުން ޖީއެސްއޭގައި މަސައްކަތްކުރާ އެއްވެސް މުވައްޒަފަކުވެސް ސިދާ ގޮތުންވެސް އަދި ނުސީދާ ގޮތުންވެސް އަޅުގަޑުގެ މިނިންމުން ލަސްކުރުމަށްވެސް އަދި އަވަސް ކުރުމަށްވެސް އެވެސް ކަހަލަ ޕްރެޝަރެއް ކުރިމަތި ކުރުވާފައި ނުވާހަކަ ވެސް ދަންނަވަން. ވަރަށް ސާފުކޮށް އަޅުގަޑު ދަންނަވަން ބޭނުންވަނީ، އަޅުގަޑުގެ މިނިންމުން ލަސްކުރުމަށް އެއްވެސް ފަރާތަކުން އަޅުގަޑަށް އަންގާފައެއް ނުވެއެވެ.
– ބައިޑްއަށް ފިނުވި މި ސިޓީގައި މާފީ ލިޔުއްވާފައި ވެއެވެ.
ޖީއެސްއޭގެ މިސިޓީއާއެކު، އެއޭޖެންސީއިން މިވަނީ ރަސްމީކޮށް އެމެރިކާގެ އިންތިޚާބުގެ ނަތީޖާ ބަލައިގެންފައެވެ. އަދި ޖީއެސްއޭގެ މި ނިންމުމާއެކު، އެމެރިކާ ސަރުކާރުގެ މިހާރުގެ އޮފިޝަލުންނަށް، މަގާމްތަކަށް އައުމަށް ތައްޔާރުވަމުންދާ އޮފިޝަލުންނާއެކު ރަސްމީކޮށް މަސައްކަތްތައް ފެށުމަށް ފުރުސަތު ފަގިވެގެންދާނެއެވެ. އަދި އިންތިގާލީ މަރުހަލާއަށް ބޭނުންވާ އެތައް މިލިއަން ޑޮލަރެއްގެ ބަޖެޓް ބައިޑްގެ އިންތިގާލީ ޓީމަށް ލިބިގެން ދާނެއެވެ.
އެމެރިކާގެ މިހާރުގެ ސަރުކާރުން އިންތިޚާބުގެ ނަތީޖާ ބަލައިގަނެ، އިންތިގާލީ މަރުހަލާ ފެށުމަށް މިހާތަނަށް އެއްބާރުލުން ދީފައި ނުވިނަމަވެސް، ބައިޑްން ގެންދެވީ އިންތިގާލީ މަރުހަލާއަށް ފުރިހަމަޔަށް ތައްޔާރުވަމުންނެވެ. އަދި އިއްޔެ ބައިޑްވަނީ އޭނާގެ ކެބިނެޓްގެ މުހިންމު މަގާމްތަކެއް އިއުލާން ކުރައްވާފައެވެ. އެހެންނަމަވެސް، އެމެރިކާގެ މިހާރުގެ ސަރުކާރުން އިންތިޚާބުގެ ނަތީޖާ ރަސްމީކޮށް ބަލައިގެންފައި ނުވާތީ މިހާތަނަށް އައިއިރު، މިހާރުގެ ސަރުކާރުގެ ފަރާތުން އެއްވެސް ޑާޓާއެއް ބައިޑްންގެ އިންތިގާލީ ޓީމަށް ލިބިފައެއް ނުވެއެވެ. އަދި މީގެއިތުރުން އިންތިގާލީ އިންތިޒާމްތަކަށް ހަމަޖެހިފައިވާ 6.3 މިލިއަން ޑޮލަރުގެ ބަޖެޓުން ޚަރަދު ކުރެވޭނެ މަގެއްވެސް ބައިޑްންގެ ޓީމަށް ފަހިވެގެން ގޮސްފައެއް ނުވެއެވެ.
ބައިޑްންގެ ޓީމުން ބުނެފައިވަނީ، މިވަގުތަށް އެންމެ މުހިންމު ކަމަކީ، ކޯވިޑް19 އާއި ގުޅުންހުރި ހުރިހާ މައުލޫމާތަކާ އަދި އެމެރިކާގެ ރައްޔިތުންނަށް ވެކްސިން ފޯރުކޮށްދިނުމަށް ހަމަޖެހިފައި ހުރި އިންތިޒާމްތައް ބައިޑްންގެ އިންތިގާލީ ޓީމަށް ލިބޭނެ މަގުތައް ފަހިވުން ކަމުގައެވެ.
