ދުނިޔޭގެ ތަބަޢީ އުސޫލުން، ދުވަހަކަށްފަހު ދުވަހެއް، އަހަރަކަށް ފަހު އަހަރެއް ފާއިތުވެ، ދުނިޔެ އެބުރެމުން ސެނބުރެމުން ދާދިއުމުގައި، މާޒީއާއި އެކުވެދާ ކޮންމެ އަހަރަކަށްވެސް އަބަދުވެސް އަލްވަދާއި ކިޔަން މިޖެހެނީ އެތަކެއް އިބުރަތްތަކާއި، ގިނަގުނަ ފިލާވަޅުތަކެއް މާޒީގެ ތެރެއަށް ދޫކުރަމުންނެވެ.
ވަކިވަކި ފަރުދުންނާއި، ގައުމުތައްވެސް އެތައް ތަޖުރިބާއެއް ކޮށް، ކުރި އުއްމީދުތަކާއި، ދެކުނު ހުވަފެންތަކުގައި ކުލެ ޖެއްސުމަށް ކުރެވުނު މަސައްކަތްތަކާއެކު، ފާއިތުވެދާ އަހަރަށް އަބަދުވެސް އަލްވަދާއު ކިޔަނީ އާއަހަރަށް ކުރާ ފޮނި އުއްމީދުތަކާއެކުއެވެ.
މިގޮތުން ހިނގަމުން މިދާ 2022 ވަނަ އަހަރަށް މުޅި ދުނިޔެ އަލްވަދާއި ކިޔަމުން ދާއިރު، ނިމިގެން މިދާ އަހަރުވެސް ވެގެން ދިޔައީ ދުނިޔެ ބޮޑެތި ކާރިސާތަކާއި ކުރިމަތިލާން ޖެހުނު، ގިނަ ގައުމުތަކަށް އެކި ބާވަތުގެ ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހުނު އަހަރެއް ކަމުގައެވެ.
ހަމަ އެފަދައިން، ނިމިގެން މިދާ 2022 ވަނަ އަހަރު ވެގެން ގޮސްފައިވަނީ، ދިވެހިރާއްޖެއަށްވެސް ފާއިތުވެދިޔަ ކޯވިޑް ކާރިސާއާއެކު، 2020 ވަނަ އަހަރުން ފެށިގެން ކުރިމަތިވާންފެށި ބޮޑެތި އިގްތިސާދީ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވިގެންދިޔަ ގިނަގުނަ މަސައްކަތްތަކާއެކު، އިގްތިސާދަށް ކުރިއެރުންތަކެއް ލިބުނު ނަމަވެސް، ދުނިޔޭގެ އިގްތިސާދަށް އޭގެފަހުން އައި ލޮޅުންތަކުގެ އަސަރު އިންތިހާއަށް ކުރި، ގައުމުގައި އޮތް ސިޔާސީ ހަލަބޮލިކަމަށްވެސް ހައްލެއް ނުފެނި ނިމިގެންދާ އަހަރެއް ކަމުގައެވެ.
އެހެންކަމުން އަހަރެއް ނިމިގެން ދާއިރު، ގައުމަށާއި ދުނިޔެއަށް ކުރިމަތިވެދިޔަ ބޮޑެތި ގޮންޖެހުންތަކާއި، އަދި އޭގެ ނަތީޖާއެއްގެ ގޮތުން ކުރާންޖެހުނު ތަޖުރިބާތަކާއި، ހާސިލްކުރެވުނު ކަންކަމާއި ނުކުރެވުނު ކަންކަމުގެ މައްޗަށް ނަޒަރެއް ހިންގާ، ނިމިދާ 2022 ވަނަ އަހަރުގެ މައްޗަށް އަވަސް ކަޅިއެއް ހިންގާލުމަކީ ކޮންމެހެންވެސް މުހިންމު ކަމެކެވެ.

ޔޫރަޕް ގެއްލުން ބޮޑު ހަނގުރާމައެއްގައި! ދުނިޔެ އިގްތިސާދީ ކާރިސާއެއްގައި!
