އެފްރިކާއަށް ވެއްޓުނު 15 މެޓްރިކް ޓަނުގެ ބޮޑު ގިނި ހިލައަކުން މުޅިން އާ ދެ މިނެރަލްއެއް ފެނިއްޖެ

އެފްރިކާއަށް ވެއްޓުނު 15 މެޓްރިކް ޓަނުގެ ބޮޑު ގިނި ހިލައަކުން މުޅިން އާ ދެ މިނެރަލްއެއް ފެނިއްޖެ

Author
ހުސެއިން
29 ޑިސެމްބަރ 2022 09:37
0

އެފްރިކާއަށް ވެއްޓުނު 15.2 މެޓްރިކް ޓަނުގެ ބޮޑު މީޓިއޮރައިޓަކުން (ގިނި ހިލައަކުން)، މީގެ ކުރިން ފެނިފައިނުވާ މުޅިން އާ ދެމިނެރަލް ސައިންސްވެރިން ހޯދައިފިއެވެ.

ޔުނިވާރސިޓީ އޮފް އަލްބާޓާއިން އާންމު ކޮށްފައިވާ މައުލޫމާތު ތަކުގައި ވާގޮތުން މި މިނެރަލްތައް ފެނިފައިވަނީ، މި ބޮޑު މީޓިއޮރައިތްގެ 70 ގްރާމްގެ އެތިކޮޅެއް ތަހުލީލުކުރުމުގެ ތެރޭގައެވެ. މިއީ 2020 ވަނަ އަހަރު ފެނިފައިވާ، މިހާތަނަށް ދުނިޔެއަށް ވެއްޓިފައިވަނިކޮށް ފެނިފައިވާ 9 ވަނައަށް އެންމެ ބޮޑު މީޓިއޮރައިޓެވެ.

އަލްބާޓާ ޔުނިވަރސިޓީގެ މީޓިއޮރައިޓް ކަލެކްޝަން ބަލަހައްޓާ ކްރިސް ހާރޑްއަށް މި މީޓިއޮރިއިޓްގެ ސާމްޕަލެއް ލިބިފައިވަނީ މި ގިނިހިލައިގެ ތަހުލީލުތައް ކުރުމަށްޓަކައެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި މި ގިނިހިލަ ތަހުލީލުކުރަމުން ދަނިކޮށް އޭނާގެ ލޮލުގައި އަޅައިގަތީ، މި ގިނި ހިލާގައިވާ އާދަޔާ ޚިލާފް، މައިކްރޮސްކޯޕަށް ދެނެނުގަނެވޭ ޒާތުގެ ތަންކޮޅެކެވެ.

އެހާތަނުން އޭނާވަނީ ޔުނިވަރސިޓީގެ އިލެކްޓްރޯން މައިކްރިކޯބް ލެބޯޓްރީގެ ވެރިޔާ އެންޑްރޫ ލޮކޮކްގެ އެހީތެރިކަމަށް އެދިފައެވެ. އަދި ހާރޑް މި އާ މިނެރަލްތައް ލޮކޮކަށް ދެނެގަނުވުނު ގޮތް އޭގެ ފަހުން ވިދާޅުވެ ދެއްވާފައެވެ.

"އެންމެ ފުރަތަމަ ދުވަހުވެސް އޭނާ ކުރި ދިރާސާއަށްފަހު ބުނެފި، މީގަ މުޅިން އާ ދެ މިނެރަލްއެއް ވާކަމަށް،" ޔުނިވަރސިޓީގެ ޑިޕާރޓްމަންޓް އޮފް އާތު އެންޑް އެޓްމޮސްފިއަރ ސައިންސަސްގެ ޕްރޮފެސަރއެއް ކަމުގައިވާ ހާޑް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވެއެވެ.

"މިއީ ކަން ހިގައިދިޔަ ގޮތް. ގިނަ ފަހަރަށް މުޅިން އާ ދެ މިނެރަލްއެއްކަމަށް ނިންމަން އިތުރަށް ވަރަށް ގިނަ މަސައްކަތް ކުރާން ޖެހޭ."

މި ގިނި ހިލައިން ފެނުނު އެއް މިނެރަލްއަށް ކިޔާ ނަމަކީ "އެލަލައިޓް" އެވެ. މި ނަން ދީފައިވާ މިނެރަލް ފެނުނު ގިނި ހިލައަށް ނިސްބަތް ކޮށެވެ. މިނެރަލް ފެނުނު ގިނި ހިލައިގެ ނަމަކީ "އެލް އަލީ" އެވެ. މި ގިނި ހިލައަށް މިނަން ދީފައިވަނީ ސޯމާލިއާގެ މެދުތެރޭގެ އަވަށެއް ކަމަށްވާ "އެލް އަލީ" އަވަށުން މި ގިނަހިލަ ފެނިފައިވާތީއެވެ.

މި ގިނަ ހިލައިްން ފެނުނު ދެވަނަ މިނެރަލްއަށް ހާރޑް ދީފައިވާ ނަމަކީ "އެލްކިންސްޓަންޓޮނައިޓް" އެވެ. މި ނަން ދީފައިވަނީ އެރިޒޯނާ ސްޓޭޓް ޔުނިވަރސިޓީގެ އިންޓަރޕްލެނެޓަރީ އިނިޝިއޭޓިވްގެ ނާއިބު ރައީސް ލިންޑީ އެލްކިންސް ޓަންޓޮންގެ ނަމަށް ނިސްބަތް ކޮށްގެންނެވެ. އެލްކިންސް ޓަންޓޮން އަކީ އެ ޔުނިވަރސިޓީގެ ސްކޫލް އޮފް އާރތު އެންޑް ސްޕޭސް އެކްސްޕޮލޮރޭޝަންގެ ރީއޭޖެންޓް ޕްރޮފެސަރއަކަށް ވުމުގެ އިތުރުން އޭނާއަކީ ނާސާގެ ކުރިޔަށް އޮތް ސައިކް މިޝަންގެ ޕްރިންސިޕަލް އިންޓޯރެގޭޓާރ ވެސްމެއެވެ.

ސްޕޭސް އޭޖެންސީން ހާމަ ކޮށްފައިވާ ގޮތުގައި ނަސާގެ މި މިޝަންއަކީ މާރސްއާއި ޖުޕިޓަރ ދެމެދުން އިރުގެ ވަށައިގެން ބުރުޖަހަމުންދާ މިނެރްލަތަކުން މުއްސަދި ގިނި ހިލައެއްގެ ދަތުރާއި ގުޅުންހުރި މިޝަންއެކެވެ.

މި އަހަރުގެ ނޮވެމްބަރުމަހު، އިންޓަރނޭޝަނަލް މިނެރޮލޮޖިކަލް އެސޯސިއޭޝަންއިންވަނީ މި ދެމިނެރަލްއަކީ ސައްޙަ ދެ މިނެރަލްކަމަށް ނިންމާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.