ވެރިކަމަށް އައުމަށް ވެފައިވަ ވައުދުތަކުގެ ގިނަ މަސައްކަތްތައް ނިމިފައިވާކަމަށާއި، އަދި ނުނިމިހުރި ވައުތައް ކުރިއަށް އޮތް ދެ އަހަރެއްގެ ތެރޭގައި ނިމިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ހަމަސް ދުވަހަށްފަހު މިއަދު ނޫސްވެރިންނާއި ބައްދަލު ކުރައްވައި ރައީސް ޞާލިހު ވިދާޅުވީ މިސަރުކާރުގެ ފާއިތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ވެފައިވާ ގިނަ ވައުދުތައް ފުއްދިފައިވާކަމަށެވެ. ކޯވިޑާއި، ރަޝިއާ ޔޫކްރެއިން ހަނގުރާމައާއި އެކުގައިވެސް ވެފައިވާ ވައުދުތަކުގެ ބޮޑު އިންސައްތައެއް ފުއްދިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ މިހާރު ކުރިއަށްދާ އަދި ނިމިފައިވާ ކަންކަމަށްވެސް އަލި އަޅުވާލާފައެވެ. އެގޮތުން ސާފުބޯފެނާއި ނަރުދަމާ އެންމެނަށް ފޯރުކޮށްދިނުމުގެ 141 މަޝްރޫއު މިހާރުވެސް ކުރިއަށް އެބަދާކަމަށާއި، ކަރަންޓުގެ ޔަގީންކަން އެންމެނަށް މިހާރު މިވަނީ ފޯރުކޮށްދީފައި ކަމަށެވެ. އަދި 144 ރަށެއްގައި ޖަނަރޭޓަރ އަލަށް ބެހެއްޓި، އިންޖީނުގެތަކާއި އޮފީސް އިމާރާތް ކުރުމުގެ 76 މަޝްރޫޢެއް މިހާރުވެސް ކުރިއަށް ދާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ލަފާފުރުން ހައްލުކުރުމަށް 47 ރަށެއްގެ ބަނދަރު ނިމި، 37 ރަށުގެ މަސައްކަތް ކުރިއަށް ދާކަމަށެވެ. 31 ރަށުގެ މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާއިރު، 7 ރަށުގެ ބިން އިތުރުކޮށް ނިމި، 8 ރަށުގެ ބިން އިތުރުކުރުމުގެ އަމަލީ މަސައްކަތް މިހާރުވެސް ކުރިއަށް ދާކަމަށް ރައީސް ވިދާޅުވިއެވެ.
މި ސަރުކާރަށް 4 އަހަރު ފުރިއްޖެ. ގުނަމުން މިގެންދަނީ 5 ވަނަ އަހަރު. ވީ ވައުދުތައް ފުއްދުމުގައި އަޅުގަނޑުމެންނަށް ގިނަ މަސައްކަތްތަކެއް މިހާތަނަށް ކުރެވިއްޖެ.
– ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ރާއްޖެއަށް އަލުން އަނބުރާ ހަމަޖެހުން ގެނެވިއްޖެ ކަމުގެ ހިތްހަމަޖެހުން އެބައޮތް ކަމަށެވެ. އަސާސީ ޚިދުމަތްތައް ރާއްޖޭގެ އެންމެންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ދަނީ މިހާރުވެސް ބާރަށް ކުރިއަށްް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިހާރު ކުރިއަށްދާ މަޝްރޫޢުތަކާއި، ވައުދުތަކުގެ ނުނިމި ހުރި މަސައްކަތް ކުރިއަށް އޮތް ދެ އަހަރެއްގެ ތެރޭގައި ނިމިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