ވޯލްޑް ކަޕަށް ފަހު ޕީއެސްޖީ ކުޅުނު ފުރަތަމަ މެޗުގެ ފަހު ވަގުތު ލިބުނު ޕެނަލްޓީ ކާމިޔާބުކޮށްގެން ކިލިއަން އެމްބާޕޭ އެ ޓީމު މޮޅު ކޮށްދީފިއެވެ.
ފްރާންސް ލީގުގެ ފަހަތުން ދެ ވަނައިގައި އޮތް ސްޓްރާސްބޯގާ ދެކޮޅަށް ކުޅުނު މެޗުން ޕީއެސްޖީ މޮޅުވީ 2-1 އިންނެވެ. މެޗުގެ 14 ވަނަ މިނިޓުގައި ޕީއެސްޖީ އިން ލީޑު ނެގީ ނޭމާ ނަގައިދިން ހިލޭޖެހުމަކުން ކެޕްޓަން މާކީނިއޯސް ބޮލުން ޖެހި ފްރީ ހެޑާއަކުން ކާމިޔާބު ކުރި ގޯލުންނެވެ. ނަމަވެސް ދެ ވަނަ ހާފު ފެށިގެން ހަ ވަނަ މިނިޓުގައި މާކީނިއޯސް ފައިގައި ޖެހިފައި މިސްރާބު ބަދަލު ވެގެން ވަން ބައި ގޯލަކުން މެޗުގެ ނަތީޖާ އެއްވަރު ވީއެވެ.
ޕީއެސްޖީ އަށް މެޗުގެ އޮއިވަރު އިތުރަށް ގޯސްވީ 62 ވަނަ މިނިޓުގައި ނޭމާ އަށް ދެވަނަ ރީނދޫ ކާޑަކާ އެކު ރަތް ކާޑު ދެއްކުމުންނެވެ. އޭގެ މިނިޓެއް ކުރިން ސްޓްރާސްބޯގް ކުޅުންތެރިއެއްގެ މޫނުގައި އަތްލުމުން ނޭމާ އަށް ވަނީ ރީނދޫ ކާޑެއް ދައްކައިފަ އެވެ. ރަތް ކާޑު ދެއްކީ އޭނާ ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ، ޕެނަލްޓީއެއް ހޯދަން ޑައިވް ކުރުމުންނެވެ.
އެކަކު މަދުކޮށް ކުޅެމުން ދިޔަ ޕީއެސްޖީ މެޗުން މޮޅުވީ އިތުރު ވަގުތުގެ ހަތަރު ވަނަ މިނިޓުގައި އެމްބާޕޭ ޖަހައިދިން ޕެނަލްޓީ އިންނެވެ. މި ޕެނަލްޓީއަކީ ސްޓްރާސްބޯގުގެ ކުޅުންތެރިއެއް އޭރިއާ ތެރެއިން އެމްބާޕޭ އަށް ފައުލް ކޮށްގެން ދިން ޕެނަލްޓީއެކެވެ.
މި ނަތީޖާއާ އެކު ލީގުގެ އެއް ވަނައިގައި އޮތް ޕީއެސްޖީން ވަނީ 16 މެޗުން 44 ޕޮއިންޓް ހޯދައިފައެވެ. ދެ ވަނައިގައި އޮތީ 15 މެޗުން 36 ޕޮއިންޓް ހޯދާފައިވާ ލެންސްއެވެ. ނޭމާ އާއި އެމްބާޕޭ މި މެޗުގެ ފުރަތަމަ 11 ގައި ކުޅުނު ނަމަވެސް، ވޯލްޑް ކަޕް ކާމިޔާބު ކުރި މެސީ އަދި ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވާކަށް ނުފަށައެވެ. އަދި މޮރޮކޯ އާއެކު ވޯލްޑް ކަޕް ސެމީ ފައިނަލް ކުޅުނު އަޝްރަފް ހަކީމީ މި މެޗުގައި ކުޅެން ނުކުތީ ފަހު 10 މިނިޓަށެވެ.