2021 ވަނަ އަހަރު ނިމިގެން ދިޔައީ، 2019ވަނަ އަހަރު ނިމި، 2020 ވަނަ އަހަރަށް އަލިވިލުމާއެކު ދުނިޔެ ކުރިމަތިލާން ޖެހުނު ކޯވިޑް ކާރިސާގެ ނުރައްކާތެރި އާލަމީ ވަބާއިން ދުނިޔެއަށް މިންޖު ވެވޭނެކަމުގެ ފޮނި އުއްމީދުތައް ގެނެސް ދެމުންނެވެ. އެހެންނަމަވެސް، 2021 ވަނަ އަހަރުގެ ނިމުމަކާއި ހަމައަށް ދިޔައިރު މުޅި ދުނިޔެ ކުރަމުން އައި މި އުއްމީދުތަކަށް ފަނޑުކަން ގެނެސް ދިނީ، ދުނިޔެ އެފަދަ ދެވަނަ ކާރިސާއެއްގެ ވިލާގަޑެއްގައި، 3 ވަނަ ބޮޑު ހަގުރާމައަކާއި ދުނިޔެ ކުރިމަތި ލާންޖެހިދާނެ ކަމަށް ކުރެވެމުންދިޔަ ބިރުވެރި ހީތަކާއެކުއެވެ.
މިގޮތުން، 2022 ވަނަ އަހަރަށް އަލި ވިލިގެން ދިޔައިރު، ދުނިޔޭގަ އޮތް އެންމެ ވަރުގަދަ އެއް އަސްކަރިއްޔާއިން އަވައްޓެރި ޔޫކުރެއިންއަށް އުދުވާނީ ހަމަލާދީ، އެގައުމު ހިފުމަށް ކަމަރުބަނދެ، އަސްކަރީ ފައުޖުތައް އޮތީ ރުކުރުވާލާފައެވެ. އެއާކު 2022 ވަނަ އަހަރުގެ ފެބްރުއަރީމަހުގެ 24 ވަނަ ދުވަހު ރަޝިއާއިންވަނީ ޔޫކުރެއިންއަށް އަރާ އެގައުމު ހިފުމަށް ހަގުރާމަ ފަށާފައެވެ.
އެހެންނަމަވެސް، ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ޔޫކުރެއިން ހިފުމަށް ރަޝިއާއިން ރާވާފައިވާ ހުރިހާ ރޭވުމެއް ފަނުފުލުން ގޮސް، ދުނިޔޭގެ ދަވަނަ ބޮޑު ހަނގުރާމައަށްފަހު ޔޫރަޕް ތަޖުރިބާ ކުރަމުންދާ އެންމެ ގެއްލުން ބޮޑު ހަނގުރާމައަށް 10 މަސް ފުރިގެން ދިޔައިރު، މި ހަނގުރާމައިގެ ސަބަބުން ރަޝިއާއަށްވަނީ އިގްތިސާދީގޮތުން ފޫ ނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާން ޖެހިފައެވެ.
ހަމަ އެއާއެކު ހުރިހާ ގޮތަކުންވެސް މި ހަނގުރާމައިން ޔޫކުރެއިންއަށް ބޮޑެތި ގެއްލުންތަކަކާއި ކުރިމަތިލާން ޖެހި، ރަޝިއާ ޔޫކުރެއިން ހަގުރާމަ ހުޅަނގުގެ ބާރުތަކާއި ރަޝިއާއާއި ދެމެދު ހިގަމުންދާ ޕްރޮކްސީ ހަނގުރާމައަކަށް ބަދަލުވެފައި ވާއިރު، 2022 ވަނަ އަހަރު ނިމިގެންދާއިރުވެސް، އެއްވެސް ހައްލެއް ފެންނާން ނެތް، މިހަގުރާމައިގެ ގެއްލުން މިހާރު ފޯރުމުން ދަނީ ހަމައެކަނި ރަޝިއާއާއި ޔޫކުރެއިންއަކަށް ނޫނެވެ. 10 މަސްދުވަސް ފާއިތުވެފައިވާ ރަޝިއާ ޔޫކުރެއިން ހަނގުރާމައިގެ ނަތީޖާއެއްގެ ގޮތުން، ދުނިޔޭގެ އިގްތިސާދަށް ފަހުގެ ޒާމާނެއްގައި ކުރިމަތިލާން ޖެހިފައި ނުވާފަދަ ބޮޑެތި ލޮޅުންތަކާއި މިއަހަރުވަނީ ކުރިމަތިކާން ޖެހިފައެވެ.