ޖީއެސްއޭއިން ސަރުކާރު ބަދަލުކުރުމުގެ އިންތިޒާމްތައް ފެށުމުގެ ހުއްދަ ދިނުމާގުޅިގެން، ބައިޑްންގެ އިންތިގާލީ ޓީމުގައި ހިމެނޭ ފަރާތްތަތަކަށް ކަމާ ގުޅުންހުރި އޭޖެންސީތަކުގައި މަސައްކަތް ކުރާނެ ޖާގަ މިހާރު ލިބިގެން ދާނެއެވެ. އަދި މީގެއިތުރުން މިމަސައްކަތްތަކުގައި ސަރުކާރުގެ ވަސީލަތްތަކުގެ ބޭނުންކުރުމުގެ ހުއްދަ ލިބިގެން ދިއުމުގެ އިތުރުން ކެބިނެޓަށް ބައިޑް އައްޔަންކުރަން ހުށަހަޅުއްވާ ބޭފުޅުންނާއި އަދި މީގެއިތުރުން ވައިޓްހައުސްގެ މަގާމްތަކަށް އައްޔަން ކުރުމަށް ބައިޑްށް ހުށަހަޅުއްވާ ފަރާތްތަކުގެ ވަނަވަރުތައް ބެލުމަށްޓަކާ ކުރަންހުރި މަސައްކަތްތައް ކުރުމަށްވެސް ބައިޑްންގެ އިންތިގާލީ ޓީމަށް އިތުރަށް ފުރުސަތު ފަހިވެގެން ދާނެއެވެ.
މާފީގެ މިސީޓީއާ ގުޅޭގޮތުން އެމެރިކާގެ ރައީސް ކުރެއްވި ޓުވީޓެއްގައި، ޖީއެސްއޭގެ ވެރިޔާ އެމިލީ މާފީއަކީ ހިތްވަރުގަދަ ބޭފުޅޭއްކަމަށް ވިދުޅުވެފައި ވެއެވެ. އަދި އެކަމަނާގެ ގާނޫނީ ޒިންމާ ދައާކުރެއްވުމުގައި މިހާތަނަށްވެސް ދެމިހުންނެވީ ވަރަށް ސާބިތުކަމާއެކުގައި ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ޓްރަމްޕް ވިދާޅުވެފައިވަނީ، މާފީއަށް ވަރަށް ގިނަ ފަރާތްތަކުން ބިރުދައްކާ އިންޒާރުވެސް ދީފައިވާ ކަމށާއި، މިއީ ދެކެން ބޭނުންވާ މަންޒަރުތަކެއް ނޫންކަމުގަވެ.
I want to thank Emily Murphy at GSA for her steadfast dedication and loyalty to our Country. She has been harassed, threatened, and abused – and I do not want to see this happen to her, her family, or employees of GSA. Our case STRONGLY continues, we will keep up the good…
— Donald J. Trump (@realDonaldTrump) November 23, 2020
މި ޓުވީޓުގައި ޓްރަމްޕް ވިދާޅުވެފައިވަނީ، އިންސާފު ހޯދުމަށް ކުރަންހުރި މަސައްކަތް ކުރެއްވުމުގައި އަދިވެސް ދެމިހުންނަވާނެ ކަމުގައެވެ. އަދި ކާމިޔާބު ކުރެއްވޭނެކަމުގެ ޔަގީންކަން އޮތްކަމުގައިވެސް ޓްރަމްޕް ވިދާޅުވެފައި ވެއެވެ. އަދި ވިދާޅުވީ އެހެންނަމަވެސް، ގައުމީ މަސްލަހަތު އިސްކުރައްވާ، އިންތިޤާލީ އިންތިޒާމްތަކާއިގެން ކުރިޔަށް ދިއުމަށް ޖީއެސްއޭއަށާއި އަދި އޭނާގެ ހުރިހާ މުވައްޒަފުންނަށްވެސް މިހާރު އިރުޝާދު ދާީފައިވާނެ ކަމަށެވެ.