މިގޮތުން ދުނިޔޭގެ މާލީ އިދާރާތަކުން މިހާރު އަންދާޒާ ކުރާ ގޮތުގައި އަންނަ އަހަރު ދުނިޔޭގެ ޖީޑީޕީ (ދުނިޔޭގެ އުފެއްދުންތެރިކަން) ކުރިއަރާނީ 1.7 އިންސައްތައިންނެވެ. މިއީ ފާއިތުވެދިޔަ 40 އަހަރު ދުވަހުގެ ތެރޭގައިވެސް ދުނިޔޭގެ އުފެއްދުންތެރިކަން އެންމެ ދަށްކޮށް ކުރިއަރާނެކަމަށް ކުރެވިފައިވާ އަންދާޒާއެވެ.
އޭގެ އިތުރުން ޔޫކުރެއިން ހަނގުރާމައިގެ ސަބަބުން 2.3 މިލިއަން މީހުން ޔޫރަޕްގައި ގެދޮރު ނެތިފައިވާއިރު، އިތުރެ އެތައް މިލިއަން މީހުންގެ ދިރުއުޅުންވަނީ ނުރައްކަލަށް ހުށަހެޅިފައެވެ.
އޭގެ އިތުރުންވެސް ރަޝިއާއި ޔޫކުރެއިންއަކީ، ދުނިޔޭގެ ކެއިން ބުއިމަށް ބޭނުންވާ ކާބޯތަކެތީގެ ވަރަށް މުހިންމު ބާވަތްތައް ހައްދާ ދެގައުމު ކަމަށް ވުމާއެކު، މި ދެގައުމުގެ މެދުގައި ހިގަމުންދާ ގެއްލުން ބޮޑު މިހަނގުރާމައިގެ ސަބަބުން މުޅި ދުނިޔޭގެ ކާބޯތަކެތީގެ ސަޕްލައިއާއި ޑިމާންޑަށްވަނީ ވަރަށްވެސް ބޮޑަށް ނޭދެވޭ އަސަރު ކޮށްފައެވެ.
ދުނިޔޭގެ މާރކެޓަށް ސަޕްލައި ކުރަމުންދާ ވީޓް އާއި ބާރްލީގެ (ކުދިބަތާއި ގޮދަނނައިގެ ބާވަތްތައް) %30 ހިއްސާ ކުރަމުންދަނީ ރަޝިއާއާއި ޔޫކުރެއިންއިންނެވެ. އަދި މީގެ އިތުރުން، ދުނިޔެއަށް ސަޕްލައި ކުރާ ޒުވާރީގެ ފަސްބައިކޮށްފަ އެއްބައި ރަޝިއާއި ޔޫކުރެއިން ސަޕްލައި ކުރާއިރު، ދުނިޔޭގެ މާރކެޓްތަކަށް ސަޕްލައި ކުރަމުންދާ ސަން ފްލާވާރ އޮއިލްގެ %50 ސަޕްލައި ކުރަމުންދަނީވެސް މިދެގައުމުންނެވެ. ހަމަ އެއާއެކު، ރަޝިއާއާއި، އެގައުމުގެ އަވައްޓެރި ބެލަރޫސްއަކީ މުޅި ދުނިޔެއަށް ސަޕްލައިކުރަމުންދާ ފާރޓިލައިޒަރ (ގަސްކާނާ)ގެ ފަސްބައިކޮށްފަ އެއްބައިސަޕްލައި ކުރަމުންދާ ދެގައުމެވެ.
މީގެ އިތުރުން ރަޝިއާއަކީ ދުނިޔޭގައި އެންމެ ގިނައިން ގުދުރަތީ ގޭސް އެކްސްޕޯޓުކުރާ ގައުމެވެ. އަދި އެގައުމަކީ ދުނިޔޭގެ ދެވަނައަށް އެންމެ ގިނައިން ތެޔޮ އެކްސްޕޯޓު ކުރާ ގައުމުވެސްމެއެވެ.
ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ މާލީ އިދާރާތަކުން މިހާރު ލަފާ ކޮށްފައިވާ ގޮތުގައި 2022 ވަނަ އަަހަރު ނިމިގެންދާއިރު، މުޅި ދުނިޔޭގައި ތެލާއި ކާބޯތަކެތީ އަގަށް ބަދަލު އައިސް، %50 އާއި %35 އިން އިންފްލޭޝަން މަތިވެގެން ދާނެއެވެ.
ރައްޖެއަށް އިގްތިސާދީ ކުރިއެރުން ލިބު، އެހެންނަމަވެސް އިގްތިސާދީގޮތުން ގޮންޖެހުން ބޮޑު އަހަރެއް!
ފާއިތުވެދާ 2022 ވަނަ އަަހަރު ފާހަގަވެގެން ދަނީ ދިވެހިރާއްޖެއަށް އިގްތިސާދީ ގޮތުންނާއި، އަދި އެނޫން އެތައް ގޮތަކުންވެސް ތަފާތު ތަޖުރިބާތަކެއް ކުރާންޖެހުނު އަހަރެއް ކަމުގައެވެ.
2020 ވަނަ އަހަރު ދުނިޔެ ކުރިމަތިލާންޖެހުނު ކޯވިޑް ކާރިސާގެ ބޮޑެތި ގޮންޖެހުންތަކާއެކު، އެއަހަރު ނިމި، ކޯވިޑް ކާރިސާއިން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް 2021ވަނަ އަހަރު ސަރުކާރުންނާއި އެނޫން ފަރާތްތަކުންވެސް ކުރި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން 2022 ވަނަ އަަހަރު ވެގެން ދިޔައީ ރާއްޖެއަށް އިގްތިސާދީގޮތުން ކުރިއެރުންތަކެއް ހާސިލް ކުރެވިގެން ދިޔަ އަހަރެއް ކަމުގައެވެ.
މިގޮތުން 2022 ވަނަ އަހަރު ނިމިގެންދާއިރު، ސަރުކާރުން ކުރިންވެސް އަންދާޒާ ކޮށްފައިވާ ފަދައިން ރާއްޖޭގެ އިގުތިސާދުވަނީ ކޯވިޑް ކާރިސާގެ ކުރީގެ ހާލަތާއި އެންހަމައަށް ދަތުރު ކޮށްފައިކަން ފާހަގަ ކޮށްލާން ޖެހެއެވެ. އޭގެ އެންމެ ބޮޑު ހިއްސާއެއް އަދާކޮށްފައިވަނީ ކުރު މުއްދަތެއްގައި ރާއްޖޭގެ ފަތުރުވެރިކަމުން ހޯދާފައިވާ ބޮޑު ކުރިއެރުމެވެ.
މީގެ ހަފްތާއެއް ކުރިން ރާއްޖެއިންވަނީ މިއަހަރު ފަތުރުވެރިން ގެނައުމަށް ސަރުކާރުން ހިފި އަމާޒަށް ވާސިލްވެފައެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވަނީ މި ހިނގާ 2022 ވަނަ އަހަރު ޖުމްލަ 1.6 މިލިޔަން ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރާނެކަމަށް ސަރުކާރުން އަންދާޒާކުރާކަމަށެވެ.

އެހެންނަމަވެސް، ކޯވިޑް ކާރިސާއިން ރާއްޖޭގެ އިގްތިސާދަށް ލިބިގެންދިޔަ ގެއްލުން ތަކުން އަރައިގަތުމަށް ސަރުކާރުން ހޯދި ކުރިއެރުންތަކާއެކުވެސް، ދުނިޔޭގެ އިގްތިސާދަށް އަންނަމުންދާ ލޮޅުންތަކުގެ ނޭދެވޭ އަަސަރު ރާއްޖޭގެ އިގްތިސާދަށް ވަރަށްވެސް ނުރަގަޅުކޮށް ކޮށްފައިވާކަންވެސް މިފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ. މިގޮތުން ތަކެތީގެ އަގު އިންތިހާއަށް އުފުލި، ރައްޖޭގެ އިގްތިސާދުގައި އިންފްލޭޝަން މަތިވެ، އަދި އަހަރު ނިމެމުން ދަނިކޮށް މިހާރު ނަގަމުންދާ ޓެކްސް ބޮޑުކުރުމަށް ސަރުކާރުން ނިންމި ނިންމުމާއެކު، 2022 އަށް އަލްވަދާއު ކިޔާން ޖެހިފައިވަނީ އިގްތިސާދީ ގޮތުން ވަރަށްވެސް ބޮޑު ނުތަނަވަސް ކަމެއްގައިކަންވެސް މިފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ.
އިދިކޮޅު ލީޑަރު ޖަލަށް، އަނެއްކާވެސް ސިޔާސީ ގޮތުން ހަލަބޮލިކަން!
ދިވެހިރާއްޖެ އާންމު އުސޫލުން ނެތިގެން ނުދާ ސިޔާސީ ހަލަބޮލިކަމެއްގައި އަބަދުވެސް އޮންނަމުން ދިޔަ ނަމަވެސް، 2022 ވަނަ އަހަރު ނިމިގެން މިދަނީ، އަނެއްކާވެސް ގައުމަށް އިތުރަށް ސިޔާސީ ހަލަބޮލިކަން ގެނުވަމުންނެވެ.
މިގޮތުން ގިނަ ބައެއްގެ ހީކުރުންތަކާ އެއްގޮތަށް، އަހަރު ނިމުމުގެ ކުރިން އިދިކޮޅު ޕީޕީއެމްގެ ރައީސް ޔާމިންގެ މައްޗަށް ކުރިމިނަލް ކޯޓުންވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.
މިއީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތުހުމަތުގައި ޔާމިންގެ މައްޗަށް ދަށު ކޯޓުން ހުކުމް ކުރި ދެވަނަ ފަހަރެވެ. ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވުމުގެ ކުށުގައި ޔާމިންގެމައްޗަށް އެންމެ ފުރަތަމަ ކުރިމިނަލް ކޯޓުން އިއްވި ހުކުމް ސުޕްރިމް ކޯޓުން ބާތިލް ކުރުމާއިގުޅިގެން ޖަލުން މިނިނަވްވިތާ އަހަރެއްހާ ދުވަސްފަހުން ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑަރ ކުރުމުގެ ކުށުގައި ކުރިމިނަލް ކޯޓުން މިފަހަރު ޔާމިންގެ މައްޗަށް އިއްވާފައިވަނީ 11 އަހަރަށް ޖަލަށް ލުމުގެ އިތުރުން، 5 މިލިއަން ޑޮލަރުން ޖޫރިމަނާކޮށް، އެފައިސާ މީރާއަށް ކުރިޔަށް އޮތް 6 މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާސް ކުރުމަށެވެ.

ކުރީގެ ރައީސް ޔާމިން މައްޗަށް ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ދިގުމުއްދަތަކަށް ޖަލަށް ލުމާއެކު، ކުރިޔަށް އޮތް 2023ގެ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ކެނޑިޑޭޓުގެ ހައިސިއްޔަތުން ވާދަކުރުމުގެ ފުރުސަތު ޔާމިނަށް ވަނީ ގެއްލިފައެވެ. އެއާއެކު އިދިކޮޅު ޕީޕީއެމްއިންވަނީ ޔާމިން މިނިވަންކުރުމަށް ގޮވާލާ މަގުމަތީގައި މުޒާހިރާ ކުރާން ފަށާފައެވެ.
އެހެންކަމުން، 2022 ވަނަ އަހަރަށް އަލްވަދާއު ކިޔުމަށް ގައުމު ތައްޔާރު ވަމުންދާއިރު، މިއަހަރު ސިފަކުރާން ޖެހެނީ ހުރިހާ ގޮތަކުންވެސް ގައުމަށް ގޮންޖެހުން ބޮޑު، މުޅި ދުނިޔެއަށްވެސް ކާރިސާތަކުން އަރައިގަނެވިފައި ނުވާ އަހަރެއްގެ ގޮތުގައެވެ.
އާއަހަރަކަށް އާ އުއްމީދުތަކާއެކު މަރުހަބާ ކިޔުމަށް ތައްޔާރު ވަމުންދާއިރު، އަލްވަދާއި ކިޔާން ޖެހިފައިވަނީ ހާސްކަން ބޮޑު އަހަރަކަށެވެ.
ކޮމެންޓު ފޮނުވާ